މި އަހަރުގެ ދެވަނަ ހަނދުކޭތަ މާދަމާ ރޭ

ޖެނުއަރީ 2020 ވަނަ ދުވަހު ހިދި ހަނދުކޭތަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ހިފާ ދެވަނަ ހަނދުކޭތަ މާދަމާ ރޭ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާދަމާ ރޭ ހިފާ ހަނދުކޭތަ ހިފަން ފަށާނީ ރޭގަނޑު 23:01ގައި ކަމަށެވެ. އަދި, ހަނދު ކޭތަ ހިފާ ނިމޭނީ މެންދަމުން އަލިވެ 03:26 ގައެވެ. މި ދެމެދު ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު 01:14 ގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަމާ ރޭ 01:15 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ރަށު ކައުންސިލްތަކަށް އެދިފައެވެ.

ހަނދު ކޭތައަކީ ހަނދު މަހުގެ މެދު ތެރޭގައި ހިފާ ކޭތައެކެވެ. މި ކޭތަ ހިފަނީ ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.

މި އަހަރުގެ އެންމެ ފުރަތަމަ ހަނދުކޭތަ ހިފާފައި ވަނީ މެއި މަހުގެ ފަސް ވަނަ ދުވަހުގެ ރެއެވެ. ނަމަވެސް އެ ފަހަރުގެ ހަނދުކޭތައާ ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއްގައި ކޭތަ ނަމާދު ކޮށްފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީން މިފަދައިން ނިންމީ، އެ ފަހަރު ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދެއްކި ނަމަވެސް ހަނދުގެ އެއްވެސް ބަޔަކުން އަލިކަން މުޅިން ފިލައިގެން ގޮސް އަނދިރިކަން ނުހުންނާނެތީއެވެ.

comment ކޮމެންޓް