ޑަޔާއަށް މޮރީނިއޯގެ ޝައުގުވެރިކަން!

ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި ޑިފެންޑަރު އެރިކް ޑަޔާ -- ފޮޓޯ/ ގެޓީ

ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި ޑިފެންޑަރު އެރިކް ޑަޔާ ގެންދިއުމަށް ރޯމާއިން ޝައުގުވެރިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ޑަޔާ ވަނީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ މީގެ ކުރިން ޓޮޓެންހަމަށް އިރުޝާދުދިން އިރުވެސް އޭނާއާއެކު މަސައްކަތްތަކެއް ކޮށްފައެވެ. އޭރު ޑަޔާއަކީ ޓޮޓެންހަމްގައި މޮރީނިއޯ އާންމުކޮށް ބޭނުންކުރާ ކުޅުންތެރިއެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރޯމާއަށް ޑަޔާ ގެންދިއުމަށް މޮރީނިއޯ ބޭނުންވާތީ، އެ ކްލަބުން އޭނާއަށް ބިޑުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މިސީޒަނުގައި ޓޮޓެންހަމްގެ ކޯޗުކަމާ އަންގޭ ޕޮސްޓެކޮގްލޫ ހަވާލުވި ފަހުން ޑަޔާއަށް ކުޅުމަށް ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

ޕޮސްޓެކޮގްލޫއާއެކު ޓޮޓެންހަމުން ދަނީ މިސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމުން އަށް މެޗު ކުޅެފައިވާ އިރު، އެޓީމު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. ޑަޔާއަށް ތިން މެޗެއްގައި ބެންޗުން ފުރުސަތު ލިބުނު ނަމަވެސް، މެޗެއް ކުޅުމުގެ ފުރުސަތެއް އަދި ލިބިފައެއް ނުވެއެވެ.

ޑަޔާގެ ބަދަލުގައި މިސީޒަނުގައި ޓޮޓެންހަމްގެ ޑިފެންސް ލައިނުން ފުރުސަތުދެމުންދަނީ ކްރިސްޓިއަން ރޮމޭރޯ އާއި މިކީ ވެން ޑެ ވެން އަށެވެ. އޭގެ ތެރެއިން ވެން ޑެ ވެން އަކީ މިސީޒަނުގައި އެ ކްލަބަށް ގެންދިޔަ ޑިފެންޑަރެކެވެ.

comment ކޮމެންޓް