ކުނަހަންދޫ އާއި ފުވައްމުލަކު ފައިނަލަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަތަރުވަނަ ޓީ ޓުވެންޓީ ވިމެންސް މުބާރާތުގެ ތެރެއިން -- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ހަތަރުވަނަ ޓީ ޓުވެންޓީ ވިމެންސް މުބާރާތުގެ ފައިނަލުން ކުނަހަންދޫ އާއި ފުވައްމުލަކުން ޖާގަ ހޯދައިފިއެވެ.

އަންހެން ކުޅުންތެރިން އުފެއްދުމަށް ކްރިކެޓް ބޯޑުން ކުރިއަށްގެންދާ އެ މުބާރާތުގެ ފައިނަލުގެ ޖާގަތައް ކަށަވަރުވެފައިވަނީ އިއްޔެގެ މެޗުތަކަށް ފަހުއެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ކުނަހަންދޫ އަތުން ފުވައްމުލަކު މޮޅުވީ ހަތް ވިކެޓުންނެވެ. އަދި، ދެވަނަ މެޗުގައި ކުނަހަންދޫން ވަނީ 139 ލަނޑުން މާލެ ބަލިކޮށްފައެވެ.

ފުރަތަމަ މެޗު ގުރު ދިމާވުމުން ކުނަހަންދޫ ގަސްދުކުރީ ކުޅުމަށެވެ. ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ކުނަހަންދުއަށް ހެދުނީ 70 ލަނޑެވެ. އޭގެ ތެރެއިން ނަބާ ބިންތު ނަސީމް 25 ލަނޑު ހެދިއެވެ. ފުވައްމުލަކުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ހަތަރު އޯވަރުން 20 ލަނޑަށް ހަތް ވިކެޓު ހެދި އާއިޝަތު މީސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ އޭނާއެވެ.

ދެވަނަ މެޗުގައި ގުރު ދިމާވުމުން މާލެ ޓީމު ގަސްދުކުރީ ހޮވުމަށެވެ. ކުނަހަންދޫ ކުޅެން އަރައި 20 އޯވަރު ހަމަވި އިރު، ފަސް ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 205 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 81 ލަނޑު ހެދި ފާތިމަތު ސަޖާއާއި 50 ލަނޑު ހެދި ސުމެއްޔާ ހަމީދެވެ. މާލޭ ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވި އިރު، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 66 ލަނޑެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ކުނަހަންދޫ ޓީމުގެ ނަބާ ބިންތު ނަސީމެވެ.

އެ މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ލީގު ބުރުގެ ފަހު ދެ މެޗެވެެ. މިއަދުގެ ފުރަތަމަ މެޗުގައި ފުވައްމުލަކާއި މާލެ ބައްދަލުކުރާ އިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ފުވައްމުލަކާއި ކުނަހަންދޫއެވެ.

ލީގު ބުރުގެ އެއްވަނައިގައި މިވަގުތު އޮތީ ފަސް މެޗުން 12 ޕޮއިންޓު ހޯދާފައިވާ ކުނަހަންދޫއެވެ. ދެވަނައިގައި ތިން މެޗުން ހަ ޕޮއިންޓު ހޯދާފައިވާ ފުވައްމުލަކު އޮތް އިރު، ފުލުގައި އޮތް މާލެ ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ.

އެ މުބާރާތުގެ ފައިނަލުގައި ކުނަހަންދޫ އާއި ފުވައްމުލަކު ބައްދަލުކުރާނީ މާދަމާ މެންދުރު ފަހު 2:00 ގައެވެ.

comment ކޮމެންޓް