'ނޮޓް އަ ބޮޓް'ގެ ނަމުގައި އެކްސްއަށް އެއް ޑޮލަރުގެ ސަބްސްކްރިޕްޝަންއެއް

ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ އެކްސްއިން "ނޮޓް އަ ބޮޓް"ގެ ނަމުގައި އެއް ޑޮލަރުގެ އާ ސަބްސްކްރިޕްޝަން މޮޑެލްއެއް ތައާރަފު ކުރަން ނިންމައިފިއެވެ.

މިއީ އެކްސްގައި ބޮޓްތަކާއި ސްޕޭމް ކުރާ މީހުންގެ އެކައުންޓުތައް ގިނަވުމުން އެކްސް އިން އަޅާ ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އާ ސަބްސްކްރިޕްޝަން މޮޑެލްގެ ދަށުން ލައިކް ދިނުމާއި ކޮންޓެންޓް ރީޕޯސްޓް ކުރުމާއި އެހެން ޔޫޒަރުންގެ ޕޯސްޓުތައް ކޯޓް ކުރުމާއި ޕްލެޓްފޯމްގެ ވެބް ވާޝަންގައި ބުކްމާކް ކުރުން ފަދަ ފީޗާތަކަށް ވަނުމަށް ފައިސާ ދައްކަން ޖެހޭނެއެވެ. އެކްސް އިން ބުނީ ސަބްސްކްރިޕްޝަން ފީ ތަފާތުވާނީ ބޭނުންކުރާ ފަރާތް ހުންނަ ތަނާއި އެ ގައުމެއްގެ އެކްސްޗޭންޖް ރޭޓަށް ބަލައިގެން ކަމަށެވެ.

އެންމެ ފުރަތަމަ "ނޮޓް އަ ބޮޓް" ސަބްސްކްރިޕްޝަން ޓެސްޓް ކުރާނީ ނިއު ޒީލެންޑާއި ފިލިޕީންސްގައި ކަމަށް އެކްސްއިން ބުނެއެވެ.

މި ޓެސްޓުގެ ސަބަބުން މިހާރު ތިބި ޔޫޒަރުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، ނަމަވެސް ސަބްސްކްރައިބް ނުކުރަން ޚިޔާރުކުރާ، އަލަށް ބޭނުންކުރާ ފަރާތްތަކަށް ލިމިޓެޑް ފަންކްޝަނަލިޓީއެއް އޮންނާނެ ކަމަށް އެކްސްއިން ބުނެއެވެ. އެކްސްއިން ބުނީ އެ ލިމިޓޭޝަންތަކުގެ ތެރޭގައި ޕޯސްޓްތައް ބެލުމާއި ކިޔުމާއި ވީޑިއޯ ބެލުމާއި އެކައުންޓްތައް ފޮލޯ ކުރުމުގެ ފުރުސަތު ހަނިކޮށްފައި ނުވާނެކަމަށާއި، އެހެން ނަމަވެސް ސަބްސްކްރިޕްޝަނުން ކަވަރުކުރާ ފީޗާތަކަށް އެކްސެސް ނުލިބޭނެ ކަމަށެވެ.

މިދިޔަ އަހަރު އެލޮން މަސްކް އެ ކުންފުންޏާ ހަވާލުވުމާ އެކު އެ ޕްލެޓްފޯމްގައި ބޮޓްތަކާއި ސްޕޭމް ކުރާ އެކައުންޓްތަކުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މި ގޮންޖެހުންތަކާ ގުޅިގެން ޖުލައި މަހު އެ ކުންފުނިން ވަނީ ޓުވީޓުތައް ބެލޭނެ ލިމިޓްތަކެއް ތައާރަފުކޮށް، އޭގެ ޔޫޒާ ބޭސްގެ ސައްހަކަން ކަށަވަރުކުރުމުގެ މަގްސަދުގައި ބޮޑު ބަދަލެއް ގެނެސްފައެވެ.

މިމަހުގެ ކުރީކޮޅު ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސްގެ ސީއީއޯ ލިންޑާ ޔަކަރިނޯ ވަނީ އެ ކުންފުންޏަށް ލޯނުދޭ ފަރާތްތަކާ އެކު މަޝްވަރާކޮށް، އެކްސްއަށް ލިބޭ އިޝްތިހާރުތަކުގެ އަދަދަށް ބަލައި ތިން ސަބްސްކްރިޕްޝަންއެއް ޓެސްޓު ކުރަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

މި މަސައްކަތްތަކަކީ އެކްސް ބޭނުންކުރާ މީހުންގެ ތަޖުރިބާ ރަނގަޅުކޮށް، ސޯޝަލް މީޑިއާގެ ރައްކާތެރި މާހައުލެއް ދެމެހެއްޓުމަށް އެކްސް އިން ގެންގުޅޭ ފުޅާ ސްޓްރެޓެޖީގެ ދަށުން ކުރާ މަސައްކަތްތަކެއް ކަމަށް އެކްސްއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.

"ނޮޓް އަ ބޮޓް" ސަބްސްކްރިޕްޝަން މޮޑެލްއަކީ މި ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި، އޭގެ ސަބަބުން މި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ އަމާން އަދި އުފާވެރި ސޯޝަލް މީޑިއާ ތަޖުރިބާއެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެކްސްއިން ބުނެއެވެ.

މީގެ އިތުރުން އާ ސަބްސްކްރިޕްޝަނަކީ އެ ޕްލެޓްފޯމަށް މިހާރު ލިބެމުންދާ ކުރިއެރުންތަކަށް އެހީތެރިވުމުގެ ގޮތުންނާއި އާމްދަނީ އިތުރުކުރުމުގެ ގޮތުން ފަށާ ކަމެއް ކަމަށް އެކްސްއިން ބުނެއެވެ.

comment ކޮމެންޓް