ފަލަސްތީނުގެ އަސީރުން ކުރަމުންގެން ދިޔަ "ހުސް ގޮހޮރުގެ ހަނގުރާމަ"ކާމިޔާބުކޮށްފި

ހިފާފައިވާޤުދްސު (މޭ 15): އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުން ކުރަމުންގެންދިޔަ ހައިހޫނުކަމުގެ ހަޅުތާލުގެ ބޭނުންތަކަށް އިޖާބަދިނުމަށް އިސްރާއީލު އެއްބަސްވުމުން އެހަޅުތާލު ހުއްޓާލުމަށް އަސީރުން ނިންމައިފި އެވެ.

މިކަމުގައި މެދުވެރިއެއްގެބައި އަދާކުރި މިސްރުން ބުނީ އަސީރުންގެ ބޭނުންތަކަށް އިޖާބަދިނުމުގެ އެއްބަސްވުމުގައި އިސްރާއީލުން ސޮއިކޮށްފި ކަމަށާއި މިއެއްބަސްވުމުގައި އަސީރުންގެ މައިގަނޑު ބޭނުންތައް ފުއްދައިދިނުމަށް އިސްރާއީލުގެ ސަރުކާރު ލިޔުމުން އެއްބަސްވެފައިވާކަމުގަ އެވެ. ފަލަސްތީނުގެ އަސީރުން ހައިހޫ ނުކަމުގެ ހަޅުތާލު ކުރަމުންގެންދިޔައީ އެމީހުންގެ ނިގުޅައިގަނެފައިވާ އިންސާނީ އަސާސީޙައްޤުތައް ހޯދުމަށްޓަކައި "ހުސްގޮހޮރާ ހުރުމުގެ ހަނގުރާމަ"ގެ ނަމުގަ އެވެ.

އަސީރުން އެދިފައިވާ މައިގަނޑުކަންތައްތަކުގެ ތެރޭގައި އެމީހުންގެ ޢާއިލާތަކުގެ މީހުން ޖަލަށް ޒިޔާރަތްކޮށް އެމީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމާއި އެކަހެރި ގޮތުގައި ކުޑަގޮޅިތަކުގައި އެކެހެރިކޮށް ބޭތިއްތުން ނިމުމަކަށް ގެނައުމާއި ބޭސްފަރުވާކުރެވޭނެ ގޮތް ހަމަޖައްސައިދިނުމާއި ސިއްޙީ ކާނާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި އިންސާނުން ދިރިއުޅެން އެކަށީގެންވާ ފަދަ ތަނަކަށް ޖަލު ހަދައިޖަލުގެ އެތެރޭގެ ޙާލަތު ރަނގަނޅުކޮށްދިނުން ހިމެނެ އެވެ. މީގެއިތުރުން ފަލަސްތީނުމީހުން އިދާރީ ގޮތުން ޖަލުގައި ދިގުމުއްދަތަކަށް ހައްޔަރުކުރުމަށް ޓަކައި ތަކުރާރުކޮށް ޖަލު މުއްދަތު އިތުރުކުރުން ހުއްޓާލުން ވެސް މިއެއްބަސްވުމުގައި ހިމެނޭ ކަމަށް މިސްރުން ބުނެ އެވެ.

އަސީރުން އެދުނުކަންތައްތަކުގެ ތެރެއިން މިއެއްބަސްވުމުގައި ނުހިމެނެނީ ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަޙައްމަލްކުރާ ފަލަސްތީނުގެ އަސީރުންގެ ޖަލުމުއްދަތު ކުޑަކޮށްދިނުމާއި ދިގުމުއްދަތެއް ޖަލުގައި ހޭދަކޮށްފައިވާ ބަލިޙާލަތުގެ މުސްކުޅިން މިނިވަންކޮށްދިނުމެވެ. ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް އާއި ޙަމާސްގެ ލީޑަރު ޚާލިދް މިޝްޢަލް ވަނީ ފަލަސްތީނުގެ އަސީރުންގެ ހައިހޫނުކަމުގެ ހަޅުތާލަށް ލިބުނު މިކާމިޔާބީއަކީ އިސްރާއީލު އަނިޔާވެރިކަމާދެކޮޅަށް ފަލަސްތީނު ރައްޔިތުންގެ ކުރިހިއްވަރާއި ކެތްތެރިކަމަށް މާތް ﷲ ދެއްވި ނަސްރެއްކަމަށް ސިފަކުރައްވާފަ އެވެ. އަސީރުންގެ ކާމިޔާބީއާ ގުޅިގެން ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ރައްޔިތުން ގެންދަނީ އުފާކުރަމުންނެވެ.

އަސީރުންގެ ބޭނުންތަކަށް އިސްރާއީލުން އިޖާބަދިންއިރު ހައިހޫނުކަމުގެ ހަޅުތާލު ކުރަމުންގެންދާ ފަލަސްތީނުގެ އަސީރުންގެ ތެރެއިން ހަތް މީހެއްގެ ހާލަތު ވަނީ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފަ އެވެ. އަސީރުން ހައިހޫނުކަމުގެ ހަޅުތާލުކުރަމުން ގެންދާތާ 70 ދުވަސްވެފައިވާ އިރު އޭގެތެރެއިން ހަތް މީހުން ދިޔާތަކެތި ބުއިން ހުއްޓާލުމާ އެކު އެމީހުން މިހާރުތިބީ ކޯމާއެއްގަ އެވެ. ނަމަވެސް ދެންތިބި މީހުން ދިޔާތަކެއްޗާއި ފެން ބޭނުންކުރަމުން ގެންދާތީ އެމީހުން ވަރަށް އަވަހަށް ރަނގަނޅު ކުރެވިދާނެ ކަމަށް އިސްރާއީލުގެ ޖަލުތަކަށް ޒިޔާރަތްކުތރާ ޑޮކްޓަރުންނާ ޙަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

އިސްރާއީލުގެ ޖަލުތަކުގައި އިންސާނިއްޔަތާ ޚިލާފު އެތައް އަނިޔާތަކަކާއި ނަފްސާނީ އަދި ޖިސްމާނީ ގިލަންވެރިކަމެއް ތަޙައްމަލްކުރަމުން ގެންދާފަލަސްތީނުގެ އަސީރުންގެ ހަމައެކަނި ކުށަކީ އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންވުމަށް މަސައްކަތްކުރުމެވެ. އިސްރާއީލުގެ ޖަލުތަކުގައި އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާ ކުރިމަތިލާންޖެހިފައިވާ ފަލަސްތީނުގެ އަސީރުން ހައިހޫނުކަމުގެ ހަޅުތާލު ކޮށްގެން ވެސް އެމީހުންގެ ޙައްޤުތައް ހޯދުމަށް މަސައްކަތްކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއްކަމަށް ފަލަސްތީނުގެ މުފްތީ އާއި ދީނީ ޢިލްމުވެރިންވަނީ ފަތްވާ ދެއްވާފަ އެވެ.

ހައިހޫނުކަމުގައި މަރުވިނަމަވެސް މަޤްސަދްޙާސިލްވަންދެން ހައިހޫނުކަމުގެ ހަޅުތާލު ކުރިޔަށްގެންދިޔުމަށް އަސީރުން ނިންމުމުން މިކަން ވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ސަމާލުކަމަށް އައިސްފަ އެވެ. ހައިހޫނުކަމުގެ ހަޅުތާލުކުރި ފަލަސްތީނުގެ އެތައް ހާސް އަސީރުންގެ ތެރޭގައި 25 އަހަރު ޖަލުގައި ހޭދަކޮށްފައިވާ އަސީރުންނާއި 10 އަހަރުވަންދެން އެކަހެރިކޮށް ކުޑަގޮޅިތަކުގައި ބައިތިއްބާފައިވާ މީހުންނާއި ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލްކުރާ އަސީރުން ހިމެނެ އެވެ.
އަސީރުންގެ ބޭނުންތަކަށް އިޖާބަދިނުމުގެ ގޮތުން އިސްރާއީލުން ވަނީ އިސްރާއީލުގެ ޢަސްކަރީ އޮޕަރޭޝަންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ 100 މީހެއްގެ ހަށިތައް ވެސް ފަލަސްތީނުގެ ޒާތީ އިދާރާއާ ޙަވާލުކުރުމަށް ނިންމާފަ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު