ކެރިއަރުގެ ފުރަތަމަ ވެބް ސީރީސްގެ ދެވަނަ ސީޒަނަށް ސޮނާކްޝީ ތައްޔާރު

ބަތަލާ ސޮނާކްޝީ ސިންގްހާ

މި އަހަރުގެ މެއި މަހު އެމޭޒަން ޕްރައިމްގައި ސްޓްރީމް ކުރަން ފެށި ކްރައިމް ތުރިލަ ވެބް ސީރީސް "ދާހަދު"ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ޒޯޔާ އަޚްތަރު ބުނެފިއެވެ.

އިންޑިއާގެ ޚަބަރުތައް ގެނެސްދޭ އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ޒޯޔާ ބުނީ، ފުރަތަމަ ސީޒަންއަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާ އެކު ދެވަނަ ސީޒަންގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ބަތަލާ ސޮނާކްޝީ ސިންގްހާ އަދި ވިޖޭ ވަރުމާގެ އިތުރުން ގުލްޝަން ދެވައިއާ މުހިއްމު ރޯލް ކުޅެފައިވާ މި ވެބް ސީރީސް އަކީ ސޮނާކްޝީ ސިންގްހާގެ ފުރަތަމަ ވެބް ސީރީސްއެވެ. ޒޯޔާ އަޚްތަރު އަކީ އަބަދުވެސް ތަފާތު އެކި ޖޯންރާތަކަށް ފިލްމު އުފައްދަން ޝައުގުވެރިވާ ފަރާތެއް ކަމަށާއި އަންޑަވަލްޑް ކްރައިމް ޖޯންރާއަށް ފިލްމު އުފެއްދުމަކީ އަބަދުވެސް ކުރަން ބޭނުންވި މަސައްކަތެއް ކަމަށް ކާމިޔާބު ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ވެބް ސީރީސް "ދާހަދު"ގެ ދެވަނަ ސީޒަނެއް އުފައްދަން ނިންމާފައި ވާއިރު ދެވަނަ ސީޒަންއިން ފެންނާނެ ތަރިންގެ މައުލޫމާތު ޒޯޔާ ހިއްސާ ކޮށްފައެއް ނުވެއެވެ.

ވެބް ސީރީސް 'ދާހަދު"ގެ ޕޯސްޓަރެއް

ސަންޖޭ ބަންސާލީގެ ނެޓްފްލިކްސް ސީރީސް "ހީރާ މަންޑީ" އަށް ވަގުތު ހުސްކޮށްފައިވާ ބަތަލާ ބުނެފައި ވަނީ، "ދާހަދު"ގައި ސޮނާކްޝީ ކުޅުނު ރޯލަކީ، މިހާތަނަށް ބެލުންތެރިންގެ ފަރާތުން އެންމެ ބޮޑު ތަރުހީބެއް ލިބުނު ރޯލް ކަމުގައެވެ.

މި ސީރީސްގެ ސީކުއަލްއެއް އުފައްދާނަމަ އަލުން އެ ކެރެކްޓާ ކުޅުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެވަނަ ފަހަރަށް ފުލުހުންގެ ޔުނީފޯމް ލުމަށް ތައްޔާރަށް ހުރި ކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ފިލްމު "ޑަބަލް އެކްސް އެލް" އިން ފެނުނު ބަތަލާގެ އަތުގައި މިވަގުތު ތިން ފިލްމީ ޕްރޮޖެކްޓެއް އެބައޮތެވެ. އޭގެ ތެރޭގައި އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން" ވެސް ހިމެނެއެވެ.

comment ކޮމެންޓް