ހޮސްޕިޓަލްތަކުގައި ބޭނުން ކުރާ ތަކެއްޗަށް އޯޑަރުނުކުރާ ކަމަށާއި އެ ތަކެތި ނެތުމުގެ ސަބަބުން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހޮސްޕިޓަލްތަކުގެ މަސައްކަތް އެއްކޮށް ހުއްޓިދާނެ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ފިރުޒުލް ވިދާޅުވީ، ހޮސްޕިޓަލްތައް ހިންގަން ބޭނުންވާ ތަކެތި އަބަދު ވެސް ކުރިއާލާ ގަނެ، އޯޑަރު ދޭ ކަމަށެވެ. އެކަމަކު، ފާއިތުވި ދުވަސްތަކުގައި އެ ގޮތަށް ބޭނުންވާ ތަކެތި އޯޑަރު ނުކުރެވި ހުރުމުގެ ސަބަބުން މިހާރު ހޮސްޕިޓަލްތައް ހިންގަމުން އަންނަނީ އެމަޖެންސީ ސްޓޮކްގައި ހުރި ތަކެތި ބޭނުން ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއް ފަހަރު ބޭނުން ކޮށްފައި ދޫކޮށްލަން ޖެހޭ ސާމާނު، މި އެއްޗެއްސަކީ ވަކި ގަވާއިދަކުން އޯޑަރު ކުރެވިގެން ސްޓޮކް މެއިންޓެއިން ކުރެވިގެން ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ތަކެތި،" ފިރުޒުލް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެލީޒް
އޭނާ ވިދާޅުވީ، ސިއްހީ ދާއިރާގައި އަމަލު ކުރާ އުސޫލަކީ ކޮންމެ އަހަރަކު ދެ ފަހަރު އެ ފަދަ ސާމާނަށް އޯޑަރު ދިނުން ކަމަށެވެ. އެކަމަކު، މި އަހަރުގެ މިހާތަނަށް، މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް އޯޑަރު ކޮށްފައިނުވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން، ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ ޚިދުމަތް މިހާރު ވެސް ހުއްޓުމަކަށް އަންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހާލަތު މިގޮތަށް ދެމިގެން ހިނގައްޖެ ނަމަ، ނޮވެމްބަރު މަހާ ހަމައަށް އަންނައިރު ނުވަތަ ނޮވެމްބަރު މަހުގެ މެދަކާ ހިސާބަށް އަންނައިރު، ހޮސްޕިޓްލަތަކާއި ހެލްތު ސެންޓަރުތަކުން ދެމުން ގެންދާ ވަރަށް ގިނަ ޚިދުމަތްތައް އެކީ އެކައްޗަކަށް ހުއްޓުމަކަށް އައުމަކީ އެކަށިގެންވާ ކަމެއް. އެ ކަންބޮޑުވުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވެފައި އެބައޮތް،" އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، އެ ތަކެއްޗަށް އޯޑަރު ނުކުރެވި ހުރި ސަބަބެއް ކަމަށް އިންތިގާލީ ކޮމިޓީތަކަށް ފާހަގަވެފައިވަނީ ބަޖެޓުގެ ތެރެއިން އެ ކަމަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖެހިފައިނުވުން ކަމަށެވެ.
އައިޖީއެމްއެޗުގައި 5.3 މިލިއަން ޑޮލަރުގެ ދަރަންޏެއް
މީގެ އިތުރުން، މާލޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބައެއް ސެންޓަރުތަކުން ބޭރުގެ ކުންފުނިތަކަށް އައުޓްސޯސް ކޮށްގެން ފަރުވާ ދެމުން ގެންދާއިރު، ބޭރުގެ ކުންފުންޏަށް ފައިސާ ދޫނުކޮށް ހުރިކަން ވެސް ފާހަގަވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އެގޮތުން، އައިޖީއެމްއެޗުގެ ހިތުގެ ބަލީގެ ސެންޓަރާއި ނާވް ސެންޓަރަށް ޚިދުމަތް ދެމުންދާ ބޭރުގެ ކުންފުންޏަށް ނުވަތަ ހޮސްޕިޓަލަށް ނުދައްކައި 5.3 މިލިއަން ޑޮލަރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މީގެ ތެރޭގައި ވެސް މައިގަނޑު ގޮތެއްގައި ހިމެނެނީ އެ ކުންފުނިތަކުން ނުވަތަ ހޮސްޕިޓަލްތަކުން އެ ހޮސްޕިޓަލަށް [އައިޖީއެމްއެޗަށް] ފޯރުކޮށްދީފައިވާ އެކިއެކި ކޮންސިއުމެބަލްސްއާ ގުޅޭ ބިލްތައް،" އޭނާ ވިދާޅުވިއެވެ.
"މި ބިލްތައް ނުދައްކައި ހުރުމުގެ ސަބަބުން ވެސް މި ސެންޓަރުތަކުގެ ޚިދުމަތް ހުއްޓުމަކަށް އައުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،"
ފިރުޒުލް ވިދާޅުވީ، އައިޖީއެމްއެޗަށް މި އަހަރަށް ކަނޑައަޅާފައި ބަޖެޓުގެ ތެރެއިން މި އަހަރުގެ ބާކީ އޮތް ބަޔަށް ފައިސާ ހަމަޖެހިފައިވަނީ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ މިންވަރަށް އެކަނި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންވެ، މެޝިނަރީއާއި ތަނުގެ މަރާމާތާ ގުޅޭ ވަރަށް ގިނަ ކަންކަން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އައިޖީއެމްއެޗާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.