ފުވައްމުލަކު ބަލިކޮށް، ޗެމްޕިއަންކަން ކުނަހަންދުއަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަތަރުވަނަ ޓީ ޓުވެންޓީ ވިމެންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުނަހަންދޫ ޓީމު -- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަތަރުވަނަ ޓީ ޓުވެންޓީ ވިމެންސް މުބާރާތުގެ ޗެމްޕިއަންކަން ކުނަހަންދޫން ހޯދައިފިއެވެ.

އަންހެން ކުޅުންތެރިން އުފެއްދުމަށް ކްރިކެޓް ބޯޑުން ކުރިއަށްގެންދާ އެ މުބާރާތުގެ ޗެމްޕިއަންކަން ކުނަހަންދޫން ހޯދީ މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި ފުވައްމަލުކު ޓީމު 36 ލަނޑުން ބަލިކޮށްގެންނެވެ.

އެ މެޗުގެ ގުރު ދިމާވުމުން ކުނަހަންދޫ ގަސްދުކުރީ ކުޅުމަށެވެ. ކުޅެން އަރައި 20 އޯވަރު ހަމަވި އިރު، ފަސް ކުޅުންތެރިން ނުބައިވެގެން ކުނަހަންދުއަށް ހެދިފައިވަނީ 125 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 61 ބޯޅައިން 76 ލަނޑު ހެދި ސުމެއްޔާ ހަމީދެވެ. އެ އިނިންގްސްގައި ފުވައްމުލަކުގެ ފާތިމަތު އަނާލް އަދި ފާތުމަތު މަލްހާ، އެއިން ކޮންމެ އުކުންތެރިޔަކު ދެ ވިކެޓު ނެގިއެވެ.

ޖަވާބުގައި ފުވައްމުލަކުން ކުޅެން އަރައި 20 އޯވަރު ހަމަވި އިރު، ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 89 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ލަނޑު ހެދި އާއިޝަތު އައިމާއެވެ. އެ އިނިންގްސްގައި ކުނަހަންދޫން އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރުން 13 ލަނޑަށް އެއް ވިކެޓް ނެގި ހަލީމަތު ލައިސާއެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލާއި ނައިބު ރައީސް އަހުމަދު ހުސެއިނެވެ. މުބާރާތުގެ އެންމެ މޮޅު ހޮވުންތެރިޔަކަށް ހޮވިފައިވަނީ ކުނަހަންދޫގެ ހަފްސާ އަބްދުﷲ ހޮވުނު އިރު، އެންމެ މޮޅު އުކުންތެރިޔަކަށް ހޮވުނީ ހަތް މެޗުން 19 ވިކެޓު ނެގި ކުނަހަންދޫގެ ނަބާ ބިންތު ނަސީމެވެ. އަދި އެ މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުނަހަންދޫގެ ސުމެއްޔާ ބިންތު ހަމީދެވެ.

އެ މުބާރާތުގައި ތިން ޓީމަކުން ވާދަކޮށްފައިވާތީ ފުރަތަމަ ކުރިއަށްގެންދިޔައީ ލީގު ބުރެވެ. ފައިނަލަށް ދަތުރުކޮށްފައިވަނީ ލީގު ބުރުން އެންމެ ކުރި ހޯދި ދެ ޓީމެވެ. ކުނަހަންދޫ އާއި ފުވައްމުލަކުގެ އިތުރުން ދެން މުބާރާތުގައި ވާދަކޮށްފައިވަނީ މާލެ ސިޓީގެ ޓީމެވެ.

comment ކޮމެންޓް