ކުޑަކުޑަ އޯގާތެރިކަމަކީ ހާލުގައި ޖެހިފައިވާ މީހަކަށް ތަފާތު ގެނެސްދޭ ކަމެއް: ރައީސް

ރައީސް ށ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ކުޑަ ކުޑަ އޯގާތެރިކަމަކީ ހާލުގައި ޖެހިފައިވާ މީހަކަށް ތަފާތު ގެނެސްދޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން އެ މަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ މީހަކަށްވެސް އޯގާތެރިކަމާއި އަޅާލުން ބޭނުންވާނެ ކަމަށެވެ. އަދި ނަފްސާނީ ބަލިމަޑުކަމަކީ ވެސް ކޮންމެ ފަރުދަކުވެސް ގަބޫލުކުރަން ޖެހޭ ބައްޔެއް ކަމަށް އެ މަނިކުފާނުގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

މިއަދަކީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހަށް ވީތީ ނަފްސާނީ ބަލިމަޑުކަން ތަހަމަލް ކުރަމުންދާ ފަރާތްތަކަށް އޯގާތެރިވެ، ހެޔޮކޮށް ހިތުމަށް އެމަނިކުފާނުގެ ޓްވީޓުގައި އެދިވަޑައިގެންފައިވެއެވެ.

ނަފްސާނީ ބަލިތައް ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އިތުރު ވެފައިވާއިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަވަހަށް ފަރުވާ ނުލިބުމެވެ. އަދި ހަމައެއާއެކު ނަފްސާނީ ބަލިތަކާ މެދު ދެކޭ ބޯދާ ވިސްނުންތަކުގެ ސަބަބުން ވެސް ފަރުވާ ހޯދަން މީހުން ޖެހިލުންވެއެވެ.

އައިޖީއެމްއެޗްގެ އިތުރުން އެހެން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ދެއެވެ. ނަމަވެސް އެތަންތަނުން ހިދުމަތް ހޯދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަގުތައް ބޮޑުވުމެވެ.

ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވިގެން ދިއުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. އެ ވައުދު ރައީސް ވަނީ ފުއްދަވައި ދެއްވައިފައެވެ.

އަދި އޭގެ ފަހުން މި ސަރުކާރުންވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި، ސައިކޭޓްރިސްޓުންގެ ޚިދުމަތް ލިބޭ ގޮތް ވެސް ފަހި ކޮށްދީފައެވެ.

ނަފްސާނީ ބަލިމަޑު ކަމަކީ ދުނިޔޭގެ އެތައްބަޔަކު ތަހައްމަލްކުރަމުންދާ ބައްޔެއްކެވެ. މިބަލި ތަހައްމަލު ކުރަންޖެހޭ އެކި ސަބަަބުތައް މެދުވެރި ވެއެވެ. އެހެންކަމުން މި ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކައް އެންމެންގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވެއެެވެ.

comment ކޮމެންޓް