އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެމްޕީއެލް އާއި އިމިގްރޭޝަނަށް

ހަތްވަނަ އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯލް މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި އެމްޕީއެލް -- ފޮޓޯ/ އެމްޕީއެލް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ހަތްވަނަ އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯލް މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އިމިގްރޭޝަނުން ހޯދައިފިއެވެ.

އެ މުބާރާތުގައި އެއްވަނަ ޑިވިޝަންގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗު ރޭ ވަނީ ކުޅެފައެވެ. އެއްވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްޕީއެލުން ހޯދި އިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަނެވެ.

އެއްވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ފައިނަލުގައި އެމްޕީއެލުން ނުކުތީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެކޮޅަށެވެ. އެ މެޗުގައި ވެމްކޯގެ މައްޗަށް އެމްޕީއެލުން ކުރި ހޯދީ 30-21ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްޕީއެލްގެ އަހުމަދު ޝާނީޒެވެ.

އެއްވަނަ ޑިވިޝަންގެ އަންހެން ބައިގެ ފައިނަލުގައި އިމިގްރޭޝަނުން ނުކުތީ އައިޖީއެމްއެޗްއާ ދެކޮޅަށެވެ. އެ މެޗުގައި އައިޖީއެމްއެޗްގެ މައްޗަށް އިމިގްރޭޝަނުން ކުރި ހޯދީ 12-46ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިމިގްރޭޝަންގެ ނަޝްވާ އާމިރާއެވެ.

މިއަހަރުގެ އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯލް މުބާރާތުގައި ޖުމުލަ 33 ޓީމަކުން ވާދަކުރެއެވެ. އެއްވަނަ ޑިވިޝަންގައި ފިރިހެން ހަތަރު ޓީމަކާއި އަންހެން ތިން ޓީމެއް ވާދަކުރި އިރު، ދެވަނަ ޑިވިޝަންގައި ވާދަކުރަނީ ފިރިހެން ފަސް ޓީމަކާއި އަންހެން 21 ޓީމެކެވެ.

އެ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފައިނަލް މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވެއެވެ. ދެވަނަ ޑިވިޝަންގެ އަންހެން ބައިގެ ފައިނަލުގައި މިރޭ 7:50ގައި އެމްޕީއެލާއި ވެމްކޯ ބައްދަލުކުރާ އިރު، ފިރިހެން ބައިގެ ފައިނަލުގައި މިރޭ 9:00ގައި ބައްދަލުކުރާނީ އެމްސީއޭސީއެލް އާއި އެމްޑަބްލިޔުއެސްސީއެވެ.

comment ކޮމެންޓް