ބެކަމްގެ ލަފާ އަބަދުވެސް ހޯދަން: މެގުއާ

މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ޑޭވިޑް ބެކަމްގެ ލަފާ އަބަދުވެސް ހޯދާ ކަމަށް ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލަމުންދާ ޔުނައިޓެޑުގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ ބުނެފިއެވެ.

ޔުނައިޓެޑުގެ ސަޕޯޓަރުންގެ ފަރާތުން ވެސް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހޭ މެގުއާއަށް ވަނީ އިނގިރޭސި ގައުމީ ޓީމާއެކު މިދިޔަ މަހު ސްކޮޓްލެންޑާ ދެކޮޅަށް ކުޅެ، 3-1ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ވެސް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެ މެޗުގައި މެގުއާ ގޯލެއް ޖެހި ނަމަވެސް، އޭނާއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު ސަޕޯޓަރުންގެ ފާޑުކިޔުމުގެ އަޑުތައް ދަނޑުތެރެއިން އިވެމުންދިޔައެވެ.

މެގުއާ ބުނީ އެ މެޗަށްފަހު ވެސް ބެކަމް އޭނާއަށް ހިތްވަރުދިނުމަށް ގުޅައިގެން ވާހަކަތައް ދައްކާފައިވާ ކަމަށާއި އަބަދުވެސް ބެކަމްގެ ފަރާތުން އޭނާއަށް އެ ހިތްވަރު ލިބޭ ކަމަށެވެ.

"ސްކޮޓްލެންޑް މެޗަށްފަހު އަހަރެން ބެކަމްއާ ވާހަކަދެއްކިން. އޭނާ އަހަރެންގެ ކަންކަން ބަލާތީ އުފާކުރަން، އެކަން އުފަލާއެކު ބަލައިގަންނަން. އަހަރެންގެ ކެރިއަރުގައި ބެކަމްގެ ފަރާތުން އަބަދުވެސް ލަފާ ލިބޭ. ބެކަމްއަކީ އަހަރެން އެންމެ ކުޑައިރުން ފެށިގެން ވެސް މިސާލެއްގެ ގޮތުގައި ބަލަމުންދިޔަ ކުޅުންތެރިއެއް،" މެގުއާ ބުންޏެވެ.

މެގުއާ ބުނީ ބެކަމް ގުޅުމަށްފަހު ކެރިއަރުގައި ހޯދިފައިވާ ކާމިޔާބީއާ މެދު ވިސްނުމަށް އެދުނު ކަމަށާއި އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ، ކެރިއަރުގައި ހޭދަކުރި އުފާވެރި ދުވަސްތައް މަތިން ހަނދާންކުރުން މުހިންމުވާނެ ކަމަށެވެ. އަދި ކެރިއަރުގައި ކުރިއަށްދާނީ ބެކަމް އެ ދިން ލަފާގެ މަތިން ކަމަށް މެގުއާ ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ ކުރިއަށްއޮތް ދެ މެޗަށް ވެސް ސްކޮޑަށް މެގުއާ ނަގައިފައެވެ. އެއީ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި ޔޫރޯ 2024ގެ ކޮލިފައިންގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗެވެ.

comment ކޮމެންޓް