ދ. ބަނޑިދޫ ސްކޫލުގެ 2021-2022 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އެ ރަށު، އުދަރެސް، އާމިނަތު ސަހާ ހޮވިއްޖެއެވެ.
މި ޚާއްސަ ވަނަ އިއުލާނު ކުރީ މިރޭ އޮތް ބަނޑިދޫ ސްކޫލުގެ އިނާމު ދިނުމުގެ ހަފުލާގައެވެ.
މި ދަރިވަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލައާއި، ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު ދެއްވާ އިނާމާއި، ސްކޫލުން ދޭ އިނާމުގެ އިތުރުން ޕީޓީއޭގެ ފަރާތުން ދޭ އިނާމު ވެސް ދީފައިވެއެވެ.
އިނާމު ހާސިލްކުރުމަށް ފަހު މި ހަފުލާގައި ވާހަކަދައްކަމުން ސަހާ ވަނީ ތައުލީމީ ދަތުރުގައި އެންމެ ތުއްތުއިރުއްސުރެ މިއަދާ ހަމައަށް ހުރި ބައެއް ހަނދާންތައް ހިއްސާކޮށްފައެވެ.
ސަހާ ބުނި ގޮތުގައި ހަތް ދަރިވަރުންގެ ކްލާހަކާ އެކު 14 ވަރަކަށް އަހަރު ހޭދަކުރަން ޖެހުމަކީ އޭނާއަށް ސްކޫލުގެ ދަތުރު ހޭދަކުރުމުގައި ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
ކުދިންގެ އަދަދު މަދުވުމުން، އެކި ފަންނީ ޕްރޮޖެކްޓުތަކާއި، ކިޔެވުމުގައި މުހިންމު އެކްސްޕެރިމަންޓްތައް ހެދުމުގައި އެކި ދަތިތައް ކުރިމަތިވިކަމަށް ބުންޏެވެ.
ނަމަވެސް އެ ހުރިހާ ކަމަކާ އެކު ވެސް ބެސްޓް އޯލްރައުންޑްގެ މަގާމު ހޯދަން ބޭނުންނަމަ ރަނގަޅު އަޚްލާގެއްގައި ދެމިހުރެ މުދައްރިސުންނާއި މައިންބަފައިންގެ ބަހަށް ކިޔަމަންތެރިވުމަށް ވަނީ އިރުޝާދު ދީފައެވެ.
"އަޅުގަނޑުގެ އެކުވެރި ދަރިވަރުންނަށް އަޅުގަނޑުގެ މެސެޖަކީ ބެސްޓް އޯލްރައުންޑްގެ ހުވަފެން ދެކޭނަމަ މި ފަދަ މަގާމަކަށް އަންނަން ބޭނުންވަނީ ރަނގަޅު އަޚްލާގަކާއި ކިޔަމަންތެރިކަމާއި ވަރުގަދަ އަޒުމް،" ސަހާ ބުންޏެވެ.
މީގެ އިތުރުން މި ހަފުލާގައި މިދިޔަ އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ފަސް މާއްދާއިން ފާސް ހޯދި ތިން ދަރިވަރުންނަށް ސްކޫލުގެ ޕީޓީއޭގެ ފަރާތުން ދޭ އިނާމު ވެސް ވަނީ ހަވާލުކޮށްފައެވެ.
ބަނޑިދޫ ސްކޫލުގެ އިނާމު ދިނުމުގެ މި ޖަލްސާގައި ސަބްޖެކްޓް ޕްރައިސް ޖުމްލަ އަށް ދަރިވަރަކު ވަނީ ހާސިލްކޮށްފައެވެ. މި ދަރިވަރުންނަށް ސްކޫލުގެ ފަރާތުންނާއި މެމްބަރު ސިޔާމްގެ ފަރާތުން ދޭ ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.
ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒް ހަތަރު ދަރިވަރުން ހާސިލްކޮށްފައިވެއެވެ. މީގެ އިތުރުން ޕްރޮގްރެސް ޕްރައިިޒް ވެސް ހަތަރު ދަރިވަރުން ވަނީ ހާސިލްކޮށްފައެވެ.
ހަމައެއާއެކު ސްކޫލުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވެސް މި ހަފްލާގައި އަގުވަޒަންކުރުމުގެ ހަނދާނީ ފިލާވަނީ ދީފައެވެ.
އެ ފިލާ، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދަށް ވެސް ވަނީ އަރުވައިފައެވެ. މީގެ އިތުރުން ބައެއް ވިޔަފާރިތަކާއި، ފަރުދުންނަށް ވެސް އަގުވަޒަންކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ.
މީގެ އިތުރުން ބަނޑިދޫ ސްކޫލުގެ ޓީޗަރުންގެ ތެރެއިން ރަނގަޅު ނަތީޖާއެއް ނެރެދިން ޓީޗަރުން ވެސް ހަފުލާގައި ފާހަގަކޮށްފައިވެއެވެ.