ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެމްއޭސީއެލް އާއި އެމްޕީއެލްއަށް

އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯލް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަން އެމްއޭސީއެލް -- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ހަތް ވަނަ އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯލް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހޯދައިފިއެވެ.

އެ މުބާރާތުގައި ދެވަނަ ޑިވިޝަންގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗު ރޭ ވަނީ ކުޅެފައެވެ. ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްއޭސީއެލުން ހޯދި އިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްއެވެ.

ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ފައިނަލުގައި އެމްއޭސީއެލުން ނުކުތީ މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސް)އާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެމްޑަބްލިޔުއެސްސީގެ މައްޗަށް އެމްއޭސީއެލުން ކުރި ހޯދީ 20-19ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްޑަބްލިޔުއެސްސީގެ އަހުމަދު ރަޒުނީ މުހައްމަދެވެ.

އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯލް މުބާރާތުގެ ދެވަނަ ޑިވިޝަންގެ އަންހެން ބައިގެ ޗެމްޕިއަން އެމްޕީއެލް -- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ދެވަނަ ޑިވިޝަންގެ އަންހެން ބައިގެ ފައިނަލުގައި އެމްޕީއެލުން ނުކުތީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ދެކޮޅަށެވެ. އެ މެޗުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، އެމްޕީއެލުން މެޗު ކާމިޔާބުކުރީ 15-13ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރެވެ.

މިދިޔަ ހޯމަ ދުވަހު ވަނީ އެ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ފައިނަލް މެޗުތައް ވެސް ކުޅެފައެވެ. އެއްވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ފައިނަލުގައި ވެމްކޯ ބަލިކޮށް އެމްޕީއެލުން ޗެމްޕިއަންކަން ހޯދި އިރު، އަންހެން ބައިގެ ފައިނަލުގައި އައިޖީއެމްއެޗް ބަލިކޮށް ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް އިމިގްރޭޝަނެވެ.

މިއަހަރުގެ އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯލް މުބާރާތުގައި ޖުމުލަ 33 ޓީމަކުން ވާދަކުރިއެވެ. އެއްވަނަ ޑިވިޝަންގައި ފިރިހެން ހަތަރު ޓީމަކާއި އަންހެން ތިން ޓީމެއް ވާދަކުރި އިރު، ދެވަނަ ޑިވިޝަންގައި ވާދަކުރީ ފިރިހެން ފަސް ޓީމަކާއި އަންހެން 21 ޓީމެކެވެ.

comment ކޮމެންޓް