ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯބި ދައްކާލައިފި

ދިވެހީންގެ ހިތްތަކުގައި ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯބި ހާމަކުރުމަށް މިއަދު ހަވީރު ބޭއްވި "ދިވެހީންގެ ބޮޑު އެއްވުމަށް" ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އިސްރާ އެސޯސިއޭޝަނުން ފަށާފައިވާ ގައުމީ ކެމްޕެއިންގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މި އެއްވުން ބޭއްވީ މިއަދު ހަވީރު 16:00 ގައި އާޓިފިޝަލް ބީޗު ސަރަޙައްދުގައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯބި ދައްކައިލަން މިއަދު ބޭއްވި ސައިކަލު ބުރުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

ގިނަ މަދަނީ ޖަމިއްޔާތަކެއްގެ އެހީތެރިކަމާ އެކު ބޭއްވި މި އެއްވުމުގައި ހުރިހާ އުމުރުފުރާއަކުން މީހުން ވަނީ ބައިވެރިވެފައެވެ. އެ އެއްވުމުގައި ރައްޔިތުން ވަނީ ތަކުރާރުކޮށް ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައިފައެވެ. މި އެއްވުން ނިންމާލާފައި ވަނީ އިޒްރޭލުގެ އަނިޔާވެރިކަމުން ފަލަސްތީނު ސަލާމަތްކޮށްދެއްވުމަށް އެދި ކުރި ޚާއްސަ ދުއާއަކަށް ފަހުއެވެ.

އެއްވުމުގެ އިތުރުން މާލޭގެ ޒުވާނުން އިސްނަގައިގެން ސައިކަލު ބުރެއް ވެސް ވަނީ ބާއްވައިފައެވެ.

ރަސްފަންނު ސަރަޙަައްދުން ފެށި ސައިކަލު ބުރު ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗު ސަރަޙައްދަށެވެ. އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ މި ސައިކަލު ބުރުގައި ވެސް ބައިވެރިވެފައެވެ. އޭގެ ތެރޭގައި ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ވަނީ ފަލަސްތީނުގެ ދިދަ ހިފައިގެން އެ ހަރަކާތުގައި ބައިވެރިވެ، މަގުތައް ފުރާލައިފައެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައި ވެސް މިއަދު ވަނީ މި ހަރަކާތް ބާއްވައިފައެވެ. ރަށް ރަށުގައި ވަނީ މިކަމާ ގުޅިގެން ހިނގާލުންތައް ބާއްވައިފައެވެ. އެ ހިނގާލުންތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެކި އުމުރުގެ ރައްޔިތުން ވަނީ ފަލަސްތީނު ދިދައާއި ބެނާތައް ހިފައިގެން ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައިފައެވެ.

އަތޮޅުތެރޭގެ ރަށެއްގައި ބޭއްވި ދިވެހީންގެ ބޮޑު އެއްވުމުގެ ތެރެއިން -- ފޮޓޯ/ މީސްމީޑިއާ

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށި ފަހުން އައިއޭސީން އަންނަނީ ދިވެހިންގެ އެހީއާ އެކު ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެ ނޫން ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޣައްޒާގައި ކުރިއަށް ގެންދަމުންނެވެ.

ޣައްޒާގައި މި ވަގުތު ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި، އެތައް ބައެއްގެ ގެދޮރު ވެސް ވަނީ ނެތި ގޮސްފައެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ގައްޒާއަށް ފެނާއި ކަރަންޓު އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފައެވެ.

comment ކޮމެންޓް