ރާއްޖެ އަންނަ ޓޫރިސްޓް އުޅަނދުފަހަރުގެ ގަވާއިދަށް މިފަހުން ގެނައި ބަދަލާ ގުޅިގެން މުޅި އިންޑަސްޓްރީ މިހާރު މިއޮތީ ހުއްޓިފައި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އެޖެންޓްސް (މާޔާ) އިން މިއަދު ބުނެފިއެވެ.
ކަންބޮޑުވުންތައް "ސަން" އާ ހިއްސާކުރައްވަމުން މާޔާގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޓޫރިސްޓު އުޅަނދުފަހަރުތަކުގެ ގަވާއިދަށް މި ފަހުން ގެނައި ބަދަލަކީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާނުކޮށް ކަމުގެ މައުލޫމާތު އެ ވަރަށް ނުހޯދައި ހަދާފައިވާ ގަވާއިދެއް ކަމަށެވެ.
އެގޮތުން އާ ގަވައިދާއެކު، ދައުލަތަށް ޓޫރިސްޓް އުޅަނދުތަކުން ލިބޭ އާމްދަނީ ދާނީ ދަށަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުރިން ދައުލަތަށް ލިބެމުން ދިޔަ ވަރަށް ބޮޑު އަދަދެއްގެ ރެވެނިއު އެއް ހުއްޓުނީ. އާ ރެގިއުލޭޝަން ހެދުނު އިރު ސަރުކާރުގެ މުއައްސަސާތައް ތައްޔާރެއް ނޫން." ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ މުއައްސަސާތަކުން ވެސް މިކަމަށް ތައްޔާރުވެފައި ނުވާ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އަލަށް ހެދި ގަވާއިދުގެ ސަބަބުން ހުށަހަޅަން ޖެހޭ ބައެއް ފޯމްތަކުގައި ސަރުކާރުގެ އިދާރާތަކުން ނުލިބޭ މައުލޫމާތުވެސް ހިމަނަން ލާޒިމް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެންމެ ދަތިވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ބޭރުގެ އެއްވެސް އުޅަނދެއް ރާއްޖެ އައިސް ބަނދަރު ކުރުމުން ނޫނީ ނުލިބޭ އިންވާޑް ކްލިއަރެންސް އެ އުޅަނދު އައުމުގެ ކުރިން ހުށަހަޅަން އޮތްއޮތުމެވެ. އެހެންކަމުން އެއީ ވުން ނާދިރު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަބަބަކީ ކިތަންމެ ވަރަށް މަސައްކަތް ކުރިއަސް އުޅަނދު މާލެ އައުމުގެ ފަހުން ލިބޭ ލިއެކިއުމެއް، އުޅަނދު އައުމުގެ ކުރިން ނުލިބޭނެތީ" ނަޝީދު ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ސުޕަ ޔޮޓު ތަކަކީ މާކުރިން ފެށިގެން ވެސް ޓޫރިސްޓުންނަށް މަންޒިލުތައް ވިއްކައިގެން މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެހެން ކަމުން ރާއްޖެއައިސް މާލޭގައި ބަނދަރު ކޮށްގެން ގިނަ އިރު އެ މީހުން ތިބެން ޖެހުމަކީ ރާއްޖެއަށް ވަރަށް 'ނެގެޓިވެ އިމޭޖެއް' ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އާ ގަވާއިދާ އެކު މިހާރު ސަރުކާރަށް ޓެކްސް ދައްކަން ޖެހެނީ ރާއްޖެ އޮންނަތާ ހަތް ދުވަހަށް ވުރެ އިތުރުވުމުންނެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޕެސެންޖާ ލައިންތައް އާންމު ގޮތެއްގައި ރާއްޖެ އައިސް މަޑުކުރާނީ ތިން ދުވަހު ކަމަށެވެ. އެންމެ ގިނަ ވެގެން ވެސް މަޑު ކުރާނީ ފަސް ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ހަތް ދުވަސް ވަންދެން މަޑުކުރާ ޕެސެންޖާ ލައިންތައް ވަރަށް މަދުވާނެ ކަމަށާއި، ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައިވެސް އެވަރަށް މަޑުކޮށްފައި އޮންނާނީ ދެ އުޅަނދު ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުރިން އޮތް ގަވާއިދުން ވަރަށް ބޮޑު ފައިދާ އެއް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ ކަމަށެވެ. އެހެން ނަމަވެސް ދެން އެ ޓެކްސް ނުނެގޭނަމަ އެ ފައިދާ ވެސް ސަރުކާރަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އާ ގަވާއިދުގައި މިހެން އޮތް ނަމަވެސް މީރާގެ ގަވާއިދުގައި އޮންނަނީ އުޅަނދު ރާއްޖޭގައި އޮންނަތާ 12 ގަޑިއިރުވުމުން ގްރީން ޓެކްސް އާ އެެހެން ހުރިހާ ޕޯޓްސް އާއި ޓްރާންސްޕޯޓަށް ދައްކަންޖެހޭ ފައިސާ ވެސް ދައްކަން ޖެހޭނެ ކަމަށް ކަމަށެވެ. އެހެން ކަމުން މީރާގެ ގަވާއިދާ ވެސް އަލަށް މި ހެދި ޓޫރިސްޓް އުޅަނދު ތަކުގެ ގަވާއިދާ ފުށުއަރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ މި އާ ގަވާއިދުގެ ސަބަބުން މުޅި އެ އިންޑަސްޓްރީގައި މަރުތަޅު އެޅިފައިވާ ކަމަށެވެ. މިހާ ބޮޑެތި މައްސަލަތައް މި ގަވާއިދުގައި ހުރިއިރު އަދިވެސް މިނިސްޓްރީއަށް މި ކަން ކަން ނޯޓިސް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ އުޅަނދުތަކުން ރާއްޖޭގެ އިގްތިސާދަށް އެއްވެސް ފައިދާއެއް ނުވާ ކަމަށާއި ޓެކްސް ވެސް ނުދައްކާ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެ އުޅަނދުތަކުން ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބޭ ކަމަށެވެ.
މި މައްސަލަތައް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ހުށަހަޅާފައި ވާކަމަށާއި އެހެން ނަމަވެސް އާ ގަވާއިދު ހެދިގެން އައިއިރު އެ އެއްވެސް ކަމަކަށް ބަލައިފައި ނުވާ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ ސީޒަން ފެށޭ ދުވަސް ކޮޅާ ދިމާކޮށް މިގަވައިދަށް އަމަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އެ އިންޑަސްޓްރީގެ ބޭފުޅުން ނުދެކޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ މި ކަންބޮޑުވުންތައް މިހާރުވެސް ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ އިކޮނޮމިކް ކޮމިޓީއަށާއި، ޓްރޭޑް މިނިސްޓްރީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ އާއި ޓޫރިޒަމް މިނިސްޓްރީއަށް ވެސް ހުށަހަޅަމުން ދާކަމަށެވެ.
"ރޭގަ އަނެއްކާ ރިކުއެސްޓް ކޮށްފިން އިހަށް އާ ގަވާއިދު އޮޕަރޭޭޓް ކުރެވޭނެ މެކޭނިޒަމެއް ހެދެންދެން ނަމަވެސް އިހަށް ކުރިން އޮތް ގަވާއިދާ އެއްގޮތަށް މި ހުއްދަތައް ދެއްވަން،" ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިގޮތަށް އާގަވާއިދު އޮޕަރޭޓު ކުރެވޭނެ މެކޭނިޒަމެއް ނެތް ނަމަ ކުރިއަށް އޮތް ސީޒަންގައި ވަރަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި މި ގޮތަށް ސީޒަން ނިމިއްޖެ ނަމަ ދެން އަންނަ ސީޒަނެއްގައި ރާއްޖެ އަންނަ އުޅަނދުފަހަރު މަދުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ރާއްޖެ އަންނަ އުޅަނދު ފަހަރުތަކުން ނަގަމުން އަންނަ ޕައިލަޓޭޖް ފީ ވެސް ވަރަށް ބޮޑުކޮށްފައެވެ. އޭގެ ސަބަބުން ރާއްޖެއަށް އައުމަށް އޮތް ކްރޫޒު ލައިނާތަކެއްގެ ދަތުރުތައް ކެންސަލް ކުރިއެވެ. ފަހުން ސަރުކާރުން ވަނީ އެ ފީތައް ކުޑަކޮށްދީފައެވެ.