ރާއްޖޭގައި ބައްވާ އެންމެ ބޮޑު ދުވުން, ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ބޮޑު ތަރުހީބެއް ލިބި ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
ދިރާގު ރޯޑް ރޭހުގެ 14 ވަނަ އެޑިޝަން ފަށާފައި ވަނީ މިއަދު ފަތިހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަދި މި ދުވުން ނިންމާލާފައި ވަނީ މިއަދު ހަވީރުއެވެ.
މި ރޭސް ފައްޓަވައި ދެއްވީ އިންތިޚާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. މި ރޭހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ކުޑަކުދިން ހިމާޔަތްކޮށް އެ ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ބާރުއަޅާ އެ ކަމަށް ހޭލުންތެރިކުރުވުމުގެ ޝިއާރުގެ ދަށުން ބޭއްވި މި ރޯޑް ރޭހުގައި 4000 އަށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށް ދިރާގުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.
އަދި، މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ދުވުންތެރިންނަށް ލިބުނު އިރު، 5ކޭ އަދި 10ކޭ ދުވުން ވެސް ރޯޑް ރޭސްގެ ތެރެއިން ކުރިއަށް ދިޔައެވެ.
މި ރޭހުގައި އެކި ކެޓަގަރީތަކުން ވަނަވަނައަށް އައި ފަރާތްތައް ވަނީ ހޮވައިފައެވެ. އެގޮތުން:
- ހާފް މެރެތަން (ލޯކަލް އެތްލީޓްސް) ފިރެހެން އެއްވަނަ - ޔޫސުފް އިބްރާހީމް
- ހާފް މެރެތަން (ލޯކަލް އެތްލީޓްސް) އަންހެން އެއްވަނަ - މަރިޔަމް އަބްދުލް ކަރީމް
- 10ކޭ ދުވުން (ލޯކަލް އެތްލީޓްސް) ފިރެހެން އެއްވަނަ - ހުސެއިން ރިޒާ
- 10ކޭ ދުވުން (ލޯކަލް އެތްލީޓްސް) އަންހެން އެއްވަނަ - ރޫނާ އަހްމަދު ވަހީދު
- 5ކޭ ދުވުން (ލޯކަލް އެތްލީޓްސް) ފިރެހެން އެއްވަނަ - ހުސެއިން ފަޒީލް ހާރޫން
- 5ކޭ ދުވުން (ލޯކަލް އެތްލީޓްސް) އަންހެން އެއްވަނަ - ނިޒްމީނާ އަހްމަދު
- 5ކޭ ދުވުން 13 އަހަރުން ދަށުން ފިރެހެން އެއްވަނަ - އިސްމާއިލް މުލްހަމް އާޒިމް
- 5ކޭ ދުވުން 13 އަހަރުން ދަށުން އަންހެން އެއްވަނަ - ކްލާރާ ސެރީނާ އާސިފް
- 5ކޭ ދުވުން 13 އަހަރުން މަތިން ފިރެހެން އެއްވަނަ - އަބްސަލް އަބްދުލް އާދަމް
- 5ކޭ ދުވުން 13 އަހަރުން މަތިން އަންހެން އެއްވަނަ - އައިމިނަތު ލުމާ އަސްލަމް
މި ދުވުމުގައި ހަމައެކަނި ދިވެހިންގެ އިތުރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިވެފައިވެއެވެ.
ރޯޑް ރޭހާ ގުޅިގެން މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާއެއްޗެހީގެ ސްޓޯލްތައް ވަނީ ބަހައްޓައިފައެވެ.
ރޯޑް ރޭހަށް ފަހު ރޯޑްރޭހުގެ އާފްޓާ ޕާޓީ ވެސް ދިރާގުން މިރޭ ވަނީ ބާއްވައިފައެވެ.
ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތްލެޓިކް ސާޓިފައިޑް ރޭސްރޫޓަކާއެކު، އެއިމްސް ކަލަންޑަރުގައި ލިސްޓް ކޮށްފައިވާ ދުވުމެއް ކަމަށް ވެސް ދިރާގުން ބުނެއެވެ.