ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެއާ މިއަދު ހަތަރު ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވަނީ ޅ. ނައިފަރާއި ށ. ގޮއިދޫއިން ކަމަށެވެ. މިއަދު ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވަނީ އއ. ފެރިދޫއާއި ބ. މާޅޮހުންނެވެ.
މި ހަތަރު ރަށުން ވެސް ރިޕޯޓުކޮށްފައި ވަނީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ރަށުގައިހެން ފެންބޮޑު ވެގެންނެވެ.
"ޅ. ނައިފަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގައި އެއްކޮށް ކަހަލަ ގޮތަކަށް ފެންބޮޑުވެ އާންމު ފަރުދުންގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފައި. އަދި ށ. ގޮއިދޫގައި ވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެގެން ވަނީ ރިޕޯޓުކޮށްފައި،" އެންޑީއެމްއޭގެ ބަޔާނުގައި ބުންޏެވެ.
"މިއަދުގެ ވަގުތެއްގައި އއ. ފެރިދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ވަނީ ފެންބޮޑުވެފައި އަދި ދެ ގެއަކަށް ދިރިއުޅުމަށް ދަތިވާ ވަރަށް ފެންބޮޑުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި. އަދި ބ. މާޅޮހަށް ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެގެން ވަނީ ރިޕޯޓުކޮށްފައި،"

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި-- ފޮޓޯ/ އެންޑީއެމްއޭ
އެހެން ނަމަވެސް މި ހަތަރު ރަށުން އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތްތަކަށް ގޮސްފައިނުވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ރަށްރަށުގައި ކައުންސިލްތަކުން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް މެންދަމު ވާރޭވެހި ގެއަށް ފެންވަނުމުގެ ސަބަބުން ފަރުނީޗަރާއި ކަރަންޓު ސާމާނަށް ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އެދިފައިވެއެވެ.
އެންޑީއެމްއޭއިން އިތުރަށް ބުނީ ވިއްސާރައިގެ އެލާޓު ނެރޭ ރަށްތަކުގެ ހާލަތު އެ އޮތޯރިޓީން 24 ގަޑިއިރު މޮނީޓާ ކުރަމުންދާ ކަމަށެވެ. އެގޮތުން ފެންބޮޑުވާ ހާލަތްތަކުގައި ލަސްނުކޮށް އެ އިދާރާއަށް ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.