އަލުން އުދަބާނި އަރަން ރެޑީ ވެއްޖެ

ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) 2009ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "އުދަބާނި"ގެ ދެވަނަ ބައިގެ ޝޫޓިން ނިންމާލައި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ފަށައިފިއެވެ.

އުދަބާނި ނަމުގައި ނެރުނު ވާހަކައަކަށް ބިނާކޮށް އުފެއްދި ބިރުވެރި އަދި ޑްރާމާ ފިލްމަކީ 2009 ނެރުނު ފިލްމަކީ އެ އަހަރު އޮލިމްޕަހުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމެވެ.

ފުރަތަމަ ފިލްމުގެ މަސައްކަތް ވެސް ކޮށްފައިވާ އަމްޖޭ މިހާރު ރެޑީ ވަނީ ފިލްމުގެ ދެވަނަ ބައެއް ނެރުމަށެވެ. ފިލްމުގެ ޝޫޓިން މިއަހަރުގެ ކުރީ ކޮޅުގައި ފެށިއިރު މިހާރު ޝޫޓިން ނިމި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އަމްޖޭ މައުލޫމާތު ދޭ ގޮތުގައި ފިލްމުގެ މިހާރު ކުރިއަށް ދަނީ އެޑިޓިންގެ މަސައްކަތެވެ.

ފިލްމުގެ އެޑިޓިންގައި ހުރި މަސައްކަތް ކުރުމަށްފަހު ޑަބިން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ އިތުރު މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން މަހެއް ދެމަހެއްގެ ތެރޭގައި އެޑިޓިންގެ މަސައްކަތް ވެސް ނިމިގެންދާނެ ކަމަށް އިޝާރާތް ކުރިއެވެ.

ފުރަތަމަ ފިލްމާ އަޅާ ބަލާއިރު ކޮލިޓީގެ ގޮތުން ދެވަނަ ފިލްމަކީ ވަރުގަދަ ފިލްމަކަށް ހެދުމަށް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު އިފެކްޓްސް ބޭނުން ކުރުން ފަދަ މަސައްކަތް ކުރާނެ ކަމަށް އިޝާރާތް ކުރެއެވެ.

އުދަބާނީގެ ފުރަތަމަ ފިލްމުން ލީޑުން ފެނިގެން ދިޔައީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއިލް އަދި ހާމިދު އަލީ އާއި އައިމިނަތު ޝަރީފެވެ. ނަމަވެސް ދެވަނަ ފިލްމުގައި ކާސްޓު އެއްކޮށް ބަދަލުވާނެއެވެ.

ދެވަނަ ފިލްމުގެ ބަތަލެއްގެ ގޮތުގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި ފާތިމަތު ޝުހާއެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އޮރިޖިނަލް ފިލްމު ކުޅެފައިވާ ރ. މާކުރަތުގައެވެ.

comment ކޮމެންޓް