އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް މެޗަށް ތައްޔާރު: މާޒިޔާ ކޯޗު

ފަރިތަކުރުންތަކުގައި މާޒިޔާގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) އިރުޝާދުދެނީ -- ފޮޓޯ/ މާޒިޔާ

ގައުމީ ޓީމުގެ ކުޅުންތެރިން ގިނަވުމުން އޭއެފްސީ ކަޕްގެ މެޗުގެ ތައްޔާރީތަކަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފިއެވެ.

ރާއްޖޭގެ ގައުމީ ޓީމުން ވަނީ ދާދިފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ބަންގުލަދޭޝްއާ ދެކޮޅަށް ދެ ލެގު ކުޅެފައެވެ. ބަންގުލަދޭޝްގެ މައްޗަށް އެގްރިގޭޓުން ކުރި ހޯދިފައި ނުވުމުން، ކޮލިފައިންގެ ދެވަނަ ބުރުން ރާއްޖެއަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާއިން މާދަމާ ނުކުންނާނީ އިންޑިއަން ސުޕަ ކަޕްގެ ޗެމްޕިއަން އޮޑިޝާއާ ދެކޮޅަށެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗަށް މާޒިޔާ އިން ނުކުންނަ އިރު، މާޒިޔާއިން މީގެ ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ ބަލިވެފައެވެ. ރާއްޖޭގައި ކުޅުނު މެޗުގައި މާޒިޔާ އިން ވަނީ 3-1ގެ ނަތީޖާއަކުން ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސް ބަލިކޮށްފައެވެ. އަދި ރަށުން ބޭރުގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

އޮޑިޝާ އިން މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. މޯހަން ބަގާން އަތުން 4-0ގެ ނަތީޖާއަކުން އޮޑިޝާ ބަލިވި އިރު، ރަށުން ބޭރުގައި ބަޝުންދަރަ އަތުން ބަލިވެފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ.

އޮޑިޝާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗު މިލޯ ބުނީ ކުޅުންތެރިން އަނިޔާވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މެޗަށް ތައްޔާރުވުމުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"މައްސަލައަކީ އަނިޔާއެއް ނޫން. ޓީމުގައި އެހެން ކުޅުންތެރިން ތިބުމުން އެއީ އެ ކުޅުންތެރިންގެ ފެންވަރު ދައްކާލުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް. އަހަރެމެންގެ ޓީމުގައި ގައުމީ ޓީމުގެ 14، 15 ކުޅުންތެރިން އެބަތިބި. އެކަމުން އަހަރެމެންގެ ތައްޔާރީތަކަށް އުނދަގޫތަކެއް ކުރިމަތިވި. ނަމަވެސް ހުރިހާ ކުޅުންތެރިން މިހާރު ތިބީ ތައްޔާރަށް،" އޭނާ ބުންޏެވެ.

މިލޯ ބުނީ ގްރޫޕުގެ ފުލުގައި އޮޑިޝާ އޮތް ނަމަވެސް، އެ ޓީމަކީ ގްރޫޕުގެ އެއްވަނައިގައި އޮތް މޯހަން ބަގާނަށް ވުރެ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމުގައި ފެންވަރު ރަނގަޅު ކޯޗަކާއި ތަޖުރިބާކާރު ކުޅުންތެރިން އެބަތިބި ކަމަށެވެ.

"އޮޑިޝާ އަކީ އިންޑިއާގެ އެންމެ ވަރުގަދަ އެއް ޓީމު. އަހަރެން ދެކޭގޮތުގައި އޮޑިޝާ އަކީ މޯހަން ބަގާނަށްވުރެ ފެންވަރުގެ ގޮތުން ރަނގަޅު ޓީމެއް. އެންމެ ފަހުން ކުޅުނު މެޗުން އޮޑިޝާ ބަލިވީ ނަސީބު ނެތުމުން. ފުޓުބޯޅައިގައި އެހެން ވެސް ވާނެ،" އޭނާ ބުންޏެވެ.

ކޯޗު މިލޯ އިތުރަށް ބުނީ މާޒިޔާގެ ކުޅުންތެރިން ދަނީ މެޗަކަށްވުރެ މެޗެއްގައި ކުޅުން ރަނގަޅުކުރަމުން ކަމަށާއި ހުރިހާ ޓީމަކުން ރަނގަޅު ނަތީޖާއެއް ނެރުމަށް ކުޅެމުންދާ އިރު، ނާކާމިޔާބީއާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ އިން އޮޑިޝާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭ ގަޑިން މާދަމާ ހަވީރު 5:00 ގައެވެ. ގްރޫޕުގައި އިތުރަށް ކުރިއަށްދިއުމަށް އެ މެޗަކީ ދެ ޓީމަށް ވެސް މުހިންމު މެޗެކެވެ.

comment ކޮމެންޓް