ވޯލްޑް ބޭންކާއި އައިއެމްއެފް ގަވަނަރުންގެ ބޯޑުގެ ޗެއާއަކަށް ރާއްޖެ

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ރާއްޖެ ހޮވިއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނީ ރާއްޖެއަށް އެ މަގާމު ލިބިފައިވާއިރު ޗެއާ ކުރައްވާނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ކަމަށެވެ.

މި މަގާމަކީ ވޯލްޑް ބޭންކް ގުރޫޕާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ މެންބަރު ގައުމުތަކުގެ ވޯޓުން ހޮވާ މަގާމެކެވެ.

މި މަގާމަށް ހާޝިމް އިންތިޚާބުކުރީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކުގައެވެ. މި މަގާމަށް ރާއްޖެ ހޮވުނުކަން އިއުލާންކޮށްފައި ވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕާއި އައިއެމްއެފް އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.

އެއާއެކު އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ 2024ވަނަ އަހަރީ ބައްދަލުވުންތަކުގެ ޗެއާކަން ކުރައްވާނީ ގަވަރުނަރު ހާޝިމެވެ.

މި ކަމާ ގުޅިގެން އޭނާ ވިދާޅުވީ އެ މަގާމު ރާއްޖެއަށް ލިބުމަކީ ދިވެހީންނަށް ލިބުނު ޝަރަފެއް ކަމަށެވެ. އައިއެމްއެފްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ހޭދަކުރި 45 އަހަރުގެ ތެރޭ މިއީ ލިބުނު ތާރީޚީ ކާމިޔާބެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖެ އައިމްއެމްއެފްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 45 އަހަރުވެފައިވާއިރު މިއީ ރާއްޖެއަށް މި ފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރު. އެހެންކަމުން، ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފްގެ ޗެއާގެ މަގާމު ރާއްޖެއަށް ލިބުމަކީ ވަރަށް ތާރީޚީ ކާމިޔާބީއެއް،" ހާޝިމް ވިދާޅުވިއެވެ.

ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއެއް ހަމަޖައްސަނީ ކޮންމެ އަހަރަކު ވެސް އައު ސަރަހައްދަކުންނެވެ. އެގޮތުން މި އަންނަ އަހަަރަށް ހާޝިމް ހަމަޖެއްސީ އޭޝިއާ ޕެސިފިކް މެންބަރު ގައުމުތަކުންނެވެ.

ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ އެންމެ މުހިންމު މަސައްކަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއާކުރުމެވެ.

މީގެ އިތުރުން، ރެމިއުނެރޭޝަން އޮފް އެގްޒެކެޓިވް ޑިރެކްޓާސް އެންޑް ދެއާ އަލްޓަނޭޓްސް ކޮމިޓީީއާއި ޖޮއިންޓް ޕްރޮސީޖާ ކޮމިޓީގެ އިތުރުން މަލްޓިލެޓެރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ ޕްރޮސީޖާ ކޮމިޓީގެ ޗެއާކަން ވެސް ކުރާނީ ގަވަރުނަރުންގެ ބޯޑުގެ ޗެއާމަނެވެ.

comment ކޮމެންޓް