ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ފައިނަލުގައި ލ. ގަމާއި ގދ. ވާދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ ރަށްތަކަށާއި ސިޓީތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މައުލޫމާތު ސާފުކުރުމަށް ފަހު، ފޯމު ފުރުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ އެ މުބާރާތުގައި އަތޮޅު ބުރާއި، ޒޯން ބުރުގެ އިތުރުން ނޮކްއައުޓް ބުރު ހިމެނޭނެއެވެ. އަތޮޅު ބުރަށް ފަހު ޒޯން ބުރަށް ޓީމުތައް ކޮލިފައިވާއިރު، ނޮކްއައުޓް ބުރުން ޖާގަ ލިބިގެންދާނީ ޒޯން ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކަށެވެ. މި ފަހަރުގެ މުބާރާތުގައި ވެސް އަށް ޒޯނެއް ހިމެނެއެވެ.

މި އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ 102 ޓީމު ބައިވެރިވެފައެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލުގައި ގދ. ވާދޫ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ލ. ގަމުންނެވެ.

އަންނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 15 ގައެވެ. މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހަތް މުބާރާތެއް ވަނީ ބާއްވައިފައެވެ.

comment ކޮމެންޓް