ނުބައިކަމެއް ކުރާ މީހާއަށް އުފާވެރި ޚަބަރެއް އޮތްކަމަށް ބުނެފިނަމަ ޤަބޫލުކުރާނަންހެއްޔެވެ؟ މިސާލަކަށް، މަސައްކަތްކުރާ އޮފީހުގައި ތިބާ ވިޔާނުދާކަމެއް ކޮށްފިކަން ވެރިމީހާއަށް އެނގުމުން އޭނާ އައިސް ތިބާއަށް ޕްރޮމޯޝަނެއް އޮތްކަމުގެ އުފާވެރި ޚަބަރު ދީފާނެހެއްޔެވެ؟ ނޫނެކެވެ. ހަމަ ޔަޤީނުންވެސް އެގޮތަކަށް އެކަމެއްނުވާނެއެވެ. މީހަކު ނުބައިކަމެއްކޮށްފިނަމަ އާއްމު އުސޫލަކީ އޭނާ އެކުރި ނުބައި ކަންތަކާމެދު މީހުން ނަފުރަތު ކުރުމެވެ. އަދި ބައެއްފަހަރަށްނަމަވެސް އެކަމަކަށް އޮންނަ އަދަބެއް އޭނާއަށް ލިބުމެވެ. މިއީ މީހުންކުރާ ނުބައި ކަންތައްތަކާމެދު އިންސާނުންގެ ތެރޭގައި ކަން އޮންނަ ގޮތްނަމަވެސް، އެންމެހައި އިންސާނުންގެ ވެރި އިލާހު، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަން ނިކަން ދެކިބަލާށެވެ!
ޤުދުސިއްޔަ ޙަދީޘެއްގައި ﷲ ވަޙީކުރެއްވިއެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ ފާފަތަކާމެދު ހިތާމަކޮށް، ތިމަން ﷲ ގެ ރަޙުމަތަށް އުއްމީދުކުރާޙާލު، ފާފަތައް ފުއްސެވުން އެދި ދަންނަވާހައި ހިނދަކު، ތިބާގެ ފާފަތައް ކިތަންމެ ގިނަޔަސް، އެއާމެދު ތިމަން ﷲ ފަރުވާލެއްނުބަހައްޓަވައި އެ ހުރިހައި ފާފައެއް ފުއްސަވާހުށީމުއެވެ. އޭ އާދަމުގެ ދަރިޔާއެވެ! ތިބާގެ ފާފަތައް ގިނަކަމުންގޮސް އުޑުގައިވާ ވިލާތަކާ ހަމައަށް ފޯރިޔަސް، އެޙާލަތުގައިވެސް ތިބާ ފާފަ ފުއްސެވުން އެދި ދަންނަވައިފިނަމަ، ތިމަން ﷲ ތިބާގެ ފާފަތައް ފުއްސަވާހުށީމުއެވެ. އޭ އާދަމުގެ ދަރިޔާއެވެ! ބިންފުރޭހައި ގިނަ ފާފަތަކައިގެން ތިބާ ތިމަން ﷲ އާ ބައްދަލުކުރިނަމަވެސް، ތިބާ ތިމަން ﷲ އަށް ޝިރުކު ނުކުރާކަމުގައިވަނީނަމަ، ބިންފުރޭހައި މިންވަރުގެ ފާފަފުއްސެވުން ތިބާއަށް ދެއްވާހުށީމުއެވެ. (ތިރުމިޛީ: 3540)
ހަވާނަފުސާއި ޝައިޠާނާގެ ގޮވައިލުމަށް އިޖާބަ ދެވި، ތަފާތު ފާފަތައް ކުރުމުގައި އުޅޭ އިންސާނާއަށް - މިއަށްވުރެ ވަކީން އުފާވެރި ޚަބަރެއް އޮންނާނެހެއްޔެވެ؟ އިސްވެދިޔަ ޙަދީޘްގައި އަންގަވާފައިވާގޮތުގައި، މީހަކު އޭނާގެ ފާފަތަކާމެދު ދެރަވެ ހިތާމަކޮށް ފާފަ ފުއްސަވައިދެއްވުން އެދި ﷲ އަށް ދަންނަވާކަމުގައިވާނަމަ އެ އިލާހުގެ ތަނަވަސް ރަޙުމަތްފުޅުން އޭނާއަށް ފާފަ ފުއްސަވައިދެއްވާނެތެވެ. އެއީ އުޑުގައިވާ ވިލާތަކާ ހަމައަށް އުފުލިގެންވާހައި ގިނަ ފާފަކަމުގައިވިޔަސްމެއެވެ. އަދި ބިންފުރޭހައި ގިނަ ފާފަތައް ހުރި މީހަކުނަމަވެސް، ﷲ އަށް އީމާންވެގެންވާ ޙާލު އެކަލާނގެއަށް ޝަރީކުނުކޮށް އޭނާ މަރުވެއްޖެނަމަ، ﷲ ގެ އިރާދަފުޅުން އެމީހާގެ ފާފަތައްވެސް ފުއްސަވައިދެއްވާނެތެވެ.
މިއީ ޝިރުކާބެހޭ ލިޔުމަކަށްނުވާތީ އޭގެ ތަފުސީލުތަކަށް ނުދިޔަނަމަވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ކުރިން ދިވެހީންގެތެރޭގައި ހުރި ޝިރުކުގެ ވަރަށް ބޮޑެތި ޢަމަލުތައް މިހާރު ނެތި ގޮސްފައިވިޔަސް، އަދިވެސް ބައެއްމީހުން ދޫނުކޮށް ހިފަހައްޓާ ޝިރުކުގެ ޢަމަލެއް އެބަ އޮތެވެ. އެއީ ފަންޑިތަވެރީން ނުވަތަ ކަހީނުންގެ ގާތަށް ގޮސް އެބައިމީހުން ދައްކާ ވާހަކަތައް ޤަބޫލުކުރުމެވެ. ދާދިފަހުން ރާއްޖެއިން ބޭރަށް ގޮސް ކަހީނެއްގެ އެހީތެރިކަން ހޯދައިގެން އައި މީހަކު ބުނިގޮތުގައި؛ ނުރައްކާތަކުން އޭނާ ސަލާމަތްކޮށްދިނުމަށްޓަކައި އަބަދުވެސް އޭނާއާ އެކުގައި ޖިންނިއެއް ހުންނަގޮތަށް ކަހީނުކަލޭގެ ހަމަޖައްސައިދީފައިވެއެވެ. އަދި އޭތި ހުއްޓައި އެއްވެސް ދިމާލަކުން އޭނާއަށް ގެއްލުމެއް ކުރިމައްޗެއްނުވާނެކަމަށް އޭނާ ބުންޏެވެ. އެއްވެސް އޮޅުމެއްނެތް ގޮތުގައި މިއީ ކަނޑައެޅިގެން ޝިރުކުގެތެރެއިން ހިމެނޭ ނުބައިވެގެންވާ ޤަބޫލުކުރުމެކެވެ. ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކުން ސަލާމަތްކަމެއް އަދި ރައްކާތެރިކަމެއް ނުލިބޭނެއެވެ. ކަހީނުންގެ ގާތަށްގޮސް ފާލު ބެލުމާއި ރަމަލުޖެހުމާއި އެބައިމީހުންގެ ވާހަކަތައް ތެދުކޮށް ޤަބޫލުކުރުންވަނީ ނަހީކުރައްވާފައެވެ.(މުސްލިމު: 2230) ޣައިބުގައިވާ ކަންތައްތައް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ.(ނަމްލު: 65) ކަހީނުންނަކީ މަކަރާއި ހީލަތުގެ އުކުޅުތައް ބޭނުންކޮށްގެން މީހުންނަށް އޮޅުވައިލާ ބައެކެވެ. ޖިންނި ޝައިޠާނުންގެ އެހީތެރިކަމާއެކު އެބައިމީހުން ދައްކާ ބައެއް ވާހަކަ ދިމާވިނަމަވެސް އޭގައި ގިނަވާނީ ދޮގާއި މަކަރެވެ.(متفق عليه) ނަމަވެސް އެފަދަމީހުންގެ އަވައިގައި ޖެހި އެތައް ވަގުތަކާއި ފައިސާއެއް ހޭދަކޮށް، އެމީހުންގެ ވާހަކަތައް ޤަބޫލުކުރާމީހުން މިހާރުވެސް އުޅެއެވެ. މިއީ މުސްލިމުން އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއްނޫނެވެ.
ﷲ އަށް އީމާންވެގެންވާމީހާ ޝިރުކުނުކޮށް ހުރިނަމަ، ކިތަންމެ ގިނަ ފާފަތަކާއެކު މަރުވިޔަސް ﷲ އިރާދަކުރައްވައިފިނަމަ އޭނާއަށް ފާފަ ފުއްސަވައިދެއްވާނެކަމަށް ޤުރުއާނުގައިވެސް އަންގަވާފައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. إِنَّ اللهَ لاَ يَغْفِرُ أنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَالِكَ لِمَنْ يَشَاءُ (ނިސާ: 48) " ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ." އެހެންކަމުން ޝިރުކުގެ ޢަމަލެއް ކުރެވިފައިވާނަމަ ދުނިޔެމަތީގައި އެކަމަށް ތައުބާވާންޖެހޭނެއެވެ. ތައުބާވެއްޖެނަމަ ޝިރުކުގެ ފާފަވެސް ފުއްސަވައިދެއްވާނެއެވެ.
އަޅުތަކުން ފާފަކުރުމަށް ﷲ ނުރުއްސަވާކަމާއި ފާފަތަކަށް ޢަޛާބު ހުރިކަން އާއްމުކޮށް އެންގެވުމާއެކުވެސް، އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ އޯގާވަންތަ އިލާހުކަން ވަރަށް ގިނަ ބަސްފުޅުތަކުގައި ތަކުރާރުކޮށް އަންގަވާފައިވެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ﷲ ވަޙީކުރައްވާފައިވެއެވެ. "އޭ ތިމަން ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ރޭގަނޑާއި ދުވާލު ފާފަތަކަށް އަރައިގަންނަމުއެވެ. އަދި ތިމަން ﷲ އެ ހުރިހައި ފާފަތަކެއް ފުއްސައިދެއްވަމުއެވެ. ފަހެ، ތިޔަބައިމީހުން ފާފަ ފުއްސެވުން އެދި ތިމަން ﷲ އަށް ދަންނަވާށެވެ! (އޭރުން) ތިމަން ﷲ ތިޔަބައިމީހުންނަށް ފާފަ ފުއްސަވައިދެއްވާހުށީމުއެވެ."(މުސްލިމް: 2577) އަދިވެސް އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރު ދެއްވާށެވެ!"(ޙިޖުރު: 49)
ނިކަން ވިސްނާށެވެ! ﷲ ގެ އަޅުތަކުން އެއިލާހަށް އުރެދި ނުބައި ޢަމަލުތައް ކުރުމުންވެސް - ކޯފާގެ ބަސްފުޅުގެ ބަދަލުގައި، އިސްކުރައްވާފައި އެވަނީ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަމެވެ. ފާފަތަކުގެތެރެއަށް ޣަރަޤުވެފައިވާމީހެއްކަމަށްވިޔަސް، ތައުބާވެއްޖެނަމަ، އޭނާގެ ފާފަތައް ގިނަކަމާމެދު ﷲ ތަޢާލާ ފަރުވާލެއް ނުބަހައްޓަވައި އެ ހުރިހައި ފާފަތަކެއް ފުއްސަވައިދެއްވައެވެ! ﷲ އީ ރަޙުމަތްވަންތަކަން އެކަލާނގެ އަމިއްލަ ޒާތުފުޅުގެ މައްޗަށް ލާޒިމުކުރެއްވި ރަސްކަލާނގެއެވެ.(އަންޢާމު: 54)