ޤައުމީ އެވޯޑާ ހަވާލުވާން ކައިވެނީގެ ހެދުމުގައި ދިއުމުން ގިނަ ބައެއްގެ ތަޢުރީފު އާލިއާއަށް

އާލިއާ ބަޓް ޤައުމީ އެވޯޑް ހަފްލާގައި

އިންޑިއާގެ 69 ވަނަ ޤައުމީ އެވޯޑް ދިނުމުގެ ޙަފުލާއަށް ދިޔަ ފިލްމީ ތަރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ބަތަލާ އާލިއާ ބަޓް ޙަފްލާއަށް ދިޔައިރު އަޅައިގެން ހުރި ސާޅީ ހެދުން ފެނުމުންނެވެ.

ފިލްމު "ގަންގޫ ބާއި ކަތިއާވާޅީ" ގައި އާލިއާ ދެއްކި މޮޅު އެކްޓިންގް ހުނަރާއެކު އާލިއާއަށް ވަނީ މި އަހަރުގެ އެންމެ މޮޅު ބަތަލާގެ ޤައުމީ އެވޯޑް ލިބިފައެވެ.

ފިރިމީހާ ރަންބީރު ކަޕޫރާ އެކު އާލިއާ މި ހަނދާނީ ހަފްލާއަށް ދިޔުމަށް އާލިއާ ޚިޔާރު ކުރީ އަމިއްލަ ކައިވެނީގައި ބޭނުން ކުރި ތާރީޚީ ސާޅީއެވެ. ކައިވެނީގެ ޙަފްލާ ތަކުގައި ބޭނުން ކުރެވޭ ހެދުން ތަކަކީ އާއްމު ގޮތެއްގައި އެ ދުވަހު ބޭނުން ކުރުމަށް ފަހު ފޮނި ހަނދާންތަކެއްގެ ގޮތުގައި ރައްކާކޮށް ފައި ހުންނަ އަންނައުނު ތަކެކެވެ.

އެހެން ނަމަވެސް ބަތަލާ އާލިއާ މި ފަހަރު ސާބިތު ކޮށް ދިނީ ކައިވެނީގެ ހާއްސަ ހެދުމަކީ ވެސް ޙަޔާތު ގައި އަންނަ އެހެން ހާއްސަ ދުވަހުގެ ހައިބަތު އިތުރުކޮށް ދޭނެ ހެދުމެއް ކަމެވެ.

ބަތަލާގެ އަމިއްލަ އިންސްޓަގްރާމްގައި ޕޯސްޓު ކޮށްފައިވާ ފޮޓޯ ތަކާއެކު ބުނެފައި ވަނީ، ހަޔާތުގެ ވަރަށް ހާއްސަ ދުވަހަކަށް ބޭނުން ވަނީ ވަރަށް ހާއްސަ ހެދުމެއް ކަމަށެވެ. އަދި ބައެއް ފަހަރަށް އެ ހާއްސަ ހެދުން މާކުރިން އަތުގައި އޮންނަ ކަމަށާއި ހަޔާތުގައި ހާއްސަ މަޤާމެއް ދެވިފައިވާ ހެދުން ތަކުރާރުކޮށް ބޭނުން ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އާލިއާ ބަޓް ފިރިމީހާ އަދި އެކްޓަރު ރަންބީރު ކަޕޫރާ އެކު

ބަތަލާ އާލިއާ ބަޓްގެ ކައިވެނީ ގައި ބޭނުން ކުރި ސާޅީ އަކީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރު ސަބްޔަސާޗީ ޑިޒައިން ކޮށްފައިވާ ވަރަށް މަޑު ކްރީމް ކުލައެއްގެ ސާޅީ އެކެވެ.

ފިލްމީ ތަރިންނަކީ އާއްމު ގޮތެއްގައި އެއް ފަހަރު ބޭނުން ކުރާ އަންނައުނު ދެވަނަ ފަހަރަށް ބޭނުން ކުރުމަށް ފަސްޖެހޭ ބައެއް ނަމަވެސް އާލިއާ މިކަމުގައި ވެސް އާއްމުންނަށް ދެއްކީ ރިވެތި މިސާލެކެވެ. މީގެ ކުރިން ވެސް ބަތަލާ ވަނީ އެއްފަހަރު ބޭނުން ކުރާ ޑިޒައިނާ އަންނައުނުތައް ދެވަނަ ފަހަރަށް ބޭނުން ކުރުން އާދަ އަކަށް ހެދުމަށް ސަޕޯޓަރުން ގާތު އެދިފައެވެ.

comment ކޮމެންޓް