ގއ. ވިލިނގިލީ މަސް ދޯންޏަކުން ބޭނި އެއް ޓަނުގެ މަހަށް ވާ ފައިސާ، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާ ކުރަން ނިންމައިފިއެވެ.
މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އެއަށް ފަހު، ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.
މި ހަމަލާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ވެސް އަންނަނީ ވަރަށް ބައިވަރު ކަންކަން ކުރަމުންނެވެ.
އެގޮތުން ވިލިނގިލީގެ ހުސީނާ މަސްދޯނިން ވެސް ވަނީ، އެ ދޯނިން މި ހަފުތާތެރޭ ބޭނި މަހުގެ ތެރެއިން އެއް ޓަނުގެ މަހަށް ވާ ފައިސާ ފަލަސްތީނަށް ހަދިޔާކުރުމަށް ނިންމާފައެވެ.
ހުސީނާ ދޯނީގެ ކެޔޮޅެއް ކަމަށްވާ މުހައްމަދު ޔުޒްލީން 'ސަން' އަށް ކިޔައިދިން ގޮތުގައި އެއީ އެ ދޯނިން މަހަށް ދާ ހުރިހާ މަސްވެރިންގެ ފަރާތުން ހަދިޔާ ކުރާ އެއްޗެކެވެ. އެގޮތުން މި ހަފުތާތެރޭ ބޭނި މަހުން އެއް ޓަނުގެ މަހަށް ވާ ފައިސާ ހަދިޔާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ޔުޒްލީން ބުނީ، އެއީ ގާތްގަނޑަކަށް 25،000 ރުފިޔާ ކަމަށެވެ.
"އަދި އެ ފައިސާ އަތަކަށް ނުއެއް ލިބޭ. އެ ފައިސާ އަތަށް ލިބުނުހާ އަވަހަށް އަޅުގަނޑުމެން ހަދިޔާ ކުރާނަން،" ޔުޒްލީން ބުންޏެވެ.
"މި ދޯނީގެ ހުރިހާ މަސްވެރިންގެ ފަރާތުން ބުނެލަން އޮތީ ހުރިހާ މަސްވެރިން ވެސް ފަލަސްތީނަށް އެހީވުމުގެ ގޮތުން ވެދެވެން އޮތް އެހީއެއް ވެދޭށޭ،"
ޣައްޒާގައި މި ވަގުތު ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް 2،000އަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުވެފައެވެ. އަދި، އެތައް ބައެއްގެ ގެދޮރު ވެސް ވަނީ ނެތި ގޮސްފައެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ޣައްޒާއަށް ފެނާއި ކަރަންޓުގެ ޚިދުމަތާއި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފައެވެ.
ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ވަނީ ޕަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑެއް ހުޅުވާލައިފައެވެ. އެ ފަންޑަށް މިހާތަނަށް ވަނީ ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ.
މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުން ވެސް ވަނީ ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ފަންޑެއް ހުޅުވާލައިފައެވެ.
އައިއޭސީއާ ގުޅިގެން ފަލަސްތީނަށް އެހީވުމަށް ދިވެހި މީޑިއާތަކުން ވަނީ އަންނަ އަންގާރަ ދުވަހު ޚާއްސަ ޓެލެތޯނެއް ބޭއްވުމަށް ވެސް އިންތިޒާމްކޮށްފައެވެ.