ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، އޮޑިޝާއިން ފުރަތަމަ މޮޅު ހޯދައިފި

އޭއެފްސީ ކަޕްގައި މާޒިޔާ އާއި އޮޑިޝާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭއެފްސީ

އޭއެފްސީ ކަޕްގައި ބޮޑު ތަފާތަކުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބު ބަލިކޮށް، އިންޑިއާގެ އޮޑިޝާއިން ފުރަތަަމަ މޮޅު ހޯދައިފިއެވެ.

އިންޑިއާގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި މާޒިޔާގެ މައްޗަށް އޮޑިޝާ އިން ކުރި ހޯދާފައިވަނީ 6-1ގެ ނަތީޖާއަކުންނެވެ.

އެ މެޗަށް މާޒިޔާއިން ނުކުތް އިރު، މީގެ ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ ބަލިވެފައެވެ. ރާއްޖޭގައި ކުޅުނު މެޗުގައި މާޒިޔާ އިން ވަނީ 3-1ގެ ނަތީޖާއަކުން ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސް ބަލިކޮށްފައެވެ. އަދި، ރަށުން ބޭރުގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

އޮޑިޝާއިން މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. މޯހަން ބަގާން އަތުން 4-0ގެ ނަތީޖާއަކުން އޮޑިޝާ ބަލިވި އިރު، ރަށުން ބޭރުގައި ބަޝުންދަރަ އަތުން ބަލިވެފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗު ފެށުނުތާ ތިން މިނެޓު ތެރޭ އޮޑިޝާއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ އޮޑިޝާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލަލްތަންގާ ކަލްރިންގްއެވެ.

މެޗުގެ 13 ވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު ކޯނަރެއްގެ ތެރެއިން އެ ޓީމަށް ބްރަނިމިއާ ޖޮސިޗް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، މާ ގިނައިރުތަކެއް ނުވަނީސް އޮޑިޝާއިން ދެ ގޯލު ޖަހައި އަލުން ލީޑު ހޯދިއެވެ. މެޗުގެ 15 ވަނަ މިނެޓުގައި އޮޑިޝާގެ ދެވަނަ ގޯޅު ކާލޯސް ޑެލްގާޑޯ ކާމިޔާބުކޮށްދިން އިރު، އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމުގެ ތިންވަނަ ގޯލު ކމަިޔާބުކޮށްދިނީ މޯޓާޑާ ފޯލްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން އޮޑިޝާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ އޮޑިޝާއިން ތިން ގޯލު ކާމިޔާބުކުރިއެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި އޮޑިޝާގެ ހަތަރުވަނަ ގޯލު އަމޭ ރަނަވާޑޭ ކާމިޔާބުކޮށްދިން އިރު، މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ އިސާކް ވަންލާލްރުއަޓްފެލާއެވެ. އަދި، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އެ ޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ ސާހިލް ޕަންވާރްއެވެ.

އެ ނަތީޖާއާ އެކު ތިން ޕޮއިންޓާއެކު އޮޑިޝާ ވަނީ "ގްރޫޕު ޑީ"ގެ ދެވަނައަށް ޖެހިލައިފައެވެ. އޮޑިޝާގެ އިތުރުން ތިންވަނައިގައި އޮތް ބަޝުންދަރަ އަދި ގްރޫޕުގެ ފުލަށް ވެއްޓުނު މާޒިޔާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އޮޑިޝާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް މޯހަން ބަގާން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިފައެވެ.

އެ ގްރޫޕުގައި މޯހަން ބަގާން އާއި ބަޝުންދަރައިން މިރޭ ބައްދަލުކުރާނެއެވެ. އިންޑިއާގައި ކުޅޭ އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9:00 ގައެވެ. އެ މެޗަށް ފަހު ގްރޫޕު ތާވަލަށް ވެސް ބަދަލު އައުން އެކަށީގެންވެއެވެ.

comment ކޮމެންޓް