ޝިލްޕާ އާއި ރާޖްގެ ކައިވެނި ނުރޫޅޭ

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް އިއްޔެގެ ވަގުތެއް އެކްސް މެދުވެރިކޮށް އާއްމުންނާ ހިއްސާ ކުރި މެސެޖުން ގިނަ ބަޔަކަށް ސިހުމެއް ލިބުނެވެ.

ރާޖްގެ މެސެޖުގައި ބުނެފައިވަނީ، އަހަރުމެންގެ ވަކިވުމުގެ ވަގުތު އަތުވެއްޖެ ކަމަށާއި އަދި މި އުދަނގޫ ދަނޑިވަޅުގައި އެމީހުންނަށް އަމިއްލަ ޕްރައިވެސީ ދިނުމަށެވެ. މި މެސެޖާ އެކު ގިނަ ބަޔަކަށް ވިސްނުނީ އަންހެނުން ޝިލްޕާ އާއި ރާޖްގެ ދުވަސްވީ ކައިވެނި ރޫޅުނީ ކަމަށެވެ.

އަނެއް ބަޔަކު މި މެސެޖު ސިފަ ކުރީ ރާޖް ފިލްމީ ދާއިރާއަށް ތަޢާރަފްވާ ފިލްމަށް ޕަބްލިސިޓީ ހޯދަން ވެގެން ޖެއްސި ސްޓަންޓެއްގެ ގޮތުގައެވެ.

ބަތަލާ ޝިލްޕާ ޝެޓީއާއި ރާޖް އަކީ އަބަދުވެސް ވަރަށް ލޯބިން ދެ މީހުންގެ ޒަވާޖީ ޙަޔާތުގެ ދުވަސްތައް ގުނަމުންދާ ބައެއް ކަން ދެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވެސް ހާމަވެއެވެ.

އެހެންކަމާއެކު އެހާ ލޯބިން ދިރިއުޅެމުން އައި އާއިލާއެއްގެ ކުއްލި ވަކިވުން ދޭހަވާ ފަދަ ގޮތަކަށް ރާޖު ޕޯސްޓު ކުރި މެސެޖާ އެކު އާއްމުންގެ ގިނަ ބަޔަކު ވަނީ ހިތާމަ ކުރާ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ އިރުގަނޑެއް ފަހުން ރާޖު ކުރި ދެ ވަނަ ޕޯސްޓުގައި ބުނެފައި ވަނީ ދެ އަހަރު ދުވަސް ވަންދެން ބައިވެރިއެއްގެ ގޮތުގައި ގެންގުޅުނު މާސްކު ދޫކޮށްލީ ކަމުގައެވެ.

ބަރަހަނާ ފިލްމު ތަކެއް އުފެއްދާ އެ ފިލްމު ތަކުން އާމްދަނީ ހޯދާ ކަމުގެ ތުހުމަތު ތަކާ ގުޅިގެން ރާޖު ކުންދުރާއަށް ދެ މަހެއްހާ ދުވަސް ޖަލުގައި ހޭދަ ކުރަން ޖެހުނެވެ. ކަފާލާތުގެ ދަށުން 2021ވަނަ އަހަރު ރާޖު ދޫކޮށް ލުމުން އާއްމުންގެ ތެރެއަށް އޭނާ ނުކުންނަނީ މޫނު ނުފެންނަ ގޮތަށް ވަރުގަދަ މާސްކެއް މޫނުގައި އަޅައިގެންނެވެ.

ރާޖް ކުންދުރާ މޫނު ފޮރުވަން މާސްކް އަޅައިގެން
މޫނު ނިވާ ކުރުމަށް ބޭނުން ކުރަމުން އައި މާސްކު ރާޖު ނެގީ އަލަށް ކުޅޭ ފިލްމު "ޔޫޓީ 69"ގެ ޓްރެއިލާ ލޯންޗު ކުރި އިވެންޓުގައެވެ.

މި ފިލްމަކީ، ރާޖު އަށް 2021ގައި ކުރެވުނު ތުހުމަތު ތަކާ ގުޅިގެން އެ އާއިލާ އަށާއި ރާޖުގެ ދިރިއުޅުމަށް އައި ބަދަލު ތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ.

comment ކޮމެންޓް