ތަރައްގީއަށްޓަކައި، ޒަމާނީ ވިސްނުމާއި ޓެކްނޮލޮޖީއަށް ޓީޗަރުން އަހުލުވެރިކުރަންޖެހޭ: ރައީސް

މިދިޔަ އަހަރު ދިރާސީ އާ އަހަރު ފެށުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި އެސެމްބްލީގައި ރައީސް ބައިވެރިވެވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ގައުމީ ތަރައްގީއަށް ޓަކައި، ޒަމާނީ ވިސްނުމާއި ޓެކްނޮލޮޖީއަށް ޓީޗަރުން އަހުލުވެރިކުރުމަކީ މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިތާބުގައި ވިދާޅުވީ، ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކާ ދިމާއަށްކަމަށެވެ. އަދި ދުނިޔެއަށް އަންނަ އިގުތިސާދީ، އިޖްތިމާއި ބަދަލުތަކާ އެއް ހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ތައުލީމީ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިތާބުގައި، ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާ އެކުކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުން ކަމަށާއި ޓީޗަރުންގެ އެ މުހިންމު ގައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމާއެކު، އެކަމުގައި ރީތި ނަމޫނާ ދެއްކުމަކީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ހެޔޮކުރުމަށް ޓަކައި ކުރެވޭނެ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިންގެ ދީނީ އަގީދާ އާއި ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިއަޔަތްކޮށް، ކުޑަކުދިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި ވަނީ ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ، ސްކޫލް މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެމީހުންގެ އާއިލާތަކަށް ފޮނުއްވާފައިވެއެވެ.

comment ކޮމެންޓް