އެއްގަމު މަގުން ޣައްޒާއަށް ހަމަލާ ދީފިނަމަ ކުޅި ދައްކައިލާނަން: ހިޒުބުﷲ

އިސްރާއީލުން ލެބަނާނަށް ދިން ހަމަލާއެއް -- ފޮޓޯ/ އަހްރަމް އޮންލައިން

ޣައްޒާއަށް ވަދެ އެއްގަމު މަގު ހަމަލާދޭން ފަށައިފިނަމަ އިސްރާއީލުން އެކަމުގެ ބަދަލު ވަރަށް ހިތި ގޮތަކަށް ލިބިގަންނަން ޖެހިދާނެ ކަމަށް ބުނެ، ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް އިންޒާރުދީފިއެވެ.

އެ ޖަމާއަތުގެ ނާއިބު ލީޑަރު ޝައިހު ނާއިމު ކަސެމްއާ ހަވާލާދީ އަހްރަމް އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލުބްނާނާއި އިސްރާއީލް ގުޅޭ ބޯޑަރު ސަރަހައްދުގައި އިސްރާއީލްގެ އަސްކަރިއްޔާއާއި އެ ޖަމާއަތާ ދެމެދު ބަދަލު ކުރި ހަމަލާތަކުގައި އެ ޖަމާއަތުގެ ހަ މީހަކު ވަނީ މަރުވެފައެވެ. އަދި, އެ ޖަމާއަތުން މިހާރު ވެސް އޮތީ ހަނގުރާމައަށް ތައްޔާރަށް ކަމަށް ޝައިހު ނާއިމު ވިދާޅުވިއެވެ.

އެއްގަމު މަގު ހަމަލާތައް ދޭން ފަށައިފިނަމަ އޭގެ ހިތި ފެންނާނެ ކަމަށް ހިޒްބުﷲއިން ބުނެފައިވަނީ ޔަހޫދީ ފައުޖުތަކުން ލުބްނާންގެ ދެކުނު ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ހިޒްބުاللهއިން ލުބުނާނާއި އިސްރާއީލުގެ ބޯޑަރު ހޫނުކުރަނީ ސާފު މަގުސަދެއްގައި ކަމަށާއި އެއީ އިސްރާއީލުގެ ދުޝްމަނުން ބަލިކަށިކޮށް، ހިޒްބުﷲއިން ހަނގުރާމައަށް ތައްޔާރަށް ތިބިކަން އެ މީހުންނަށް އަންގަން ކަމަށް ވެސް ނާއިމު ވިދާޅުވެފައިވާ ކަމަށް އަހްރަމް އޮންލައިނުން ރިޕޯޓުކުރެއެވެ. މީގެ އިތުރުން އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް ހަމަލާދޭން ފަށައިފިނަމަ، ހިޒްބުالله ވެސް އެ ހަނގުރާމައިގައި ބައިވެރިވާނެ ކަމަށް ހަމާސްގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ހިޒްބުﷲގެ ހަނގުރާމަވެރިޔާގެ ޖަނާޒާގައި ވާހަކަފުޅު ދައްކަވަމުން ޝައިހު ނާއިމު ވަނީ ފަލަސްތީނުގެ ރައްޔިތުން ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރާނަމަ، މި ސަރަހައްދުގެ އެހެން ހަނގުރާމަވެރިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ގަބޫލުކުރަނީތޯ ސުވާލު ވެސް ކޮށްފައެވެ. އަދި މިހާރު މިތިބީ ރަގަޅަށް ހަނގުރާމައަށް ތައްޔާރުވެގެން ކަމަށާއި ހަނގުރާމަ ކާމިޔާބު ވެސް ކުރާނެ ކަމަށް ނާއިމު ވިދާޅުވިއެވެ.

އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ޖޮނަތަން ކޮންރިކަން އާދިއްތަ ދުވަހު ވިދާޅުވި ކަމަށް އަހްރަމް އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިޒްބުﷲއިން ފަށަން އުޅެނީ އެއްވެސް ފައިދާއެއް ނެތް ގެއްލުން ގިނަ ހަނގުރާމައެކެވެ.

އަނެއްކޮޅުން އިސްރާއީލް އަސްކަރިއްޔާގެ ސިފައިން ޣައްޒާއަށް އެރުން މަޑުޖައްސާލުމަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ޕްރެޝަރު ކުރަމުން އަންނަ ކަމަށް އިސްރާއީލްގެ ސީނިއާ ޑިޕްލޮމެޓިކް އޮފިޝަލަކު ޓައިމްސް އޮފް އިސްރާއީލްގައި ވެސް އިއްޔެ ވަނީ ބުނެފައެވެ.

comment ކޮމެންޓް