އެތައް ދިވެއްސަކު ބޮޑުވަމުން އައި އިރު ބެލި އެއް ފިލްމަކަށް "ޕަރީ ދައްތަ" ވާނެއެވެ. ގިނަ ބައެއްގެ ހަނދާނުގައި މި ފިލްމު އަދިވެސް ވާނެއެވެ. މިއީ ދިވެހި ފިލްމީ ތަރި ޝީލާ ނަޖީބަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. މި ފިލްމާއެކު އެތައް ބަޔަކު ޕަރީ ދައްތަ ބަލާލަން ބޭނުންވެފައި ތިބިތާ އެތައް ދުވަހެއް ވެއްޖެއެވެ. މިއޮތީ އެ އިންތިޒާރަށް ނިމުމެއް އައިސްފައެވެ.
"އިންސާނިއްޔަތަށް ޓަކައި" ނަމުގައި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުން ކުރިއަށް ގެންދާ ޚާއްޞަ އިވެންޓުގެ ތެރެއިން މިއަދު ވަނީ ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. މި ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި ކެރެކްޓަރުންގެ ގޮތުގައި ފެނުނީ ދިވެހި ތަރީންނެވެ.
އޭގެ ތެރެއިން އެއް ތަރިއަކީ ޝީލާ އެވެ. ޝީލާ މިފަހަރު ފެނިފައިވަނީ އެތައް ބަޔަކު ހަނދާންވާ ޕަރީ ދައްތައިގެ ގޮތުގައެވެ.
"ޕަރީ ދައްތަ އަކީ ވަރަށް ގިނަ ކުޑަކުދިން ބަލާ ފިލްމެއް. ކުރީގެ ކުޑަކުދިންނާއި މިހާރުގެ ކުޑަކުދިންނަށް ވެސް ޕަރީ ދައްތައަކީ އެއް އިރެއްގައި ކަމުދިޔަ ފިލްމެއް،" ޝީލާ ކިޔައިދިނެވެ.
ޝީލާ މި ދައްކާ ޕަރީ ދައްތަ ފިލްމަކީ 2001 ވަނަ އަހަރު ނެރުނު ކުރު ފިލްމެކެވެ. އަމްޖަދު އިބްރާހީމް ޑައިރެކްޓު ކުރި މި ފިލްމަކީ ޝީލާގެ ކެރިއަރުގެ ކުރީކޮޅުގައި އޭނާއަށް އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ. މި ފިލްމާއެކު ގިނަ ކުޑަކުދިންނަކަށް ޝީލާ ވަކި ކުރަން އެނގުނު ކަމުގައި ޝީލާ ފާހަގަކުރިއެވެ.
ޝީލާ ބުނެފައިވަނީ މިހާރުވެސް ވަރަށް ގިނަ މީހުންނަށް ޕަރީ ދައްތައިގެ ގޮތުގައި ޝީލާ ސިފަކުރެވޭ ކަމަށެވެ. މިހާރު ބުރުގާ އެޅި ނަމަވެސް ކުޑަކުދިންނަށް ވެސް ޝީލާ، ޕަރީ ދައްތައިގެ ގޮތުގައި ފެންނާތީ ވަރަށް އުފާ ވާ ކަމަށް ޝީލާ ފާހަގަކުރިއެވެ.
ފުރަތަމަ ފިލްމު ނެރުނުތާ 22 އަހަރު ފަހުން އަލުން ޕަރީ ދައްތައަށް ވުމުގެ ފުރުސަތު ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާ ކުރާ ކަމަށް ޝީލާ ފާހަގަކުރިއެވެ.
މިއަދުގެ ކުޑަކުދިންގެ ހަވީރުގައި ޝީލާގެ ޕަރީ ދައްތައާ އެކު ފޮޓޯ ނަގާލުމަށް ފުރުސަތު ހުޅުވާލާފައި އޮތެވެ. ކުޑަ ޑޮނޭޝަނަކާއެކު ޕަރީ ދައްތައާ ގާތުން ބައްދަލުކޮށްލުމަށް ފުރުސަތު އޮތީ ހުޅުވާލާފައެވެ. މިއަދު އެ ފުރުސަތު ނުލިބުނު ހުރިހާ އެންމެންނަށް، ދެން ހުޅުމާލޭގައި ބާއްވާ ކުޑަކުދިންގެ ހަވީރުން އެ ފުރުސަތު ލިބޭނެއެވެ.
ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރު ބާއްވާ ދުވަހެއް އަދި ފައިނަލެއް ނުވެއެވެ. ނަމަވެސް ނޮވެމްބަރު ތިނެއްގެ ކުރީން މި ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކުޑަކުދިންގެ ހަވީރުން ލިބޭ ހުރިހާ ޑޮނޭޝަންތަކާއި ފައިސާތަކަކީ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް ހަދިޔާ ކުރާ ފައިސާއެވެ.