ޑި ކޮކްގެ މޮޅު ކުޅުމާ އެކު ދެކުނު އެފްރިކާއިން ބަންގްލަދޭޝް ބަލިކޮށްފި

ދެކުނު އެފްރިކާއިން ބަންގްލަދޭޝް ބަލިކުރީ ފަސޭހަ ކަމާއެކު / ފޮޓޯ: މައިކެލް

އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ދެކުނު އެފްރިކާއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ދެކުނު އެފްރިކާ ކާމިޔާބުކޮށްފިއެވެ.

މުމްބާއިގައި ކުޅުނު މި މެޗު ދެކުނު އެފްރިކާއިން ކާމިޔާބުކުރީ 149 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ދެކުނު އެފްރިކާއިން ބޭނުންވި އެންމެ ފުރަތަމަ ބެޓު ކުރާށެވެ. މިގޮތުން އެ ޓީމުން އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 382 ލަނޑު ހެދިއެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 174 ލަނޑު ހަދާދިން ކުއިންޓަން ޑިކޮކެވެ. މިއީ އޭނާ މި ފަހަރުގެ ވޯލްޑް ކަޕްގައި ހެދި ތިންވަނަ ސައްތައެވެ. އަދި، އެއް މެޗެއްގައި މި ފަހަރު ހެދި އެންމެ ގިނަ ލަނޑެވެ.

މީގެ އިތުރުން، ހެއިންރިކް ކްލާސެން ވަނީ މެޗުގައި 90 ލަނޑު ހަދައިދީފައެވެ. އަދި، ކެޕްޓަން އައިޑެން މާކްރަމް ވަނީ 60 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި ބަންގްލަދޭޝްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ހަ އޯވަރު 67 ލަނޑަށް ދެ ވިކެޓް ނަގައިދިން ހަސަން މަހްމޫދުއެވެ.

ޖަވާބުގައި ބަންގްލަދޭޝައިން ކުޅެން އަރާ 46 އޯވަރު ހަތަރު ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 233 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 111 ލަނޑު ހަދާދިން މަހްމުދުﷲއެވެ. ބަންގްލަދޭޝްގެ އެހެން ހުރިހާ ކުޅުންތެރިން އެއްވެގެން ހެދުނީ 122 ލަނޑެވެ. ދެކުނު އެފްރިކާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 62 ލަނޑަށް ތިން ވިކެޓް ނަގައިދިން ޖެރާޑް ކޮއެޓްޒީއެވެ. އަދި، މާކޯ ޔެންސެން، ލިޒާޑް ވިލިއަމްސް އަދި ކަގީސޯ ރަބަޑާއިން ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ މެޗުގައި ދެ ވިކެޓް ނަގައިދީފައެވެ.

މި ކާމިޔާބީއާ އެކު ދެކުނު އެފްރިކާ ވަނީ ކުޅުނު ފަސް މެޗުން ލިބިފައިވާ އަށް ޕޮއިންޓާ އެކު ނިއުޒީލަންޑް ރަން ރޭޓަށް ބަލާއިރު ފަހަތަށް ޖައްސާލައި ދެވަނަ މަގާމަށް ކުރިއަށް ޖެހިލައިފައެވެ. އަދި، ބަންގްލަދޭޝް މި ވަނީ ތާވަލްގެ އެންމެ ފުލަށް ވެއްޓިފައެވެ. މުބާރާތުގައި ދެކުނު އެފްރިކާ ކުޅޭ ހަވަނަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ. އަދި، ބަންގްލަދޭޝް އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ނެދަލަންޑްސްއާ ދެކޮޅަށެވެ.

comment ކޮމެންޓް