މި ވަގުތު އެންމެ މުހިންމީ ހަނގުރާމަ ހުއްޓުވުން: އުރުދުން

އެމެރިކާގެ ރައީސް ޖޯ ބައިޑެން ފޮޓޯ/އަލްޖަޒީރާ

މިވަގުތު އެންމެ މުހިންމީ ހަނގުރާމަ ހުއްޓުމަށް ގެނައުން ކަމަށް ބުނެ އަރަބި ގައުމުތަކުގެ ލީޑަރުން ހިމެނޭ ގޮތަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއެކު ބާއްވަން ނިންމެވި ސަމިޓު އުރުދުން އިން ކެންސަލްކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ބައިޑެން އިސްރާއީލަށް ގޮސްފައިވާއިރު، ކުރިން ރާވާފައި އޮތީ އިސްރާއީލުގެ ދަތުރަށްފަހު އުރުދުންގެ ވެރި ރަށް އައްމާނަށް ދިއުމަށެވެ. އައްމާނުގައި އުރުދުންގެ ރަސްގެފާނާއި، މިސްރުގެ ރައީސް އަދި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރުމަށް ކުރިން ވަނީ ނިންމާފައެވެ.

ނަމަވެސް މި ސަމިޓް ކެންސަލް ކުރިކަން ހާމަކޮށް، އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވީ އިޒްރޭލާއި ހަމާސް ޖަމާއަތާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރުން ފިޔަވައި އިތުރު ވާހަކަތަކެއް ދެއްކުން މިވަގުތު މުހިއްމު ނޫން ކަމަށެވެ.

އުރުދުން އިން މި ސަމިޓް ކެންސަލް ކޮށްފައި މި ވަނީ ފަލަސްތީނުގެ ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލު ހުންނަ ސަރަހައްދަށް ދިން ވައިގެ ހަމަލާގައި 800 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އެތައް ހާސް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ދަނޑިވަޅެއްގައެވެ. މި ކަމުގައި އެމެރިކާއިން ވަނީ އިސްރާއީލްގެ ފަޅިއަށް އަރައި އެ މީހުން ދިފާއުކޮށް ވާހަކަވެސް ދައްކާފައެވެ.

comment ކޮމެންޓް