ފުލުހުންގެ ބޯހިޔާވަހިކަމަށް އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ކޮމާޝަލް ބޭނުމަށް ދޫކުރާ ޔުނިޓުތައް ކުއްޔަށް ދޫކުރުން މަޑުޖައްސައިލުމަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފިއެވެ.
"ސަން"އާ ވާހަކަދައްކަވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ނިޝާން މުހައްމަދު ދީދީ ވިދާޅުވީ އޭސީސީއަށް އެ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރަމުން އަންނަ ގޮތާ ގުޅޭ މައްސަލަައެއް ހުށަހަޅައިފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލަމުން ދާތީ ކޮމާޝަލް ޔުނިޓުތައް ދޫކުރުން މަޑުޖައްސައިލަން އެންގީކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މި ކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެެވެ.
ފުލުހުންނަށް ޚާއްޞަ ކޮށްގެން އިމާރާތްކުރާ ފްލެޓުތައް އިމާރާތްކުރުމަށް (ޕޮލިސް ކޯޕަރޭޓިވް) ޕްލޮކޯ ކުންފުންޏާ ހަވާލުކުރީ 2012 ވަނަ އަހަރުގައެވެ. ނަމަވެސް މަސައްކަތް ލަސްވެ މިއަދާ ހަމައަށް އައި އިރު ވެސް މުޅި މަަސައްކަތް އެއްކޮށް ނުނިމެއެވެެ.
އެ މަސައްކަތް ވެރިކަމާ ހަވާލުވެ، އަހަރެއްގެ ތެރޭ ނިންމަވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންނެވިއިރު، އެ މުއްދަތުގެ ތެރޭގައި ވެސް އެ މަސައްކަތް ނުނިމެއެވެ.
މަސައްކަތް ލަސްވާތީ ޕޮލްކޯ ކުރަމުން އައި މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން ހަވާލުވެ 250 މިލިއަން ރުފިޔާއަށް އެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރި ކަމަށް ވެސް މީގެ ކުރިން އެ މިނިސްޓްރީން ބުންޏެވެ.
ފުލުހުންގެ ފްލެޓްތަކުގެ ޖުމުލަ 361 ޔުނިޓުގެ ތިން ޓަވަރުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްކޮށް 1100 އަކަ ފޫޓެވެ.