ޝެފާލީ ޝާހް އާއި ޖައިދީޕްގެ 'ތްރީ އޮފް އަސް' އަންނަ މަހު ސިނަމާއަށް

ސްޓްރީމިންގް ޕްލެޓްފޯމްތަކުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ ބަތަލާ ޝެފާލީ ޝާހް އާއި ޖައިދީޕް އެކީގައި ކުޅޭ ފިލްމު ރިލީޒް ކުރާ ތާރީޚު އިއުލާނު ކޮށްފިއެވެ.

މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ރިލީޒް ކޮށް އަންނަ މަހުގެ ތިން ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވާކަމަށް ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.

ޑައިރެކްޓަރު އަވީނާޝް އަރުންގެ މި ފިލްމަކީ ވަރަށް ގިނަ އިހުސާސް ތަކެއް އެކުލެވޭ ތިނެސް ކަން ލޯބީގެ ފިލްމެކެވެ. އިންޑިއާގެ ހުޅަނގު ބިތުގައި އޮންނަ ކޮންކަންގެ ހިތްގައިމު ސަރަޙައްދުގައި ފެށޭ ލޯބީގެ މި ވާހަކަ އަކީ ދިރިއުޅުމު ގައި އުފާ ހޯދިދާނެ ކަމުގެ އުއްމީދެއް ގެނެސްދީ ލޯބީގައި ނާކާމިޔާބު ވުމުން މާޔޫސް ވުމުގެ ބަދަލުގައި ހިތަށް ހަމަޖެހުން ގެނެސްދޭނެ ގޮތްތައް ކިޔައިދޭނެ ވާހަކަ އެކެވެ.

ފިލްމުގެ ޕޯސްޓަރު ރިލީޒް ކުރުމަށް ފަހު ފިލްމު ގެނެސްދޭ ފަރާތުން ދީފައިވާ މެސެޖަކީ، ބައެއް ފަރާތް ތަކަށް އެ ފަރާތް ތަކުގެ މާޒީ އަކީ ކުރިމަގަށް ވުރެ މާ އަގުހުރި އެއްޗެއް ކަމުގައެވެ.

ފިލްމު "ތްރީ އޮފް އަސް" އަކީ އުއްމީދެއް އާލާ ކޮށްދޭނެ މާޒީ އިން އަރައިގަނެ ދިރިއުޅުމުގައި އަލުން ލޯބީގެ ކުލަ ޖައްސައިދޭނެ ފިލްމެއް ކަމަށް ޑައިރެކްޓަރުގެ މެސެޖުގައި ވަނީ ބުނެފައެވެ.

ފިލްމު "ތްރީ އޮފް އަސް" އަކީ ، މި ދިޔަ އަހަރު ކުރިޔަށް ދިޔަ އިންޑިއަން ފިލްމު ފެސްޓިވަލުގައި ޕްރިމިއަ ކުރުމަށް ހޮވި 25 ފިލްމުގެ ތެރޭ ހިމެނުނު ފިލްމެކެވެ. މަރާޓީ ފިލްމުތައް އުފައްދަން މަޝްހޫރު ޑައިރެކްޓަރު އަވީނާޝް ބުނެފައި ވަނީ މި ފިލްމަކީ އަށް އަހަރު ދުވަހުގެ މަސައްކަތުން ނިންމާލެވުނު ފިލްމެއް ކަމަށެވެ.

ސްޓްރީމިންގް ޕްލެޓްފޯމް ތަކުގެ އެންމެ މަގުބޫލު ދެ ތަރިން ކަމަށްވާ ޖައިދީޕް އާއި ޝެފާލީ ޝާހް އަކީ އޯޓީޓީ ޕްލެޓްފޯމް ތަކުގެ މެދުގައި އެންމެ ބޮޑު ޑިމާންޑެއް އޮންނަ ދެ ތަރިން ވެސް މެއެވެ.

comment ކޮމެންޓް