ފަލަސްޠީނަށް ޓަަކައި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި

27 ޖުލައި 2018: ކޭތަ ނަމާދުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަލަސްތީނަށް ނަސްރު ދެއްވުންއެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ ކޮންމެ ނަމާދެއްގައި ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ މި ކަމުގައި ގުނޫތު ކިޔުމަށް އެންގީ މި މަހުގެ 11ވަނަ ދުވަހެވެ.

އެއިރު އެންގީ ހަމައެކަނި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔުމަށެވެ.

ނަމަވެސް މިއަދު އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައިވަނީ ކޮންމެ ނަމާދެއްގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގައިފައެވެ. އަދި އިތުރު އެހެން ގޮތަކަށް އަމަލުކުރުމަށް އަންގަންދެން އެ ކަން ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީންވަނީ އަންގައިފައެވެ.

ހައްދުފަހަނަ އެޅި ޔަހޫދީ އިސްރާއިލުން ފަލަސްޠީނަށް ދެމުން އަންނަ ހަމަލާތައް ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް އިސްރާއިލުން ބަންދުކޮށްފައިވާ ޣައްޒާއަށް އަންނަނީ އާންމުންނަށް ބެލުމެއް ނެތި މިސައިލް ހަމަލާތައް ދެމުންނެވެ.

ގަސްތުގައި ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އާންމުން ބޭނުންކުރާ މުހިންމު ތަންތަނަށް ވެސް އަންނަނީ ހަމަލަ ދެމުންނެވެ. އެގޮތުން ރޭގައި ވެސް އިސްރާއިލުންވަނީ ޣައްޒާގެ ހޮސްޕިޓަލެއްކަމަށްވާ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން މިސައިލް ހަމަލައެއްގައި 800އަށްވުރެ ގިނަ ފަލަސްޠީން ރައްޔިތުން ޝަހީދުކޮށްލައިފައެވެ.

މި ފަދަ އެތައް ލާއިންސާނީ އަމަލުތަކެއް އިސްރާއީލުން ހިންގާއިރު، މިހާތަނަށް އިސްރާއިލުން ހިންގާ މި ގަތުލު އާންމުގައި 3،000އަށް ވިރެ ގިނަ އަދަދަކަށް ފަލަސްޠީނު ރައްޔިތުންވަނީ ޝަހީދުވެފައެވެ. އަދި 13،000އަށްވުރެ ގިނަ މީހުންނަށް އަނިޔާއާއި ބޮޑެތި ޒަޚަމްތައް ލިބިފައިވާއިރު، މީގެ ތެރޭގައި ކުޑަކުދިންގެ އަދަދު ހުރީ ކަންބޮޑުވާ މިންވަރެއްގައެވެ.

comment ކޮމެންޓް