ޖޫނިއާ އެންޓީއާރުއަށް އޮސްކާ އެކަޑެމީގެ އެކްޓަރުންގެ ގޮފީގެ މެމްބަރުކަން ލިބިއްޖެ

އެކްޓަރު ޖޫނިއާ އެންޓީއާރު

އިންޑިއާގެ ތެލުގޫ އެކްޓަރު ޖޫނިއާ އެންޓީއާރު އޮސްކާ އެކަޑެމީގެ އެކްޓަރުންގެ ގޮފީގެ މެމްބަރަކަށް ހޮވިއްޖެއެވެ.

ފިލްމު "އާރްއާރްއާރް"ގެ އެކްޓަރާ އެކު މި ގޮފީގެ މެމްބަރުންގެ ގޮތުގައި ހޮލީވުޑް ތަރިން ކަމަށްވާ މާޝާ ސްޓެފަނީ ބްލޭކް، ކެރީ ކޮންޑޮން އަދި ރޯސާ ސަލާޒާރު ފަދަ ފިލްމީ ތަރިން ހިމެނެއެވެ.

އޮސްކާ އެކަޑެމީގެ މެމްބަރުންގެ ގޮތުގައި ހޮވިފައިވާ ފިލްމީ ތަރިންގެ ނަންތައް މި އެކަޑެމީގެ ރަސްމީ އިންސްޓަގްރާމްގައި އިއުލާނު ކޮށްފައިވަނީ ކޮންމެ ފިލްމީ ތަރިއެއްގެ މަގުބޫލު ފިލްމުތަކުގެ ކުޑަ ވީޑިއޯ ކްލިޕްއަކާ އެކުއެވެ. އަދި މި ފިލްމީ ތަރިން މިހާތަނަށް ސިނަމާގައި ދައްކުވައި ދީފައިވާ ހުށަހެޅުން ތަކަކީ ދުނިޔޭގެ އެތައް ބަޔަކު ބަލައިގެންފައިވާ ހުށަހެޅުންތައް ކަމަށާއި މި ތަޖުރިބާހުރި ތަރިންގެ އެހީގައި ކުރިޔަށް އޮތް ތަނުގައި ގިނަ ފިލްމީ ފަންނާނުން ތަކެއްގެ ދިރިއުޅުން ބަދަލުކޮށްލުމަށް އުއްމީދު ކުރާ ކަމުގައި އެކަޑެމީގެ ދިގު ޕޯސްޓުގައި ވަނީ ބުނެފައެވެ.

އޮސްކާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެކްޓަރުންގެ ގޮފީގެ މެމްބަޝިޕް ލިބޭނީ އޮސްކާ އެކަޑެމީގެ ބޯޑު އޮފް ގަވަރުނަރުން ދަޢުވަތު ދޭ ފަރާތްތަކަށް އެކަންޏެވެ. އަދި މިއީ ފިލްމީ ދާއިރާގައި މެދުނުކެނޑި ކާމިޔާބު ކަމާއެކު ދެމިތިބޭ ފަރާތްތަކަށް ލިބޭ މަޤާމެއް ކަމަށް ވެސް އޮސްކާ ވެބްސައިޓުގައި ވަނީ ބުނެފައެވެ.

ފިލްމު "އާރްއާރްއާރް" ގެ ދެ ތަރިން އޮސްކާ އެވޯޑް ޙަފްލާގައި

އެކްޓަރުންގެ ގޮފީގައި ހިމެނުނު މެމްބަރުންގެ މައިގަނޑު ޒިންމާތަކުގެތެރޭ ކޮންމެ އަހަރަކު ބާއްވާ އެކަޑެމީ އެވޯޑަށް ފިލްމީ ތަރިން ނޮމިނޭޓް ކުރާ ކެޓެގަރީތައް ކަނޑައެޅުމާ އެކު އެ ކެޓެގަރީތަކަށް ނަން ހުށަހެޅުން ހިމެނެއެވެ.

މީގެއިތުރުން އެ އަހަރަކު އެންމެ މޮޅު ހުށަހެޅުމެއް ސިނަމާގައި ހުށަހެޅި ފަރާތެއް ހޮވުމުގެ މުހިއްމު ޒިންމާ އަދާކުރުމުގައި ވެސް އެކްޓަރުންގެ ގޮފީގެ މެމްބަރުން ހާއްސަ ދައުރެއް އަދާ ކުރާނެއެވެ. ތެލުގޫ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރަށް ބައިނަލްއަޤްވާމީ ދުނިޔޭގައި ލިބުނު މި ކުރިއެރުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ ތަހުނިޔާ ކިޔާފައެވެ.

އެކްޓަރު ޖޫނިއާ އެންޓީއާރަށް ބޭރު ދުނިޔޭގެ ސަމާލުކަން ބޮޑަށް ލިބުނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އާރްއާރްއާރް"ގައި އެކްޓަރު ދެއްކި މޮޅު ހުށަހެޅުމާއެކުއެވެ. މި ފިލްމުގެ 'ނާޓޫ ނާޓޫ' ލަވައަށް ވަނީ މި އަހަރުގެ އޮސްކާ އެވޯޑްގެ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑު ވެސް ލިބިފައެވެ.

comment ކޮމެންޓް