ކޮލަމާފުށީ 'ރާސްތާ' ދޯނިން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އެހީ ޣައްޒާއަށް

ރާސްތާ ދޯނީގެ ފަޅުވެރިން ޣައްޒާއަށް ދިން އެހީ ރަށު ކައުންސިލާ ހަވާލުކުރަނީ -- ފޮޓޯ/ އިބްރާހިމް ވަހީދު

ގއ. ކޮލަމާފުށި "ރާސްތާ" ދޯނީގެ އެއް ދުވަހުގެ އާމްދަނީ ފަލަސްތީނަށް ހަދިޔާ ކޮށްފިއެވެ.

އެ ދޯނިން ހަދިޔާކޮށްފައިވަނީ 127،433 ރުފިޔާއެވެ. އެއީ, އެ ދޯނިން އިއްޔެ ބޭނި ފަސް ޓަނުގެ މަހަށްވާ ފައިސާއެވެ.

ރާސްތާ ދޯނީގެ ފަރާތުން މި ފައިސާ ހަވާލުކޮށްފައިވަނީ ކޮލަމާފުށި ކައުންސިލާއެވެ. ކައުންސިލުގެ ފަރާތުން ފައިސާއާ ހަވާލުވީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދެވެ. ރާސްތާ ދޯނީގެ ފަރާތުން މި ފައިސާ ހަވާލުކުރީ ދޯނީގެ ކެޔޮޅު ރަޒީން ހުސެން އާއި ހުރިހާ ފަޅުވެރިންނެވެ.

މި ކަމާ ގުޅޭގޮތުން "ސަން" އަށް މައުލުމާތު ދެމުން އިބްރާހިމް ވަހީދު ވިދާޅުވީ، ފަލަސްތީނަށް އެހީވުމަށް އެ ރަށު ކައުންސިލުން އިސްނަގައިގެން ވެސް ދެ ހަރަކާތެއް ހިންގުނު ކަމަށެވެ. އަދި، މިދިޔަ ހަފުތާގައި ހިންގި ހަރަކާތުން 23،000 ރުފިޔާ ލިފައިވާ ކަމަށް އޭނާ ބުންޏެވެ.

ރާސްތާ ދޯނިގެ ފަޅުވެރިން ޣައްޒާއަށް ދިން އެހީ ރަށު ކައުންސިލާ ހަވާލުކުރަނީ -- ފޮޓޯ/ އިބްރާހިމް ވަހީދު

އެފައިސާ ވީ އެންމެ އަވަހަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ގުޅިގެން ފަލަސްތިނު ފަންޑަށް ހަދިޔާކުރާނެ ކަމަށް އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އިސްރާއިލުން މިހާރު ފަލަސްޠީނުގައި ހިންގާ ގަތުލުއާންމުގައި ފަލަސްޠީނުގެ 4,000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 1،400 އަށްވުރެ ގިނަ ކުޑަކުދިންނާއި 800 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި 15،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމް ލިބިފައިވެއެވެ.

އިސްރާއީލާ ދެކޮޅަށް ރާއްޖޭގެ ރައްޔިތުން އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. ފަލަސްޠީނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މި ފަހުން ވެސް ވަނީ ބޮޑު އެއްވުމަކާއި ސައިކަލު ބުރެއް ވެރިރަށް މާލޭގައި ބާއްވައިފައެވެ. އަދި މުޅި ރާއްޖޭގައި ވެސް އެއްވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

comment ކޮމެންޓް