ކުޑަކުދިންތަކެއް ރޭޕްކުރި މީހަކަށް ގޯސްކޮށް ދައުވާކޮށްފައިވާތީ، ހުކުމުން ސަލާމަތްވެއްޖެ

ޖިންސީގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއް ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކި ދުވަސްމަތިން ކުޑަ ދެ ފިރިހެންކުދިން ފަޅުގެއަކަށް ގެންގޮސް ރޭޕުކުރިކަމުގެ ކުށް ސާބިތުވެ, ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާ މީހަކު ސަލާމަތްވެއްޖެއެވެ.

އޭނާ ސަލާމަތްވީ ދަށު ކޯޓުން އޭނާ ޖަލަށްލުމަށް 2021 ވަނަ އަހަރު ކޮށްފައިވާ ހުކުމް ބާތިލުކަމަށް އިއްޔެ ހައިކޯޓުން ނިންމުމުންނެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް ފ. އަތޮޅުގެ މެޖިސްޓްރޭޓު ކޯޓެއްގައި ޑިސެންބަރު 24, 2017ގައި ކުރި ދައުވާގައި ވާ ގޮތުން، އެ މީހާ ވަނީ 2014ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ ދެ ކުދިން ފަޅުގެއަކަށް ގެންގޮސް ޖިންސީ ގުޅުން ހިންގައިފައެވެ. އެއީ 15 އަހަރުން ދަށުގެ ދެ ކުދިންނެވެ.

މި މައްސަލަ ބެލުމަށްފަހު ފެބްރުއަރީ 23، 2021ގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، އެ ކޯޓުން އޮތީ، 19 އެތި ފަހަރުން އޭނާ ތައުޒީރުކޮށް ތިން އަހަރަށް ޖަލަށް ލުމަށް އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.

އެހެން ނަމަވެސް، މި މައްސަލައިގައި ދައުވާކުރުމުގައި ދައުލަތުން ގޯސްތަކެއް ހަދައިފައިވާ ކަމަށް ހައި ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމުގައިވާ ގޮތުން، ދަށު ކޯޓުގައި ދައުލަތުން މި މައްސަލަ އުފުލައިފައިވަނީ ކުރީގެ ޖަސްޓިސް މިިނިސްޓްރީން، 2008 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގެ ދަށުންނެވެ. އެހެން ނަމަވެސް، މި ދައުވާ އުފުލުމުގެ ވެސް އަދި މި ހާދިސާ ހިނގުމުގެ ވެސް ކުރިން މި ބާވަތުގެ ކުށްތަކަށް ހާއްސަ ގާނޫނު ވަނީ އެކުލަވައިލެވިފައެވެ. އެގޮތުން "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" އަށް އަމަލުކުރަން 2009ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަށާފައިވާ ކަމަށް ހުކުމުގައިވެއެވެ.

ދައުވާ ލިބޭ މީހާގެ ފަރާތުން ޖޫން 22، 2021ގައި ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި މިކަން ފާހަގަކޮށްފައިވެއެވެ.

އެ ކަމަށް ރިއާޔަތްކޮށް ހައި ކޯޓުން އިއްޔެ ވަނީ އެ ދައުވާ އަކީ، އުސޫލާ ހިލާފަށް ހާއްސަ ގާނޫނަށް އިސްކަން ދިނުމެއް ނެތި އުފުލާފައިވާ ދައުވާއެއް ކަމުން 2021 ވަނަ އަހަރު ދަށު ކޯޓުން އިއްވި ހުކުމް ބާތިލު ކަމަށް ނިންމައިފައެވެ.

މީގެ ކުރިން މިދިޔަ މެއި މަހު ދައުލަތުން ވެސް ވަނީ އެ މައްސަލަ ފާހަގަކޮށް ދަށު ކޯޓުގެ ހުކުމް ބާތިލުކުރުމަށް އެދިފައެވެ. އެގޮތުން މެއި މަހުގެ 16ވަނަ ދުވަހު އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ އެ މައްސަލަ ހުށަހެޅި އިރު ހާއްސަ ގާނޫނު އޮތްކަމަށާއި އެ ހާލަތުގައި އަމަލުކުރަންޖެހޭނީ ހާއްސަ ގާނޫނަށް ކަން ފާހަގަކޮށްފައެވެ.

އެ މައްސަލައިގައި ދަށު ކޯޓުގެ ހުކުމް ބާތިލު ކުރަން ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔަރު ދީބާނާޒް ފަހުމީއެވެ.

comment ކޮމެންޓް