އެޓޯލްސް ފުޓްބޯޅަ ކްލަބުގެ ހެޑް ކޯޗަކަށް އަލީ ވަހީދު (ބަލަކް) އަދި އެސިސްޓަންޓް ކޯޗަކަށް އަހުމަދު ނިޔާޒް (ނިޔާ) ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ފުޓުބޯޅައަށް އަލަށް ތައާރަފުވާ އެޓޯލްސް އެފްސީގެ ކޯޗިން ޓީމުގައި ހިމެނޭ އަލީ ވަހީދާއި ނިޔާ، އެ ކްލަބުން މިހާރު ވަނީ އިއުލާންކޮށްފައެވެ.
އަލީ ވަހީދު ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަނެއްގެ ގޮތުގައި މަސައްކަތްކޮށް، އެ ކްލަބަށް ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ފަހުން އޭނާ ފުޓުބޯޅައިގައި މަސައްކަތްކޮށްފައިވަނީ ކޯޗެއްގެ ގޮތުގައެވެ.
އަލީ ވަހީދުގެ ކޯޗިން ކެރިއަރު އޭނާ ފަށާފައިވަނީ 2021 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސްޕޯޓިން ލަންޑަނުންނެވެ. އެގޮތުން އޭނާ ވަނީ ސްޕޯޓިން ލަންޑަނަށް މިދިޔަ އަހަރު "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ފުޓްބޯޅް ލީގު ކަޕް ސެކްޝަން ބީ" ގެ ރަނަރަޕް ކަމާއި ރައޫލް ޑެބުންސެން ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.
އޭގެ އިތުރުން މިދިޔަ މެއި މަހުގެ ތެރޭގައި އަލީ ވަހީދު ވަނީ ސްޕޯޓިން ލަންޑަނަށް އިނގިރޭސިވިލާތުގެ ދުވަސްވީ އަދި ތާރީހީ މުބާރާތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް"ގެ ޗެމްޕިއަންކަން ވެސް ހޯދައިދީފައެވެ. އެ ކާމިޔާބާއެކު ސައުތު ލަންޑަން ފުޓުބޯޅަ ނެޓްވޯކުން ހޮވާ ސީޒަންގެ އެންމެ މޮޅު ކޯޗުގެ އެވޯޑު ވެސް އަލީ ވަހީދަށް ވަނީ ލިބިގެން ގޮސްފައެވެ. މިއީ ދިވެހި ކޯޗަކު ބޭރު ގައުމެއްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ.
އެޓޯލްސް އެފްސީގައި ކޯޗު އަލީ ވަހީދުގެ އެސިސްޓަންޓަކަށް ހަމަޖެއްސި ނިޔާ ވަނީ މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ނިއު ރޭޑިއަންޓާއެކު ކާމިޔާބީތަކެއް ހޯދައިފައެވެ. އޭގެ އިތުރުން އޭނާ ވަނީ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ތައާރަފުކުރި އެޓޯލްސް އެފްސީގެ އަމާޒަކީ އެއް އަހަރު ތެރޭގައި ބައިނަލްއަގުވާމީ ކްލަބު ނެޓްވޯކެއް އުފައްދައި، އެޓޯލްސް އެފްސީ މެދުވެރިކޮށް، ދިވެހި ކުޅުންތެރިންނަށް ބޭރުގެ ފުޓުބޯޅައިން ފައިދާތަކެއް ހޯދައިދިނުމެވެ. އަދި ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކްލަބުގެ ވިއުގައެއް ގާއިމުކޮށް، ކުރިއަށްއޮތް ދިހަ އަހަރު ތެރޭގައި އޭއެފްސީ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ވެސް ވަނީ އަމާޒު ހިފައިފައެވެ.
ދާދި ފަހުން އެޓޯލްސް އެފްސީން ވަނީ ސައުތު ލަންޑަން ފުޓްބޯލް ނެޓްވޯކް (އެސްއެލްއެފްއެން)އާ ވެސް ގުޅިފައެވެ. އެ ޕާޓްނާޝިޕްގެ ދަށުން ކުޅުންތެރިންނާއި ކޯޗުން ބަދަލުކުރެވިގެންދާނެ ކަމަށް އެޓޯލްސް އެފްސީން މައުލޫމާތުދެއެވެ.