ގަވާއިދާ ޚިލާފަށް ޕާކު ކުރުމުގެ މައްސަލައިގައި މިއަހަރު މިހާތަނަށް 31،077 އުޅަނދުގައި ސްޓިކާ ޖަހާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަމް ވިދާޅުވީ، މާލޭގައި ދުއްވާއެއްޗެހި އާދަޔާ ޚިލާފަށް ގިނަ ކަމަށެވެ.
އޭނާ ވިދާޅުވީ، މަގުމަތީގައި ފުލުހުން ޕެޓްރޯލް ކުރާއިރު އެންމެ ގިނައިން ފާހަގަވާ މައްސަލަތަކަކީ ލައިސަންސް ނެތި, 18 އަހަރުން ދަށުގެ ކުޑަކުދިން ސައިކަލު ދުއްވުން ކަމަށެވެ.
މީގެ އިތުރުން، ވެހިކަލް ދުއްވަމުން މުވާސަލާތީ ވަސީލަތެއް ބޭނުން ކުރުމާއި، ކަނޑައަޅާފައިވާ މިނަށްވުރެ ބާރަށް ދުއްވުމާއި، ނަމްބަރު ބޯޑުގެ މައްސަލަތައް ވެސް ފާހަގަ ވާކަމަށް އޭނަ ވިދާޅުވިއެވެ.
"ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން މިއަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1071 އުޅަނދެއް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ޓޯކޮށްގެން ގެނެސްފައި އެބަވޭ. ދެން އަދި އޭގެ އިތުރުން މިއަހަރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް 31،077 ވެހިކަލެއްގައި ސްޓިކާ ޖެހިފައި ވޭ ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުރެގެން،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވެހިކަލްގައި ސްޓިކާ ޖެހުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް ސްޓިކާ ޖަހަނީ ގަވާއިދާ ޚިލާފަށް ޕާކު ކުރާތީ ކަމަށާއި ފިޔަވަޅު އަޅަނީ މުޖުތަމައުގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެކްސިޑެންޓުތަކުގެ ވާހަކަ ދައްކަވަމުން މި ޕްރޮގްރާމްގައި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ހަސަން ވިދާޅުވީ، އެކްސިޑެންޓުތައް އެންމެ ގިނަ އެއް ސަރަހައްދަކީ ސިނަމާލެ ބްރިޖު ސަރަހައްދު ކަމަށެވެ.
ބްރިޖުގައި ވެސް އެކަށީގެންވާ މިންވަރަށް ވުރެ ބާރަށް ދުއްވާ މީހުންނަށް މިހާރު ސަމާލުވުމަށް އެދި މެސެޖު ފޮނުވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ކޮންމެ ދުވަހަކު 100އަށްވުރެ ގިނަ މީހުންނަށް މި މެސެޖު ފޮނުވަން ޖެހޭކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ބްރިޖުގައި ބާރަށް ދުއްވާ ނަމަ ފިޔަވަޅުއަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަމަކީ ކުއްލިއަކަށް ވާނެ ކަމެއް ނޫންކަމަށާއި މިކަމަށް ގާނޫނީ ބަދަލުތަކެއް ވެސް ބޭނުންވާކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ.
"ގާނޫނަށް ގެންނަންޖެހޭ ކުޑަކުޑަ ބަދަލެއް ގެނެވުނީމަ އަޅުގަނޑުމެން މި ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އިމުގެ ތެރެއިން ޖޫރިމަނާ ކުރެވިގެން ދާނެ. މިހެން ދެންނެވިކަމަށް ވިއަސް މި މަސައްކަތަށް ވަގުތުތަކެއް ނަގާނެ. މިއީ އަޅުގަނޑުމެންނަށް އިޚުތިޔާރު އޮންނަ ކަމެއް ނޫން. ގުޅުންހުރި މުއައްސަސާ ތަކާއެކު ކުރެވޭ މަސައްކަތުން މިކަން ވުޖޫދު ކުރެވިގެން ދާނީ،" މުހައްމަދު ހަސަން ވިދާޅުވިއެވެ.
މިއަދަދަށް މިއަހަރު އުޅަނދުތަކުގައި ސްޓިކާ ޖަހާފައި ވާއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތެރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި ދައުރުގައި ކުރެވުނު ހުރިހާ ޓްރެފިކް ޖޫރިމަނައެއް މައާފުކޮށްދެއްވާފައެވެ.