އެމެރިކާއިން 100 މިލިއަން ޑޮލަރުގެ އެހީ ފަލަސްތީނަށް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ފޮޓޯ/ނިއު ޔޯކް ޕޯސްޓް

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ގެއްލުން ލިބޭ ޣައްޒާގެ އާންމު ރައްޔިތުންނަށް، އިންސާނީ އެހީގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވެފައިވަނީ އިސްރާއީލަށް މިހާރު ކުރަމުންދާ ދަތުރުގައި އިސްރާއީލްގެ އަލް ތަވީވްގައި ހުރެ ބުދަ ދުވަހު ދެއްކި ވާހަކައިގައި ކަމަށް ނިއު ޔޯކް ޕޯސްޓުން ރިޕޯޓުކުރެއެވެ. މި އެހީގެ ސަބަބުން ހަނގުރާމައިގެ އަސަރުކޮށްފައިވާ މިލިއަނަކަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ބައިޑަން ވިދާޅުވެއެވެ.

ފަލަސްތީނަށް އެހީ ފޯރުކޮށްދޭނެކަން އެމެރިކާއިން އިއުލާނުކޮށްފައި މި ވަނީ ޣައްޒާގެ ހޮސްޕިޓަލަކަށް އަންގާރަ ދުވަހު އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ކުށެއްނެތް އެތައް ސަތޭކަ އާންމުން ޝަހީދުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. މިކަމާގުޅިގެން ބައިޑެން މިހާތަނަށްވެސް ވަނީ އިސްރާއީލަށް ވާގިވެރިވެފައެވެ. އަދި އެއީ އިސްރާއީލުން ދިން ހަމަލާއެއްނޫން ކަމަށާއި "އަނެއް ޓީމުން" ދިން ހަމަލާއެއް ކަމަށްވެސް އިސްރާއީލްގެ ރައީސް ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވި ބައްދަލުވުމެއްގައި ބައިޑަން ވަނީ ވިދާޅުވެފައެވެ.

އެހީގެ އިއުލާނާއެކު ބައިޑެން ވަނީ ހަމާސްއަށް ވެސް އިންޒާރު ދެއްވާފައެވެ. އެގޮތުން މި އެހީއަށް ހަމާސްއިން ހުރަސްއަޅަން މަސައްކަތްކޮށްފިނަމަ، އެހީ ފޯރުކޮށްދިނުން ނިމުމަކަށް ގެންނާނެ ކަމަށްވެސް ބައިޑެންއާ ހަވާލާދީ ނިއު ޔޯކް ޕޯސްޓުގައި ބުނެފައެވެ.

އެހީފޯރުކޮށްދޭނެ ކަމަށް ބައިޑަން އިއުލާނުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ގޮވާލި އދ. ގެ ސަލާމަތީ ކައުންސިލްގެ ގަރާރު އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.

އެ ގަރާރުގައި ގޮވާލާފައިވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހަނގުރާމަ ހިނދުކޮޅަކަށް މެދުކަނޑާލުމަށެވެ. މި ގަރާރުގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ ވަނީ ކުށްވެރިވެސް ކޮށްފައެވެ. އަދި އާންމުންނާއި ދެކޮޅަށް ދެވޭ ހުރިހާ ހަމަލާތަކެއްވެސް ވަނީ ކުށްވެރިކޮށްފައެވެ.

އދ ގެ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ ކައުންސިލުން މި ގަރާރާއި ދެކޮޅަށް ވޯޓު ދީފައި ވަނީ އެމެރިކާއިން އެކަންޏެވެ.

މިއާއިއެކު މިއީ އެމެރިކާއިން ކޮން މަގްސަދެއްގައި ފަލަސްތީނަށް ދޭ އެހީއެއްތޯ ވަނީ ސުވާލު އުފެދިފައެވެ.

އެމެރިކާ އަކީ އިސްރާއީލްގެ އަނިޔާވެރި ހުރިހާ އަމަލަކަށް އެންމެ ބޮޑަށް ހިތްވަރުދީ އިސްރާއީލަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމެވެ. އިގްތިސާދީ ގޮތުން އެންމެ ބޮޑަށް މަދަދުވެރިވާ ގައުމުވެސްމެއެވެ.

comment ކޮމެންޓް