ބަޔާނާ ގުޅުމަށް ކޭން ނިންމި ނިންމުން ރަނގަޅެއް ނޫން: އޮވެން

ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށްފަހު، ބަޔާންގެ ހެރީ ކޭން އުފާފާޅުކުރަނީ -- ފޮޓޯ/ ބަޔާން

ބަޔާން މިއުނިކާ ގުޅުމަށް އިނގިރޭސި ފޯވަޑް ހެރީ ކޭން ނިންމީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށް އިނގިރޭސި ފުޓުބޯޅަ ލެޖެންޑް މައިކަލް އޮވެން ބުނެފިއެވެ.

ކޭންގެ ފުޓުބޯޅަ ކެރިއަރު ފެށި ޓޮޓެންހަމް ހޮޓްސްޕާގައި 14 އަހަރު ހޭދަކުރުމަށްފަހު، ބަޔާނާ ގުޅުނީ މިދިޔަ ސީޒަނަށްފަހު 100 މިލިއަން ޔޫރޯ (110 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. އޭނާ އެ ކްލަބާ ގުޅުނީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އޮވެން ދެކޭގޮތުގައި ދިގު މުއްދަތަކަށް ބަޔާނާ ކޭން ގުޅުން ރަނގަޅެއް ނޫނެވެ.

"ކޭން ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި ސޮއި ނުކުރި ނަމަ، އޭނާގެ ކެރިއަރު ކޮންޓްރޯލުކުރުމުގެ އަމިއްލާ ބާރު އޮންނާނެ. ޓޮޓެންހަމްގެ ކޮންޓްރެކްޓް ނިމުމަކާ ގާތަށް ގޮސްފައިވަނިކޮށް، އޭނާ އެ ނިންމުން ނިންމީ. އޭނާ މަޑުކުރި ނަމަ، ބާސެލޯނާ، ރެއާލް މެޑްރިޑް އަދި ބޭނުން ކޮންމެ ކްލަބަކާ ގުޅުމުގެ ބާރު އޮންނާނެ،" އޮވެން ބުންޏެވެ.

އޮވެން ބުނީ ކޭންއަށް ޓޮޓެންހަމް ހޮޓްސްޕާގައި މަޑުކުރުމަށްފަހު ޖެނުއަރީ ޓްރާންސްފާގައި މާ ރަނގަޅު ގޮތެއް ނިންމުނީސް ކަމަށާއި ޖަރުމަން ބުންޑަލްސްލީގާ ކާމިޔާބުކުރުމަކީ މާ ހާއްސަ ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި ޖަރުމަން ލީގަކީ ބަޔާނަށް ކޭންއާ ނުލައިވެސް ކާމިޔާބުކުރެވޭނެ ލީގެއް ކަމަށް އޮވެން ބުންޏެވެ.

އުމުރުން 30 އަހަރުގެ ކޭން، ބަޔާނާ ގުޅުމަށްފަހު، އޭނާ ދަނީ ޖަރުމަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް އޭނާ ކުޅުނު 12 މެޗުން ވަނީ 11 ގޯލު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް