ސައުދީގައި މަސައްކަތްކުރަން ބޭނުން، އެ ލީގުން އަހަރެން ފެންނާނެ: މޮރީނިއޯ

ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ -- ފޮޓޯ/ ގެޓީ

ސައުދީ އަރަބިއާގައި މަސައްކަތްކުރަން ބޭނުންވާ ކަމަށް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ ހޯދުމަށް ސައުދީގެ ކްލަބުތަކަކުން މީގެ ކުރިން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޔޫރަޕުގައި ރޯމާއާއެކު ހޯދަމުންދާ ކާމިޔާބީތައް އިތުރުކުރުމަށް މޮރީނިއޯ ވަނީ 2024 ވަަނަ އަހަރު ކޮންޓްރެކްޓް ނިމުމަކަށް އަންނަންދެން އެ ކްލަބުގައި މަޑުކުރުމަށް ނިންމައިފައެވެ.

މޮރީނިއޯ ވަނީ ސައުދީގެ މަހްދު އެކަޑަމީގެ ޑިރެކްޓަރުންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ސައުދީގައި މަސައްކަތްކުރުމާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. އޭނާ ބުނެފައިވަނީ، އެކަމާ ވިސްނާނެ ކަމަށެވެ.

"އަހަރެންނަށް ވަގުތެއް ވެއްޖެ ނަމަ، ސައުދީއަށް ޒިޔާރަތްކުރާނަން. އަދި އަހަރެން ބޭނުން ސައުދީގައި މަސައްކަތްކުރަން ވެސް. އަހަރެންނަކަށް ނޭނގޭ ކޮން އިރަކުން ކަމެއް، އެކަމަކު އެކަން ކުރާނަން. އަހަރެންނަށް ސައުދީން އަބަދުވެސް ފުރުސަތު އޮވޭ. އަހަރެން އެތަނުގެ ކުރިއެރުންތައް ބަލައިލަން ބޭނުން،" 'އެމްބީސީ އިޖިޕްޓް ޓީވީ ޗެނަލް'އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

މޮރީނިއޯ ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުން ޔޫރަޕްގެ މޮޅެތި ކުޅުންތެރިންތަކެއް ސައުދީއަށް ބަދަލުވުމަކީ އެގައުމުގެ ފުޓުބޯޅަ ބަދަލުކޮށްލާނެ ކަމެއް ކަމަށާއި ސައުދީއަށް ބަދަލުވަނީ ހަމައެކަނި ކެރިއަރު ނިންމާލަން ބޭނުންވާ ކުޅުންތެރިން ނޫން ކަމަށެވެ.

ފާއިތުވެދިޔަ ދެ ސީޒަނުގައި މޮރީނިއޯއާއެކު ރޯމާގެ ނަތީޖާތައް ރަނގަޅު ނަމަވެސް، މިސީޒަނުގައި އަދި އެ ކްލަބަށް ރަނގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. އިޓާލިއަން ސެރީއާގެ 13 ވަނައިގައި އޮތް ރޯމާއަށް ހަތް މެޗުން އަދި ހޯދިފައިވަނީ އަށް ޕޮއިންޓެވެ.

comment ކޮމެންޓް