އަތްފޯރާ ފަށުގައި ނަފުސާނީ ފަރުވާ ލިބެންޖެހޭ: މެޑަމް ފަޒްނާ

ލާމަރުކަޒީ އުސޫލުން އަތްފޯރާފަށުގައި ނަފުސާނީ ޞިއްޙަތުގެ ފަރުވާއާއި، އެހީތެރިކަން ލިބުމަކީ ދުޅަހެޔޮ، އުފެއްދުންތެރި، މުޖުތަމަޢެއްގެ ނާރެސް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިހެން ވިދާޅުވީ ދެވަނަ ސައިކޮލޮޖީ ސިމްޕޯޒިޔަމް އަދި އެގްޒިބިޝަން އިފްތިތާޙް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ މީހަކު ދިރިއުޅޭ ރަށަކަށް، މީހެއްގެ މާލީ ތަނަވަސްކަމަކަށް ނުވަތަ އެ މީހެއްގެ ނަފްސާނީ ޙާލަތުގެ މިންވަރަށް ބެލުމެއްނެތި ނަފުސާނީ ޞިއްޙަތުގެ އެހީތެރިކަމަކީ ކޮންމެ މީހަކަށް ވެސް އަތްފޯރާފަށުގައި ލިބިގަނެވޭނެ ޚިދުމަތަކަށްވުން މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި، އެ ކަމުގެ ބޭނުމަކީ، މުޖުތަމަޢެއް ބިނާކުރުމުގައި ފަރުވާނުކުރެވި ހުރި ނަފުސާނީ މައްސަލަތަކުގެ ބުރައާނުލާ، ކޮންމެ މީހަކަށް ވެސް، އެންމެ އުފެއްދުންތެރި އެންމެ އުފާވެރި ގޮތުގައި އެ މީހެއްގެ ޚިދުމަތް މުޖުތަމަޢާ ޙިއްޞާކުރުމުގެ ހެޔޮކަން ލިބުން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

"އިމާރާތްތަކަށް ވަރުގަދަ ބިންގަލެއް މުހިންމުވާ ފަދައިން، ނަފުސާނީ ދުޅަހެޔޮ ސިއްހަތަކީ ފަރުދުންނާއި އާއިލާތަކާއި މުޖުތަމައުގެ ދުޅަހެޔޮ ކަމަށް އެހީތެރިވެދޭ ބާރެއް. ލާމަރުކަޒީ އުސޫލުން އަތްފޯރާ ފަށުގައި ނަފުސާނީ ސިއްހަތުގެ ފަރުވާއާއި އެހީތެރިކަން ލިބުމަކީ ދުޅަހެޔޮ އުފެއްދުންތެރި މުޖުތަމައެއްގެ ނާރެސް،" ފަޒްނާ ވިދާޅުވިއެވެ.

އެ ކަމަނާ ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން، ސްކޫލްތަކަށް ޙާއްޞަ ޕްރޮގްރާމްތަކާއި ޕްރައިމަރީ ހެލްތްކެއާގެ ނިޒާމުގެ ތެރެއިން ނަފުސާނީ ޞިއްޙަތާ ބެހޭ މައްސަލަތައް ދެނެގަނެ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަމާއި، ވަޞީލަތްތައް ތަނަވަސް ކުރުން މުހިންމު ކަމުގައި ވެސް އެ ކަމަނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، ސުލްޙަ މަސަލަސް އުފާވެރި އުފެއްދުންތެރި މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި، އެންމެ ފަރުދެއް ވެސް ބާކީވެގެންދިޔަނުދީ އެ މީހަކަށް އެކަށީގެންވާ ޙައްޤު ފަރުވާއެއް ލިބިދެވުމަކީ އެންމެން އެކުގައި ފުރިހަމަކުރަންޖެހޭ ޒިންމާއެއް ކަމަށެވެ.

މެދުކެނޑުމެއްނެތި "އެވިޑެންސް-ބޭސްޑް" ފަރުވާ، އެ ޚިދުމަތަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ އެ ކަމަނާ ކުރައްވާ އުންމީދެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ނަފުސާނީ ޞިއްޙަތުގެ ބިނާ، ހިތްވަރާއި، ފަންވަރާއި، އޯގާތެރިކަމުން ޒީނަތްތެރިވެގެންވާ ބިނާއެއްގެ ގޮތުގައި ފަރުމާކުރެވި ދެމެހެއްޓޭނީ އެންމެން އެކުގައި މަސައްކަތް ކުރުމުން ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފުސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ "މެންޓަލް ހެލްތް އިޒް އަ ޔުނިވާސަލް ހިއުމަން ރައިޓް" މި ޝިޢާރުގެ ދަށުންނެވެ.

comment ކޮމެންޓް