ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު

ހައިކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު _ ސަން ފޮޓޯ

ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އެކޯޓުގެ ފަނޑިޔާރު ހުސެން ޝަހީދު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝަހީދު އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް މަރިޔަމް ވަހީދު އައްޔަން ކުރަން، އިއްޔެ އެ ކޮމިޝަނުން ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު ފަނޑިޔާރުކަމުގެ ހުވާކުރެއްވި ޝާހިދު ވަނީ މީގެ ކުރިން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުކަމާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީ ޖުލައި 24، 2018ގައެވެ.

ޝަހީދުވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލާސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހާސިލުކުރައްވާފައެވެ.

ގާޒީ މަރިޔަމް ވަހީދު --- ސަން ފައިލް ފޮޓޯ

ގާޒީ މަރްޔަމް ވަހީދަކީ ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީޢާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗެލާސް އޮފް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޭޕްރިލް 13، 2016ގައި ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރުމުގެ ކުރިން މަރްޔަމް ވަހީދުވަނީ ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައެވެ. އޭނާ ފަނޑިޔާރުކަމަށް ޢައްޔަންކުރީ ޖެނުއަރީ 8، 2013ގައެވެ.

އޭނާ ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ހުކުމަކާ ގުޅިގެން އޭނާގެ ފަނޑިޔާރުކަމުގެ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު އަމުރެއް ނެރުނެވެ.

https://sun.mv/101393

ނަމަވެސް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ނިންމުން ބާތިލްކޮށް، އޭނާ އަލުން ވަޒީފާއަށް ނުކުތުމަށް އެންގިއެވެ.

comment ކޮމެންޓް