ކަންގަނާގެ ފިލްމު 'ކުއީން'ގެ ދެވަނަ ބައެއް އުފައްދަނީ

ފިލްމު 'ކުއީން'ގެ ޕޯސްޓަރެއް

ބަތަލާ ކަންގަނާގެ ފިލްމީ ކެރިއަރުގެ ކާމިޔާބު ފިލްމު "ކުއީން"ގެ ދެވަނަ ބައެއް އުފައްދާނެ ކަމުގެ އިޝާރާތެއް ޑައިރެކްޓަރު ވިކާސް ބަލް ދީފިއެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު ވިކާސް ބުނީ "ކުއީން"ގެ ސީކުއަލް އެއް އުފައްދަން ވަރަށް ބޭނުންވާ ކަމަށާއި ނަމަވެސް ސީކުއަލް ވުޖޫދަށް އަންނާނީ ބަތަލާ ކަންގަނާ ފިލްމު ކުޅެން އެއްބަސްވުމުން ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު ރިލީޒްވެ އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "ކުއީން"ގެ ހަގީގީ ކުއީން އަކީ ކަންގަނާ ކަމަށާއި ކަންގަނާ ނޫން ފަރާތެއް ފިލްމުގެ ލީޑް ރޯލަށް ގެންނަން ބޭނުން ނުވާ ކަމަށް ވިކާސް ވަނީ ބުނެފައެވެ.

ކޮންމެ ދުވަހަކު އަރާ އިރާ އެކު "ކުއީން2" ގެ ޚިޔާލު ތަކުން ސިކުނޑި ވަށާލާ ކަމަށާއި މި ފިލްމުގެ ސީކުއަލްގެ ޚަބަރު ކޮންމެވެސް ދުވަހަކުން އާއްމުންނާ ހިއްސާ ކުރާނެ ކަމަށް ކާމިޔާބު ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ވިކާސްގެ މި ސްޓޭޓްމަންޓާ އެކު ބަތަލާ ކަންގަނާ އަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އަދި އަމިއްލަ އިންސްޓަގްރާމް ގައި މި އުފާ ފާޅުކޮށް މެސެޖެއް ވަނީ ލިޔެފައެވެ.

ޑައިރެކްޓަރު ވިކާސް ބަލް އަދި ބަތަލާ ކަންގަނާ ރަނާވަތު

ފިލްމު "ކުއީން" އަކީ ކަންގަނާގެ އިތުރުން ބަތަލާ ލީސާ ހޭޑްން އަދި ފިލްމީ ތަރި ރާޖް ކުމާރު ރާއޯ މުހިއްމު ރޯލްއިން ފެނުނު ފިލްމެކެވެ. މި ފިލްމު ގައި ކަންގަނާ ކުޅެފައި ވަނީ ކައިވެންޏަށް ތައްޔާރުވެ އިންނަން ހަމަޖެއްސި ޒުވާނާ ކައިވެނި ކެންސަލް ކުރުމުން އަމިއްލަ އުފަލަށްޓަކައި އެކަނި މާ އެކަނި ކައިވެނީގެ ހަނީމޫނަށް ދިޔަ ހިތްވަރު ގަދަ އަންހެން ކުއްޖެއްގެ ރޯލެވެ.

ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީ އެއް ލިބުނުއިރު މި ފިލްމު ވެފައި ވަނީ ކަންގަނާގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީ އެއް ހޯދި ފިލްމަށެވެ. ކަންގަނާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ހުކުރު ދުވަހު ރިލީޒް ކުރާ ފިލްމު "ތޭޖަސް" އިންނެވެ.

comment ކޮމެންޓް