ޣައްޒާ ނަފްސާނީ ބަލީގެ ހާއްޔަކަށް

ޣައްޒާގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކު އަންނަނީ ބިރުވެރިކަމާއި ނާމާންކަން ތަހައްމަލުކުރުމުގެ އިތުރުން ޑިޕްރެޝަން އާވެސް ކުރިމަތިލަމުން -- ފޮޓޯ/ އޭޕީ

ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާއިން ޣައްޒާއަށް އަމާޒުކޮށް ދެމުންދާ ހަމާލާތަކުގެ ބާރު އަޑުފަށްގަޑަކާއެކު އަށް އަހަރުގެ ޕްރެޓީ އަބޫ ގައްޒާހުއަށް ލިބުނީ ޝޮކެކެވެ. އޭނާއާ އެއްބަޑު އެއްބަފާ، އުމުރުން އެންމެ ދެ އަހަރުގެ ދެ ފިރިހެން ކޮއްކޮ ދުވެފައި ގޮސް ވަނީ އެރީ އެކުދިންގެ މަންނަ އިސްރާގެ އުނގަށެވެ.

އެ އާއިލާއިން ދިރިއުޅޭ ދީރް އަލް ބަލާހަށް އިސްރާއީލުން ދޭ ހަމަލާތަކުން ރެކުމަށް ދެކުދިންގެ މަންމަ އިސްރާ ބަދަލުވީ އެ ހަމަލާތައް މާބޮޑަށް އަމާޒުނުކުރާ ސަރަހަދެއްގައި ހުންނަ އޭނާގެ މައިދައިތަގެ ގެއަށެވެ. ހަމަލާތައް އަމާޒުވާނެ ކަމުގެ ބިރު ކުޑަވި ނަމަވެސް ދެ ކުދިންނަށް ކުރާ ނަފްސާނީ އަސަރުތަކުން ސަލާމަތްވާނެ އެއްވެސް ގޮތެއް އިސްރާއަކަށް ނުފެނުނެވެ.

އިސްރާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި، ދޮށީ ދަރިފުޅު ޕްރެޓީ ބިރުން ގޮސް މިއަދުވެސް އެތައް ފަހަރަކު ހޮޑުލައިފިއެވެ. ދެކުދިންގެ މޫނުމަތިން ފެންނަ މާޔޫސްކަމާއި ބިރުވެރިކަމަކީ ހިތަށްވެސް ނުގެނެވޭނެފަދަ އަސަރެއް ކުރުވާ ކަމެއް ކަމަށް އިސްރާ ބުންޏެވެ. ހޮޑުލުމުގެ އިތުރުން އިހްތިޔާރަކާނުލައި ކުޑަކަމުދެވުމާއި އަދިވެސް އިތުރު އެހެން ނަފްސާނީ އަސަރުތައް އެކުދިން ވަށާލާފައިވާ ކަމަށް އިސްރާ ބުންޏެވެ.

ޣައްޒާގެ މަންމައަކާއި ދެ ކުދިން: އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ކުދިންގެ ހިތުގައި ބިރުވެރިކަން އުފެދި، ނަފްސާނީ މައްސަލަތައް ވަނީ އިތުރުވެފަ -- ފޮޓޯ/ ރޮއިޓާސް

އިސްރާގެ އިތުރުން 30 އަހަރުގެ އެހެން މަންމައެއް ކަމަށްވާ ރަވާން ވެސް ވަނީ އޭނާގެ ތިން އަންހެން ކުދިންނަށް ދިމާވެފައިވާ ނަފްސާނީ ބަލީގެ އަސަރުތަކުގެ ވާހަކަ ދައްކާފައެވެ.

ނުވަ އަހަރާއި ހަ އަހަރާއި ހަތަރު އަހަރުގެ ތިން ކުދިންގެ މަންމަ ބުނި ގޮތުގައި ކުދިންގެ ކެއުމަށް ބަދަލު އައިސްފައިވުމުގެ އިތުރުން އެކުދިންގެ ހިތުގެ ހިނގުން އަވަސްވެފައިވާކަންވެސް ފާހަގަވެއެވެ. އަދި މިއީ އޭނާ ތަޖުރިބާ ކުރާ މިފަދަ ފަސް ވަނަ ހަނގުރާމަ ކަމަށްވެސް ރަވާންއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި މީހުން އެ ސަރަހައްދުގައި ތާށިކޮށް އިސްރާއީލުން ދެމުންދާ ރަހުމުކުޑަ އަނިޔާތަކުގެ ސަބަބުން ގިނަ ކުޑަކުދިންތަކަކަށް އަންނަނީ ނަފްސާނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ.

"ސޭވް ދަ ޗިލްޑަރަން" ކިޔާ މަދަނީ ޖަމިއްޔާ އަކުން މިދިޔަ އަހަރު އާންމުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޣައްޒާގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކު އަންނަނީ ބިރުވެރިކަމާއި ނާމާންކަން ތަހައްމަލުކުރުމުގެ އިތުރުން ޑިޕްރެޝަން އާވެސް ކުރިމަތިލަމުންނެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް މި މަހުގެ ހަތް ވަނަ ދުވަހު ދޭން ފެށި ހަމަލާތަކާ ގުޅިގެން އިސްރާއީލުން މިހާތަނަށް ވަނީ ފަލަސްތީނުގެ ދެ ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 10،000އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައެވެ. މިއާއެކު މިހާތަނަށް އިސްރާއީލުން ދޭ އެންމެ ލާއިންސާނީ މި އަމަލުގެ ސަބަބުން ކުދިންނަށް ކުރާ ނަފްސާނީ އަސަރުތައް ކުޑަކުރުމަށް މައިން އަންނަނީ އެމީހުންނަށް ކުރެވުނު މަސައްކަތެއް ކުރަމުންނެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު މުޅި ޣައްޒާއިން ކަރަންޓު ކަނޑާލާފައިވާއިރު ކަނު އަދިރީގައި ތިބެ، ޣައްޒާގެ މައިން ދަނީ، މަދުފަހަރަކު ލިބޭ އިންޓަނެޓް ބޭނުންކޮށްގެން ޔޫޓިއުބްއާއި ވަޓްސްއެޕް ފަދަ ޕްލެޓްފޯމުތަކުން ބަލައި، ދަރިންނަށް ނަފްސާނީ ބަލިމަޑުކަމުން އަރައިގަންނާނެ ގޮތްތައް ކިޔައިދީ، އެކި ކަހަލަ އިތުރު ކަންތައްތަކުގައި އެކުދިން މަޝްއޫލު ކުރަމުންނެވެ.

ޣައްޒާގެ ކުއްޖަކު ފޯނުން ޚަބަރު ބަލަނީ: އިސްރާއީލުން ދެމުންދާ ހަމަލާތަކާ ހެދި ޣައްޒާގެ ކުޑަކުދިންނަށް ވަނީ ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކާ ކުރިމަތިލާން ޖެހިފަ -- ފޮޓޯ/ ރޮއިޓާސް

އެގޮތުން މިފަދަ ހާލަތެއްގައި ކުދިންނާ ވާހަކަދައްކާ މުއާމަލާތްކުރާނެ ގޮތްތައް ހޯދަން އެންމެ ރަނގަޅު އެއް ޕްލެޓްފޯމަކީ ޔޫޓިއުބް ކަމުގައި އިސްރާ ބުންޏެވެ. އަދި ނަފްސާނީ ބަލިން އަރައިގަންނާނެ ގޮތްތައް ކިޔައިދީ، ވަޓްސްއެޕް މެދުވެރިކޮށް ކުދިންގެ ޓީޗަރުން ފޮނުވާފައި ހުންނަ ގޮތަށް ކަންތައް ކުރާ ކަމަށްވެސް ބައެއް މަންމައިން ވަނީ ބުނެފައެވެ.

މީގެއިތުރުން ކުރިން މާބޮޑަށް ބަލަން ނުދޭ އައިޕެޑުވެސް މިހާރު ކުރިއަށްވުރެ ގިނަ އިރަށް އެކުދިން އަތަށް ދޭ ކަމަށާއި އެކި ކަހަލަ ވާހަކަތައް ކިޔައިދޭ ކަމަށްވެސް އިސްރާ ބުންޏެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިޔުމަނިޓޭރިއަން އެފެއާޒް އިން މިދިޔަ އަހަރު އާންމުކުރި "ހިޔުމަނިޓޭރިއަން ނީޑްސް އޯވަވިއު" ގައި ލަފާކޮށްފައިވާ ގޮތުން ފަލަސްތީނުގެ 678،000 ކުދިންނަށް ނަފްސާނީ އެހީތެރިކަން ބޭނުންވެއެވެ. ނަމަވެސް މިހާރު ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން މި ހިދުމަތް ފޯރުކޮށްނުދެވޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުން މިހާރު ވަނީ މުޅި ޣައްޒާ ހިސާރުކޮށް، އަސާސީ ހުރިހާ ހިދުމަތެއް މެދުކަނޑާލާފައެވެ. އެގޮތުން އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގުވެސް އިސްރާއީލުން އޮތީ ބަންދުކޮށްފައެވެ.

comment ކޮމެންޓް