އިންގްލަންޑުން އިޓަލީވިލާތް ބަލިކޮށް ޔޫރޯއިން ޖާގަ ހޯދައިފި

އަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުން އެންމެ ފަހުގެ ޔޫރޯގެ ފައިނަލްގައި އެއް ކޮޅުން ވާދަކުރި އިންގްލަންޑް ޖާގަހޯފައިފިއެެވެ.

މި މުބާރާތުން އިންގްލަންޑް ޖާގަ ހޯދީ ޔޫރޯ ކޮލިފައިން ގްރޫޕް ސީގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތާއި ރޭ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި މިއީ އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި އިޓަލީވިލާތް އަތުން ބަލިވި ބަލިވުމަށް ހިފުނު ރަނގަޅު ބަދަލު ހިފުމެކެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އިންގްލަންޑުން ގިނަ އިރު ބޯޅަ ގެންގުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީވިލާތުންނެވެ. މި މެޗުގެ ފެށުން ރަނގަޅުކަމަށް ފާހަގަ ވެގެންދިޔައީ އިޓަލީވިލާތުގެއެވެ.

މި ގޮތުން މެޗުގެ 15 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި އިޓަލީވިލާތުންވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއާންލޫކާ ސްކަމަކާއެވެ. ނަމަވެސް މެޗުގެ ކުޅުން ކުރިއަށް ދިޔަ ވަރަކަށް އިންގްލަންޑުން ދިޔައީ މެޗުގެ ތެރެއަށް ވަދެ އިޓަލީވިލާތުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

މި މެޗުގައި އިންގްލަންޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ އޭނާ އިންގްލަންޑަށް ކާމިޔާބުކޮށްދިން 60 ވަނަ ލަނޑެވެ. މި މެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި އިންގްލަންޑް ފެނިގެންދިޔައީ އިޓަލީވިލާތަށް ވުރެ ނުރައްކާ ކޮށެވެ. މި މެޗުގައި އިންގްލަންޑުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ޖަހައިދިނީ މާކަސް ރަޝްފަޑްއެވެ. އަދި، ފަހު ލަނޑު މެޗުގެ 77 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކޭންއެވެ. މި މެޗުގައި އިޓަލީވިލާތުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އިންގްލަންޑްގެ ޑިފެންސް އިތުރަށް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

މިއީ 1977 ވަނަ އަހަރަށް ފަހު އިންގްލަންޑްގެ އަމިއްލަ ފަސްގަނޑުގައި އިޓަލީވިލާތުގެ މައްޗަށް ހޯދުނު ފުރަތަމަ ކާމިޔާބީއެވެ. އަދި، މިއާއެކު މި ފަހަރުގެ ކޮލިފައިންގައި އިންގްލަންޑުން ވަނީ އިޓަލީވިލާތް ދެ މެޗުން ވެސް ބަލިކޮށްފައެވެ.

މި ކާމިޔާބީއާ އެކު އިންގްލަންޑަށް މިހާރު ވަނީ ދެ މެޗު ބާކީ އޮއްވައި އަންނަ އަހަރުގެ ޔޫރޯ މުބާރާތަށް ކޮލިފައިވެފައެވެ.

އެ ޓީމަށްވަނީ ކުޅުނު ހަ މެޗުން 16 ޕޮއިންޓް ލިބިފައެވެ. އަދި، މި މެޗުން ބަލިވުމާ އެކު އިޓަލީވިލާތް މިހާރު ވަނީ ގްރޫޕްގެ ތިންވަނައަށް ވެއްޓިގެން ގޮސްފައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވީ ކުރިން ތިންވަނައިގާ އޮތް ޔޫކްރެއިން ރޭ މޯލްޓާ އާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައިވުމެވެ. އެހެން ކަމުން ޔޫކްރެއިންއަށް ހަތް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު އިޓަލީވިލާތަށް ހަ މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. މި ގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ޔޫރޯއަށް ކޮލިފައިވާ ޓީމެއް ޔަގީން ވެގެން ދާނީ އިޓަލީވިލާތާއި ޔޫކްރެއިން ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗަށް ފަހުއެވެ.

comment ކޮމެންޓް