އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ވިލާއިން ކާމިޔާބުކޮށް ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާ އެކު 4-1 އިންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. މެޗުގައި ވިލާގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ޖަހައި އެ ޓީމަށް ލީޑު ނަގައިދިނީ ޑަގްލަސް ލުއިޒެވެ. އަދި، އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް ޑަގްލަސް ލުއިޒްއެވެ.
ނަމަވެސް މި ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ވެސްޓް ހޭމްއިން ވަނީ ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖެރޮޑް ބޮވެންއެވެ.
ލަނޑާ އެކު ވިލާއަށް ބާރު ބޮޑުވެދާނެ ކަމަށް ހީވެގެންދިޔަ ނަމަވެސް މެޗުގެ 74 ވަނަ މިނެޓްގައި އޮލީ ވޮޓްކިންސް ވަނީ ލަނޑެއް ޖަހައި ވިލާގެ ލީޑު އަނެއްކާ ވެސް ފުޅާކޮށްދީފައެވެ. މެޗުގައި ވިލާގެ ފަހު ލަނޑު މެޗުގެ 89 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ލެއޮން ބެއިލީއެވެ.
މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ލިބި ބޭކާރުވިކަން ފާހަގަވިއެވެ. މިއީ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ވިލާ ޖެހިޖެހިގެން މޮޅުވި 11 ވަނަ މެޗެވެ. މީގެ ކުރިން ވިލާއަށް އަމިއްލަ ދަނޑުގައި ލީގު މެޗުތަކުގައި އެންމެ ރަނގަޅު ރިކޯޑެއް ހެދިފައިވަނީ 1983 ވަނަ އަހަރު ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި އެ ޓީމު އޮތް އިރުއެވެ. އެ ފަހަރު އެ ޓީމުން ވަނީ ޖެހިޖެހިގެން 13 މެޗުގައި އަމިއްލަ ދަނޑުގައި މޮޅުވެފައެވެ.
މޮޅާ އެކު އެސްޓަން ވިލާއިން މިހާރު ވަނީ އެ ޓީމު މިހާތަނަށް ލީގުގައި ކުޅުނު ނުވަ މެޗުގައި ހޯދި 19 ޕޮއިންޓާ އެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި، މި މެޗުން ބަލިވުމާ އެކު ވެސްޓް ހޭމް މިހާރު އުޅެނީ 14 ޕޮއިންޓާ އެކު ތާވަލްގެ ނުވަވަނައިގައެވެ.