ވަރަށް ދެރަވެއެވެ.

ވަރަށް ދެރަވެއެވެ. ގާޒާގައި ހިނގާ ކަންތަކުންނެވެ. ކޮންމެ ދުވަހަކު ހޭލެވެނީ ކޮންމެވެސް ކާރިސާ އެއްގެ ހަބަރަށެވެ. ގަސްދުގައި މީހުންނަށް އަނިޔާ އާއި ގެއްލުންދިނުމާއި މަރާ ވާހަކަތަކަށެވެ. ދުނިޔެ ހޫނުވުމާއި މެޝިންތަކާއި ރޮބޮޓުތަށް އައިސް އިންސާނުންގެ މަސަތްކަތް ފޭރިގަނެފާނޭ ކިޔާ ވާހަކަތަކަށެވެ. ދުނިޔޭގެ ތިންވަނަ ބޮޑުހަނގުރާމަޔާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ވާހަކަޔަށެވެ. އެ ހުރިހާ ކަމެއް އެ ވަނީ ވަރަށް ކައިރީގަ އޭ ހިތަށް އަރާފައި، ހަމަ ދެރަވަނީއެވެ. ދުނިޔެވަނީ ވައިގެ ދަތުރުފަތުރުން ގުޅާލާފައެވެ. އެއްވެސް ތާކަށްދިޔުން އުނދަގޫވާން ސަބަބެއްނެއްތާއެވެ. މިހެން ހިތަށް އަރާފައި ހަމަ ދެރަވަނީއެވެ.

އެފްރިކާގެ ބަނޑުހައިހޫނުކަމުގައި އުޅޭ ކުދިންތައް ހަމައެކަނި ސްކްރީންތަކުން ފެންނަނީކީ ނޫނެވެ. އެއްވެސް އިތުރު މަސައްކަތަކާނުލާ ބަލާ ވީޑިޔޯގެ އޮޓޯ ކެޕްޝަންއިން އެ މީހުން ދައްކާ ވާހަކަ ތަކާއި ކުރާ އާދޭހުގައި ކިޔާ އެއްޗެހިވެސް ހަމަ އަސްލަށް ވެސް އެނގެއެވެ. އަނެއްކާވެސް ދެރަވަނީއެވެ. އެހާ ފަސޭހައިން މައުލޫމާތު އެނގުނަސް އެހާ ފަސޭހައިން އެހީ ވާންނޭނގޭތީއެވެ.

ނަފްސާނީ ސިއްހަތާ މެދު ހޭލުންތެރި ކުރުވާ ގްރެފިކްސް: -- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

އެނދުމަތީގައި އޮވެގެން އެ ހިޔާލާ ދުރަށް ދިޔުމަށް އިނގިލިން ސްކްރީނުގައި އިޝާރާތް ކޮށްލެވެނީ ހަމަ ވަރަށް ހިތްނުތަނަވަސްވެގެންނެވެ. ނޫނީ ރިމޯޓުގެ ފިއްތަކަށް ފިއްތާލެވެނީއެވެ. ހަމަގައިމުވެސް ތެދުވެގެން ދެން ކުރަންޖެހޭ ކަންތައް ނުކޮށް މުޅި މީހާ މާޔޫސް ކޮށްލާވަރަށް މިކަންކަމުން އަސަރުކުރެއެވެ. މިހެން ދެރަވުމަކީ ހުދު އަމިއްލަ ނަފްސަށް އޮތް ހައްގެއްކަމަކަށްވެސް އެ ވަގުތު ގަބޫލެއް ނުކުރެވެއެވެ.

މި މުޖުތަމައުއިން މަގުމަތީގައި ސަލާންޖަހަން ތިބޭ ދައްތައިންނާއި ބޭބެއިންފެނިފައި ވަރަށް ދެރަ ވެއެވެ. ސަކަރާތްޖެހުން މަޑުވެ މާޔޫސްވެ، ހިނގާފައި ދާއިރު އަމިއްލަ ނަފްސާ އަޅާކިޔެމުންދެވެނީ ފުރިހަމައަށް ދެއްވި ރަހުމަތްތަކަށް ޝުކުރުވެރިވެވޭބާއޭހިތަށް އަރަމުންނެވެ. މުޅި މީހާ މޯޅިކޮށްލައެވެ. އަނެއްކާވެސް ހާދަ ދެރަވެއެވެ. ކުޅެދޭ އިންސާނެއްގެ ގޮތުގައި ހުރެ، ދެރަވުމަކީ ލިބޭނެ ހައްގެއްބާއޭ ހިތަށް އަރާފައި ވަރަށް ދެރަވެއެވެ. ލިބިފައި ހުރި ހުރިހާ ނިއުމަތަކަށް ޝުކުރު ނުކުރެވެނީ އޭ ހިތަށް އަރާފައި އަނެއްކާވެސް ދެރަވެއެވެ.

އަމިއްލަ ހިޔާލަކާއި ބާރެއްނެތި، ވަށައިގެންވާ މާހައުލުގައި ހިނގާ ކަމެއް/ކަންތައްތަކުން އަމިއްލަ މީހާއަށް އިހުސާސްވާ މިންވަރު ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އެނގޭނެކަން ކަށަވަރެވެ. ލިޔެލަން ވިޔަސް، މި އިހުސާސުގެ ބުރަމިން އެނގޭނެއެވެ. އަދި، ދެރަނުވާށޭ ބުނާ ބުނުމުގައި ބާރެއް ނުހުންނަވަރު އިހުސާސް ނުކުރެވޭކަން ވެސް ޔަގީނެވެ.

ތަފާތަކީ އެއީއެވެ. އެންމެންވެސް ދެރަވާނެކަން ޔަގީނެވެ. ނަމަވެސް ތަފާތަކީ ނަފްސާނީ ބަލިމަޑުކަމެއްގައި އުޅޭ މީހުންނަށް އެމްޕަތައިޒް ނުވަތަ އަމިއްލަ ނަފްސާއަޅާކިޔާ، ހުރިހާ އިހުސާސެއްވެސް ކުރާ މިންވަރު ނަފްސާނީގޮތުން ދުޅަހެޔޮ މީހަކަށް ވުރެ އިންތިހާ ބޮޑުވުމެވެ. ނަފްސާނީ ބަލިތަކުގެ ޝިކާރަވެރިންގެ ވިސްނުން އެހާ ފަސޭހައިން ބަދަލުކޮށްނުލެވެނީއެވެ. ހަމަ ދެރަވަނީއެވެ. ދެރަވާތީވެސް ދެރަވަނީއެވެ. އެނބުރި ސެނބުރިއެއްހެން ހިޔާލުތައް ބޮލުތެރޭގައި އެނބުރެނީ އެވެ.

ރާއްޖޭގައި ގާތްގަނޑަކަށް ކޮންމެ ފަސް މީހަކުން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސްކުރެވިފައިވާ މީހެއް: ދިރާސާ--- ފޮޓޯ/ ރައީސް އޮފީސް

ދެރަވަންޏާ ހުސް ދެރަ ހިޔާލެވެ. ރުޅި އާދެވިއްޖެނަމަ ހަމައެކަނި އެފަދަ ހިޔާލުތަކެވެ. މިބީދައިން، އުފާ ވެއްޖެނަމަ، އެއްކަލަ ހައިޕާ ހިޔާލުތަކެވެ. ކޮންޓްރޯލް އެއީ ކުރާ ކަމެއްކަން އެނގުނަސް، ކުރަން ހާދަ ދަތިވެއެވެ. މިކަމާވެސް ދެރަވެއެވެ.

ވަށައިގެން ވާ ހުރިހާ ކަމަކާ ނުބެހޭށޭ އަޅާނުލާށޭ ބުނާ ބުނުން އެއީ ރަންގަނޑެއްފަދަ ނަސޭހަތެކެވެ. އެކަމަކު އެ ނަސޭހަތާއެއްކޮށް، އަޅާނުލާ އުޅެވޭނެ ގޮތްތައް ވެސް ކިޔާދެވޭނީ ހަމަ އެހެން ބުނާ، އެހެން ދެކޭ މީހުންނަށެވެ. ސަބަބަކީ ގަސްބޯ ޖަންގައްޔެއްގައި ދެރަވެފައި/ބިރާސްވެފައި ހުރި މީހަކަށް އެތަނުން ނިކުންނާނެ މަގެއް ނުފެނުނަސް، މަންޒިލަކަށް ދެވޭނެ މަގު ފެންނަ މީހުންނަކީ އެ ނަސޭހަތް ދެވޭ މީހާނޫންތޯއެވެ.

ޑައިގްނޯސް ވެފައިވާ މީހެއްވިޔަސް ނުވިޔަސް، ނަފްސާނީ ދުޅަހެޔޮކަމަކީ ދެބައި މީހުންނަށްވެސް ނިސްބަތްވާ ބަހެކެވެ. ނަފްސާނީ ދުޅަހެޔޮކަން ބަލިކަށިވެފައިވާ ދުވަސްވަރެއްގައި މިފަދަ ހިޔާލުތައް ބޮޑުވާ ބިއްލޫރިއެއްގެ ދަށަށް ލެވެނީއެވެ. އެކަމަކު، އެއްކަލަ ބަލިކަށިކަމާހެދި މިކަމެއް ސިކުނޑިއަކަށް ނަގައެއްނުގަނެވެއެވެ. ހަމައެކަނި އެނގޭކަމަކީ "ވަރަށް ދެރަވެއެވެ."

ނަފްސާނީ ބަލިމަޑު ކަމުގެ ހަގީގީ ހަނގުރާމަ

ވަރަށް މަޝްހޫރު ބުނުމެއް ވެޔެވެ. މޮޅުނުވާނެކަން އިނގޭ ހަނގުރާމަޔަކަށް އަމާންދީ ނުފަށާ ދޫކޮށްލާށެވެ. މާމަ ބުނީމަ ނަމާދު ކޮށްލާށެވެ. ނޫނީ ކިޔަވާލާފަ ދޭ ފެންތަށި ބޯލާށެވެ. ނޫނީ އެއްޗެއްނުބުނެ މަޑުކޮށްލާށެވެ. ކިތަންމެ ވަރަކަށް ބިރާސްވުން ކިޔާދޭން އުޅުނަސް، 60އަށް ވުރެ ގިނަ އަހަރު ދުނިޔޭގައި އުޅެފައިވާ ބަޔަކާ ހިޔާލުތަފާތުވުމެއްގައި ހަނގުރާމަ ކުރަންވީ ހެއްޔެވެ؟ މާމަ ގަބޫލު ކުރާ ބަހަކުން މުޅި މުޖްތަމައު ދެކޭގޮތެއް، މުޖްތަމައުން ނަފްސާނީ ބަލިތަކަށް ލިބޭ އެހީތެރިކަމަށް ނުވަތަ، އަމިއްލަ މީހާގެ ސިއްހަތަށް ވަކި ކުރާނެ މޮޅު އަސަރަކީ ކޮބާ ހެއްޔެވެ؟ ހަތިޔާރު ތިރިކުރުމަކީ މުޖްތަމައުގައި މި ކޮންޓްރޯލް ނުކުރެވޭ ހާދިސާތަކާއި ކާރިސާތަކުގެ އަސަރުތަކާއި ކުރިމަތިލާނެ އެއް އުސޫލެވެ. ބަދަލު އަބަދުވެސް ފެށޭނީ އަމިއްލަ ނަފްސުންނެވެ.

މިލޭނިޔަލްސް ނުވަތަ 1981-1997 ގެ އަހަރުތަކުގައި އުފަންވެފައިވާ އުމުރުފުރާ އަކީ އުފަންވީއްސުރެ ހާދިސާ އަކަށްފަހު ހާދިސާ އެއް ކަޑައްތުކޮށް ތަހައްމަލު ކުރަންޖެހިފައިވާ އުމުރުފުރާއެކެވެ. 1946-1980 އާ ހަމަޔަށް އުފަންވެފައިވާ ބޫމާޒް އަދި އެމީހުންގެ ބެލެނިވެރިން ބޭބީ ބޫމާޒް އަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާ އުޅުނު ބަޔެއްނޫނެވެ. މިލެނިޔަލްސް އާއި ޖެންޒީ އަދީ ޖެން އަލްފާ ވެގެން ދަނީ އެންމެ ބޮޑަށް ނަފްސާނީ ސިއްހަތު ދަންނަ އަދި ވަކާލާތު ކުރާ އުމުރުފުރާ އަށެވެ. އެއްކަލަ ގިނަ މައުލޫމާތު އިނގިލި ކުރީގައި ލިބެން ހުންނަނީ މިބުނެވުނު ފަހުގެ ދެބަޔަށެވެ. މިލެނިޔަލްސް އާއި ޖެންޒީ އުފަންވީ އިންފޮމޭޝަންއެންޑް ޓެކްނޮލޮޖީ ޒަމާނަށެވެ. މާމަމެންނާއި މަންމަމެން ކުރި ހުރިހާ މަސައްކަތެއްގެ ފޮނި މޭވާ ބޭނުންކުރަނީ މި އުމުރުފުރާއެވެ.

ސައިންޓިފިކް ހޯދުންތަކުން ދައްކާގޮތުގައި އާދަޔާ ހިލާފުވަރަކަށް ހާދިސާ ތަކާއި ކާރިސާތައް ފެނިފައި އޭގެ ތެރޭގައި އުޅެފައިވާ މިލެނިޔަލްސްގެ ދިރިއުޅުމުގައި ދެރަވުމާއި ސްޓްރެސް ވުމަކީ ކޮންމެދުވަހެއްގެ އާދަޔަކަށް ވެފައި ވާއިރު އެކަން ވަކިކުރަން ވެސް ނޭނގި އެ އިހުސާސްތައް ހިނގަ ހިނގާ ހުރެއެވެ. ޖުމުލަކޮށް ކޮންމެ މީހެއްގެވެސް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އޭގެން ނުހަނު އަސަރުކުރެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ މީހެއްގެވެސް ހައްގެއް: ވޯލްޑް ހެލްތް އޯގަނައިޒޭޝަން

ނަފްސާނީ ސިއްހަތުގެ ދުޅަހެޔޮކަން މުހިންމުވަނީ މިހެންވެއެވެ. ދުޅަހެޔޮ ވިސްނުމެއްގައި ހުރުމުގެ މުހިއްމުކަމަކީ ވެސް އެއީއެވެ. އަހަރުމެންގެ ކޮންޓްރޯލްގައި ނުވާ ކިތަންމެ ކަމަކާއި ކުރިމަތި ލެވޭނީ ނަފްސާނީ ދުޅަހެޔޮ ސިކުނޑިއަކަށެވެ. މިހާވަރަށް ދެރަވުން އެއީ ނަފްސާނީ ގޮތުން ދުޅަހެޔޮ ވިސްނުމެއްގައި ހުންނަ މީހަކު ނުވާނެ ދެރައެއްކަން އެނގި، އެއީ ނަފްސާނީ ބަލިމަޑުކަމެއްގެ ސިމްޕްޓޮމްކަން އިނގުމުންވެސް ދެރަވެއެވެ. އެކަމަކު އިލްމަކީ ހިލްމެކޭ ބުނާ ފަދައިން، މީހާ ދުނިޔެއަށް ލޯހުޅުވި ތަންދޮރު ދަންނަވަރަކުން، މުޖްތަމައުގައި މިހިނގާ ނޭދެވޭ ހުރިހާ ކަމަކުން ކުރާ އަސަރު ކުޑަކުރަން ދަސްވެއެވެ. އެއީ ދިރިއުޅުމަށް ހާދަ ބޭނުންތެރި އުކުޅުތަކެކެވެ.

ދެރައީ ނަފްސާނީ ގޮތުން ބަލިކަށި މީހުންނަށް ނަފްރަތުކުރާ، ތަފާތުކުރާ އަދި އެކަހެރި ކުރާ ބައެއް މި އުމުރުފުރާގައިވެސް އުޅޭތީއެވެ. މިއީ ކުރަން މުހިއްމު ހަނގުރާމައެކެވެ. އެ މީހުންނާއި ވަކާލާތުކޮށް ޖަދަލުކޮށް އަޑު ގަދަކޮށް ވާހަކަ ދެއްކުމަކީ، ތަފާތު ގެންނަން ރަނގަޅު ހިސާބެކެވެ.

ނަފްސާނީ ބަލިމަޑު ކަމަކީ ނުފެނުނަސް ހަގީގީ ބަލިމަޑުކަމެއްކަން އަހަރުމެން އެންމެން މިއަދު ގަބޫލު ކުރެއެވެ. ތަފާތު ގެންނަން އަހަރުމެން ފަށަންވީ ހިސާބަކީ މައުލޫމާތު ލިބިފައިވާ މީހުންނާ ހަމައިންނެވެ. މާމަ އާއި މަންމަ އާއި ޖަދަލަކުރުމުގެ ބަދަލުގައި ހަތިޔާރު ތިރިކޮށް އެއީ އެ މީހުންނަށް އެނގޭ އެންމެ ރަނގަޅު އަދި ފުރިހަމަ މިންވަރުކަމަށް ގަބޫލުކުރުން މި ހަނގުރާމައިގައި މުހިންމެވެ.

ޖެހިގެން އޮފީހުގައި މަސައްކަތްކުރާ ކޮލީގުންނާއި، މަދަރުސާގައި ޖެހިގެން އިންނަ ކުލާސް ކުއްޖާއާއި ޓީޗަރާއި ނުވަތަ ކޮފީ ތަކުގައި އުމުރުފުރާގެ ރައްޓެހިކުދިންނާ ވަކާލާތުކުރަން ފަށަންވީއެވެ. އަދި މިޔާއެކު އަމިއްލަޔަށް އަޑުއެހުމުގެ ގާބިލުކަން އަށަގަންނުވަންވީއެވެ. އެއްވެސް އެއްޗަކީ މާ ގިނަ ވެއްޖެނަމަ އިންސާނިއްޔަތަށް ގެއްލުންދެނިވި އެއްޗެކެވެ. އެއީ މައުލޫމާތުލިބުނަސް ފިކުރު ކުރާ މީހުން މަދުވީމައެވެ. ހަގީގަތުގައި އެންމެ ދެރަވަނީ މިހެންވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް