ވޯލްޑް ކަޕް 2030 މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައި ބޭއްވުމަށް ފީފާއިން އިއުލާންކޮށްފިއެވެ.
މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައި ވޯލްޑް ކަޕް ބޭއްވުމަށް ނިންމާފައިވަނީ ފީފާގެ ކައުންސިލް ބައްދަލުވުމުގައެވެ. އެކަން ރަސްމީކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ބާއްވާ ފީފާ ކޮންގްރެސްގައެވެ.
މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައި ވޯލްޑް ކަޕް 2030 ބޭއްވުމަށް ނިންމާފައިވީ ނަމަވެސް، މުބާރާތް ބާއްވަން ފެށިތާ ގަރުނެއް ފުރުން ފާހަގަކުރުމުގެ ގޮތުން ވޯލްޑް ކަޕް 2030ގެ ފުރަތަމަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދެކުނު އެމެރިކާގެ އުރުގުއާއީ، އާޖެންޓީނާ އަދި ޕެރަގުއޭގައެވެ. ގަރުނެއް ފާހަގަކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ފުރަތަމަ ވޯލްޑް ކަޕް ބޭއްވި އުރުގުއާއީގެ ވެރިކަން ކުރާ ސިޓީ، މޮންޓެވީޑިއޯގައެވެ.
އަންނަ އަހަރު ބާއްވާ ފީފާ ކޮންގްރެސްގައި ވޯލްޑް ކަޕް 2034 ބޭއްވުމަށް ބިޑުކުރުމުގެ ފުރުސަތު ލިބޭނެއެވެ. ޔޫރަޕާއި އެފްރިކާ އަދި ދެކުނު އެމެރިކާގައި 2030ގެ ވޯލްޑް ކަޕްގެ މެޗުތައް ކުޅޭތީ، 2034ގެ ވޯލްޑް ކަޕަށް ބިޑު ކުރުމުގެ ފުރުސަތު ލިބޭނީ އޭޝިއާ އަދި އޯޝޭނިއާގެ ގައުމުތަކަށެވެ. މިހާރު ސައުދީ އަރަބިއާއިން ވަނީ ވޯލްޑް ކަޕް 2034 ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ވޯލްޑް ކަޕް 2030ގައި 48 ޓީމެއް ބައިވެރިވާނެއެވެ.
މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަނުންނަކީ އާޖެންޓީނާއެވެ.